އެތުލެޓިކޯގެ ބައެއް އޮފިޝަލުންނާ އެކު އަތޯ (ވ.2) ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ
28 ޑިސެމްބަރ 2018 - 10:33
ޕާކިސްތާންގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަތޯ ތަންސީރާއި އޭނާގެ ބޭބެ އުމަރު ޝެއިހަކީ ފުޓްބޯޅަ އަށް މަރުދޭ ދެ މީހުންނެވެ. ފުޓްބޯޅައިގެ އެންމެ އުހުގައި ޕާކިސްތާންގެ ނަން އޮތުމުގެ ހުވަފެން އެ ދެ މީހުން އަބަދުވެސް ދެކެ އެވެ. އެކަމަކު އެ ހުވަފެނުގައި ކުލަޖެއްސުމަކީ ހަގީގަތުގައި ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަތުގައި ފައިސާ ހުއްޓަސް ކުރަން ޖެހޭ މަސައްކަތުގެ ބުރަކަމަށް ބަލާފައި ބޭނުންވި ކަން އޮތީ ނުވެ އެވެ. އެކަމަކު އޭގެ މަންޒަރު މިހާރު އޮތީ ބަދަލުވާން ފަށައިފަ އެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ސްޕެއިނުގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑެވެ.
އަތޯ އާއި އުމަރު މަސައްކަތް ފެށީ ވިސްނުންތެރިކަމާއި އުއްމީދާ އެކު ފަސްބެލުމެއް ނެތި ކުރިއަށްދިއުމަށް އަޒުމުކަނޑައަޅައިގެންނެވެ. ކުރަން ޖެހޭ މަސައްކަތް ބޮޑު ނަމަވެސް ސަލާންޖަހައިގެން ވެސް ބޭނުންވާ މިސްރާބަށް ދިއުމަކީ އެ ދެ މީހުންގެ ބަދަލުނުވި ވިސްނުމެވެ.
އަތޯ އާއި އުމަރު ޕާކިސްތާނުގައި ހިންގަމުން އަންނަ ސުމަތުސް ސްޕޯޓްސް ފާމަށް ޔޫރަޕްގެ ކުލަތައް ގެނެސް މުޅި ދުނިޔޭގެ ލެވެލަށް ފުޅާ ކުރަން ފުރަތަމަ މަޝްވަރާކުރީ ރެއާލް މެޑްރިޑާ އެވެ. އެކަމަކު ރެއާލުގެ ވެރިންނަށް އެ ހިޔާލުވީ ޖޯކަކަށެވެ. ރެއާލުގެ ބޯޑު މެމްބަރުން އެ ކަމަށް ދެކޮޅު ހެދީ ޕާކިސްތާނުގައި ފުޓްބޯޅައިގެ ކުރިމަގެއް ނެތް ކަމަށް ބުނެ އެވެ. ރެއާލުން ހަމައެކަނި އަތޯ އާއި އުމަރަށް ދިން ހިތްހަމަޖެހުމަކީ އޭރު އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާނާ ބައްދަލުކޮށްލުމުގެ ފުރުސަތެވެ. އެ ބައްދަލުވުމުން ވެސް ލިބުނީ ހިތްވަރެވެ. ޒިދާން ދިން މެސެޖަކީ ހިތްވަރާ އެކު ފުޓްބޯޅަ އަށް ހިދުމަތް ކުރުމުން ހުއްޓާނުލުމެވެ.
ރެއާލުން އަތޯ އާއި އުމަރުގެ ހުށަހެޅުމަށް ފުރަގަސްދިން ނަމަވެސް އެ ހިސާބުން އެ ދެ މީހުން އަތްއުރާލައިގެން ނުތިބެ އެވެ. ޖެހިގެން އައި ދުވަހު އެ ދެ މީހުން ދިޔައީ ރެއާލުގެ އަވައްޓެރި ކްލަބް އެތުލެޓިކޯ ގާތަށެވެ. އަތޯ އާއި އުމަރުގެ ސުމަތުސް އެކެޑަމީގެ ވީޑިއޯތައް އެތުލެޓިކޯގެ ވެރިންނަށް ކަމުދިޔަ އެވެ. އެތުލެޓިކޯ އިން ބޭނުންވީ އެކެޑަމީގެ ނަން ރީބްރޭންޑްކޮށް ޕާކިސްތާނުގައި އެކަޑަމީގެ މަސައްކަތް ފުޅާކުރުމަށެވެ. އަދި ކަރާޗީ އާއި އިސްލާމްއާބާދުގައި ވެސް އެކެޑަމީގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.
"އަހަރެންގެ ވިސްނުމަކީ ޕާކިސްތާން ފުޓްބޯޅަ ގްރާސްރޫޓް ލެވެލުން ފެށިގެން ބަދަލުކުރަން. މިއީ ދިގު ރާސްތާ ދަތުރެއް. އެކަމަކު ހުވަފެނެއް އޮތިއްޔާ އެ ހާސިލްކުރުމުގެ ހިތްވަރާއި މަސައްކަތް ކުރިއަށްދިއުމުގައި ކެތްތެރިކަން އޮންނަންވާނެ. އަހަރެން މިހުރީ އެ ގޮތުގައި،" އަތޯ ބުންޏެވެ.
މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ މެޗެއްގެ ތެރެއިން ޕާކިސްތާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ
ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން މިދިޔަ އަހަރުތަކުގައި އެ ގައުމުގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. ސަސްޕެންޝަނުން ސަލާމަތްވެ، ތިން އަހަރަށް ފަހު ޕާކިސްތާން ފުރަތަމަ ކުޅުނު ފުޓްބޯޅަ މުބާރާތަކީ މި ފަހަރުގެ އޭޝިއަން ގޭމްސްގަ އެވެ. އަދި ސީނިއާ ޓީމުގެ ފުރަތަމަ މުބާރާތަކީ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް އެވެ.
އަތޯ ދެކޭގޮތުގައި ޕާކިސްތާނުގެ ފުޓްބޯޅަ އަލުން އާރާސްތުކުރުމަށް ކުރާ މަސައްކަތުގައި އެތުލެޓިކޯގެ އެހީތެރިކަމާ އެކު ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ އެވެ، މީގެ އޮތީ ދެ ފަރާތުން މީގެ އެއް މިސްރާބަކަށް މަސައްކަތް ކުރުމެވެ.
އެތުލެޓިކޯ އިން މިދިޔަ އޮކްޓޫބަރު މަހު ވަނީ ޕާކިސްތާނުގައި އެކެޑަމީ މަސައްކަތް ފަށައިފަ އެވެ. ހަމައެކަނި މަސައްކަތަކީ އެކަޑަމީގައި ކުޅުންތެރިން ތަމްރީން ކުރުމެއް ނޫނެވެ. ޕާކިސްތާނުގެ ސްކޫލުތަކުން ކުޅުންތެރިން ސްކައުޓު ކުރުމާއި އެ ގައުމުގެ ކޯޗުން ތަރައްގީ ކުރުން ވެސް ހިމެނެ އެވެ. މި ކަމުގެ އެންމެ އިސް ފަރާތަކީ އެތުލެޓިކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ސްޕޯޓްސް ޑައިރެކްޓަރު/ކޯޗު ޑެނިއަލް ލިމޯނެސް އެވެ.
"ފުޓްބޯޅަ އަކީ ހުރިހާ ކަމެއް ގުޅުވާލަދޭ ކުޅިވަރެއް. ދުނިޔޭގައި އޮތް ކޮންމެ ގައުމެއްގައި ވެސް އަމިއްލަ ވަންތަ ގޮތްތަކެއް އޮވޭ. ސަގާފަތާއި އާދަކާދަ މި ކަންތައްތަކުގެ ތެރެއިން ހުވަފެން ހާސިލްކުރުން އޮންނަނީ އުނދަގޫވެފައި. އެކަމަކު މަސައްކަތް ކުރުން އޮތީ. އަހަރެމެން މި ތަނުގައި މި ކުރެވޭ ތަޖުރިބާ އާދަޔާހިލާފު. އުއްމީދުގެ ކުލަތައް މި ކުދިންގެ މޫނުމަތިން ފެންނަނީ،" ލިމޯނެސް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
ޕާކިސްތާނަށް މީގެން ފައިދާތަކެއް އޮތްއިރު، އެތުލެޓިކޯ އަށް ވެސް މަންފާތަކެއް އެބަހުއްޓެވެ. އޭޝިއާ އަކީ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް މާކެޓެވެ. ދާދި ފަހުން ފޭސްބުކް މެދުވެރިކޮށް ސްޕެނިޝް ލީގު މެޗުތައް ދެކުނު އޭޝިއާގެ ގައުމުތަކަށް ހިލޭ ބެލޭގޮތް ހަމަޖެއްސުމުގެ ފަހަތުގައި ވެސް ގިނަ ސަބަބުތަކެއް އެބައޮތެވެ. އެންމެ ބޮޑު ސަބަބަކީ މާލީ ގޮތުން ލިބޭ ފައިދާތަކެވެެ.
އެތުލެޓިކޯ އަކީ ބާސެލޯނާ އާއި ރެއާލަށް ފަހު މުޅި ދުނިޔޭގައި އެންމެ މަގުބޫލު ސްޕެއިނަށް ނިސްބަތްވާ ކްލަބެވެ. ދެކުނު އޭޝިއާގައި ސްޕެނިޝް ލީގު ބަލާ މީހުންގެ އަދަދު ގާތްގަނޑަކަށް 400 މިލިއަނަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެތުލެޓިކޯގެ ވިސްނުމަކީ މި ސަރަހައްދަށް އެކެޑަމީގެ މަސައްކަތްތައް ފުޅާކޮށް އެ ކްލަބަށް ކުޅުންތެރިން ހޯދުމުގެ އިތުރުން އެތުލެޓިކޯގެ ބްރޭންޑް މި ސަރަހައްދުގައި ވަރުގަދަކޮށް އާމްދަނީ އިތުރުކުރުމެވެ.
އެތުލެޓިކޯ އިން ވަނީ މީގެ ކުރިން އިންޑިއާގެ ސުޕަ ލީގުގައި ވާދަކުރަމުން އަންނަ ކަލްކަތާ އަށް ނިސްބަތްވާ ޓީމުގެ ހިއްސާދާރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރު އިންޑިއާގެ ވިޔަފާރިވެރިއަކު ވަނީ އެތުލެޓިކޯ ޑި ކަލްކަތާގެ ހުރިހާ ހިއްސާއެއް ގަނެފަ އެވެ. އެތުލެޓިކޯ އިން މިހާރު ވެސް އަންނަނީ ކަލްކަތާގައި ބައެއް ސްޕޯޓްސް ފެސްޓިވަލްތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
29 December 2018
ކޮބާ ފެނޭތަ؟؟ ފެނޭ ދޯ.
އިހްސާސް
29 December 2018
އިސާހިތަކު ޕާކިސްތާނުވެސް ސާފް ދޫކޮށް އެހެން ހިސާބަކަށް ހިނގައިދާނެ.
މާނީ
29 December 2018
ދިވެހި ރާޖޭގަވެސް ރަގަޅު ވާނެ ބޮޑު ކުލަބެ އެއްގެ އެކެޑެމީއެއް ހުޅުވާފިޔާ މި އުޅޭ މުއްސަދިން ސިޔާސީ ކޯޅުން ކޯޅުނަސް ދިވެހި ފުޓްބޯޅަޔައް ފައިދާ ވާ ކަމެއް ކުރިޔާ ދިވެހި ހުނަރުވެރި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން އެބަ ތިބި ގައިމުވެސް ޕާކިސްތާނައް ވުރެން ހުނަރުވެރި މޮޅު ކުޅުންތެރިން މާގިނަ ވާނެ ކަން ޔަގީން.
އޭ.އެން
30 December 2018
އެތްލެޓިކޯއަކަށް ފީސިބްލް އެއް ނޫން އާބާދީ ކުޑަވީމަ. އެއްވެސް ފަރާތަކުން ފައިދާ ނުވާނެ ކަމެއް ނުކުރާނެ.
ބަކރު666
29 December 2018
މިގައުމުގެ ގިނަ ވިޔަފާރިވެން ބަލަނީ މަޖިލީހައް ކުރިމަތި ލެވޭތޯ......