ބަޔާނުގެ ޑިފެންޑަރު ހަމެލްސް.-- ފޮޓޯ: އޭއެފްޕީ
11 ޖެނުއަރީ 2019 - 12:11
ލިވަޕޫލް (ޖެނުއަރީ 11) - ލިވަޕޫލުގެ ޑިފެންސްލައިނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުން ކުރިއަށް ހުރި މެޗުތަކުގައި އަރައިނުގަނެވިއްޖެނަމަ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކްގެ މެޓްސް ހަމެލްސް ނުވަތަ ޗެލްސީގެ ގެރީ ކޭހިލް ގެންނަން ލިވަޕޫލުން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ޑިފެންޑަރެއް ގެންނާނެ ކަމަށް ބެލެވުނީ މިދިޔަ މަހު އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޖޯ ގޯމޭޒާއި ޖޮއެލް މަޓިޕަށް އަނިޔާވެ މަހަކަށް ވުރެން ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. މަޓިޕާއި ގޯމޭޒް މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނައިރު ކުޅުމަށް އަނބުރާ އާދެވޭ ސީދާ ތާރީހެއް ނޭނގޭ ކަމަށް ލިވަޕޫލުން ވަނީ ބުނެފަ އެވެ.
ލިވަޕޫލުގެ ފަހަތަށް އިތުރު މައްސަލަތައް ކުރިމަތިވީ އެންމެ ފަހުން އެފްއޭ ކަޕްގައި ވުލްވްސް އަތުން ބަލިވި މެޗުގައި ޑޭޔާން ލޮވްރެން އަށް އަނިޔާވުމުންނެވެ. އެ މެޗުގައި ލޮވްރެންގެ ބަދަލުގައި ކުޅެން އެރީ އުމުރުން 16 އަހަރުގެ ކި-ޔާނާ ހޮއެވާ އެވެ. މި ވަގުތު ލިވަޕޫލުގައި ފިޓްކޮށް ހުރި ސީނިއާ ހަމައެކަނި ސެންޓްރަލް ޑިފެންޑަރަކީ ވާޖިލް ވެން ޑައިކް އެވެ.
ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ބިލްޑުން ރިޕޯޓްކުރާ ގޮތުގައި ލިވަޕޫލުގެ ޑިރެކްޓަރު މައިކަލް އެޑްވާޑާއި ކޯޗު ޔާގެން ކްލޮޕް ވަނީ އިތުރު ޑިފެންޑަރެއް ގެންނަން މަޝްވަރާކޮށްފަ އެވެ. އެ ގޮތުން ލޯން އުސޫލުން ތަޖުރިބާކާރު ޑިފެންޑަރެއް ލިބޭތޯ ބެލުމަށް ވަނީ އަންގައިފަ އެވެ. ކްލޮޕްގެ ވިސްނުމުގައި ހުރީ އޭނާއާ އެކު ޑޯޓްމަންޑުގައި މަސައްކަތްކުރި ހަމެލްސް ނޫނީ ޗެލްސީން ފުރުސަތު ނުލިބި ހުރި އުމުރުން 33 އަހަރުގެ ކޭހިލް ގެންނާށެވެ.
ޗެލްސީގެ ޑިފެންޑަރު ކޭހިލް. -- ފޮޓޯ: އޭއެފްޕީ
ފޯމު ދަށްވުމުގެ ސަބަބުން ބަޔާނުގެ ކޯޗު ނިކޯ ކޮވަޗުގެ އިތުބާރު ހަމެލްސް އަށް ވަނީ ގެއްލިފަ އެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ގިނަ މެޗުތަކެއްގައި ހަމެލްސް ނުފެނެ އެވެ. އެކަމަކު ފަހަކަށް އައިސް ފިޓްކޮށް ހުރި ނަމަވެސް ބަޔާނުން ގިނަ މެޗުތަކެއް ކުޅުނީ އުމުރުން 30 އަހަރުގެ ހަމެލްސް ބެންޗުގައި ބައިންދައިގެންނެވެ. އެ ފުރުސަތުގެ ބޭނުންހިފައި ލިވަޕޫލުން ހަމެލްސް ހޯދަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އޭގެ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބަޔާން ނުކުންނަން ޖެހެނީ ލިވަޕޫލާ ދެކޮޅަށް ކަމަށް ވުމެވެ.
ތަޖުރިބާކާރު ޑިފެންޑަރު ކޭހިލް ހޯދަން އިނގިރޭސި ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު ޗެލްސީން އަންނަނީ އޭނާ ދޫކޮށްލަން ދެކޮޅު ހަދަމުންނެވެ. އަދި އަމުދުން ލީގަށް ވާދަކުރަމުން އަންނަ ޓީމެއް އިތުރަށް ވަރުގަދަވާނެ ގޮތަކަށް ޗެލްސީން އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ދޫނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމެލްސް އާއި ޖޭހިލް ނުލިބިއްޖެނަމަ ދެން ލިވަޕޫލުގެ ލިސްޓުގައި އޮތް އަނެއް ކުޅުންތެރިއަކީ ބާންލީ އަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު ޖޭމްސް ޓަކޯވްސްކީ އެވެ. އެކަމަކު ބާންލީން އޭނާ ވިއްކަން ކިޔާ އަގުބޮޑު ކަމުން ލިވަޕޫލުން ބިޑްކުރުމުގެ ފުރުސަތު ކުޑަކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy