މޯހަން ބާގަން ކުޅުންތެރިއަކު ކައިރިން މާޒިޔާގެ އީސަ (ވ) ބޯޅަ ހިފައިގެންދަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
24 މެއި 2016 - 10:06
އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބްތައް 2004 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނީ އެންމެ ދެ އަހަރު އެވެ. ނިއު ރޭޑިއަންޓުން 2005 ވަނަ އަހަރު މުބާރާތުގެ ތިން ވަނަ ހޯދައި އަދި 2013 ވަނަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ނަމަވެސް ޖުމްލަކޮށް ރާއްޖޭގެ ކްލަބްތަކަށް މުބާރާތުގައި އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އެފްއޭއެމްގެ ކަލަންޑަރަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީ، އޭއެފްސީ ކަޕުގައި ވާދަކުރާއިރު ކްލަބްތަކަށް ލިބޭނެ ބޮޑު ފައިދާއަކަށްވާނެ އެވެ.
ރާއްޖޭގެ އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަހަކަށް އައިސް ފަށަނީ މާޗް މަހުގެ ފަހުންނެވެ. އޭގެ ކުރިން އާ ސީޒަނަށް ކުޅުންތެރިންނާ އެކު ޓީމުތައް ވަރުގަދަ ކުރިނަމަވެސް ވާދަވެރި މެޗެއް ކުޅެލުމުގެ ފުރުސަތު ނުލިބެ އެވެ. މީގެ ކުރިން ސީޒަން ފެށުމުގެ ކުރިން އޮންނަ ކަޕް ވިނާސް ކަޕް މިހާރު ނުބާއްވަ އެވެ. މިދިޔަ އަހަރު ސީޒަން ފެށުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ދެ ކްލަބާ އެކު ވަނީ ޕީޕަލްސް ކަޕްގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެފަ އެވެ. އެހެން ނަމަވެސް މި އަހަރު އެ މުބާރާތެއް ނެތެވެ. އޭއެފްސީ ކަޕްގައި މި އަހަރު ވާދަކުރި ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި މާޒިޔާ ސީޒަން ފަށަން ޖެހުނީ ވެސް އެ މުބާރާތުންނެވެ. އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖެ ނޫން އެހެން ގިނަ ގައުމުތަކުގައި ލީގުތަށް ފަށަނީ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގަ އެވެ. އެހެން ކަމުން އޭއެފްސީ ކަޕް ފެށުމުގެ ކުރިން އެހެން ގައުމުތަކުގެ ޓީމުތަކަށް ވާދަވެރި ރަނގަޅު މެޗުތަކެއް ލިބި މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށް ފުރުސަތު ލިބެ އެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި ކާޔާ ކުޅުންތެރިއަކު ކައިރިން ނިއުގެ ހަމްޕު (ވ) ބޯޅަ ހިފައިގެންދަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ
ރާއްޖޭގެ ލީގު ސިސްޓަމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާ މި ދަނޑިވަޅުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހިފައި އޮތް އެއް ކަމަކީ ލިބިފައިވާ ހަމައެކަނި ކްލަބް ފެންވަރުގެ ބައިނަލް އަގްވާމީ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރުމުގެ ގޮތުން ލީގު ފެށުން އަވަސްކުރުމެވެ. އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާއެއް ނުނެރެވި އަހަރުތަކެއް ގުނަން ޖެހިއްޖެނަމަ އޭއެފްސީން މި މުބާރާތުގައި ރާއްޖެ އަށް ދީފައިވާ ދެ ޖާގަ ހަނިކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންކަމުން އޭއެފްސީ ކަޕުގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ދިނުމަށް، ލީގު ފެށުން އަވަސްކުރަން ޖެހެ އެވެ.
އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް ރަނގަޅު ފެންވަރުގެ ބިދޭސީ ކުޅުންތެރިން އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތަކުން ގެނެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް މި ކުޅުންތެރިން އޭއެފްސީ ކަޕްގެ މެޗުތަކަށް އަރުވަންޖެހެނީ ވާދަވެރި މެޗުތަކެއް ނުލިބި ޕްރެކްޓިސްގައި ދައްކާ ކުޅުމަށް ބަލައިގެންނެވެ. ގިނަ ފަހަރު ޕްރެކްޓިހުގައި ދައްކާ ކުޅުން މެޗުތަކުގައި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ނުފެނެ އެވެ.
ލީގު ފެށުން އަވަސްކުރެވިއްޖަނަމަ ނުވަތަ އެހެން މުބާރާތެއް އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމުތަކަށް ކުޅެލަން ލިބިއްޖެނަމަ ބިދޭސީ ކުޅުންތެރިން ޓެސްޓު ކޮށްލުމަށް އެ މުބާރާތުގެ މެޗުތައް ބޭނުން ކުރެވިދާނެ އެވެ. އެހެންވެއްޖެނަމަ ރަނގަޅު ފެންވަރެއްގައި އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ކްލަބްތަކަށް ފަސޭހަވާނެ އެވެ.
ރާއްޖޭގެ ކޯޗުންގެ ތެރެއިން އޭއެފްސީ ކަޕްގައި ޓީމުތަކަށް އިރުޝާދު ދިން ކޯޗުން ވަރަށް މަދެވެ. އޭއެފްސީ ކަޕް މެޗުތަކުގައި އެންމެ ގިނައިން ކޯޗުކޮށްދީފައިވަނީ މާޒިޔާގެ ކޯޗު އަލީ ސުޒޭނެވެ. ސުޒޭން ބުނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާ ނެރުމަށް ވަރަށް ފުޅާދާއިރާއެއްގައި ވިސްނުމަށް ފަހު ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"އޭއެފްސީ ކަޕްގައި ކުޅެން މި ޖެހެނީ ޕްރެސްޓިސްތަކެއް ކޮށްލާފައި. މެޗެއް ކުޅެލާކަށް ނުލިބޭ. ބައިނަލްއަގުވާމީ މުބާރާތެއްގައި މެޗު އެކްސްޕީރިއަންސެއް ނެތި ނަތީޖާ ނެރުމަކީ ފަސޭހަ ކަމެއް ނޫން،" ސުޒޭން ބުންޏެވެ.
މާޒިޔާގެ ކޯޗު އަލީ ސުޒޭން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
ސުޒޭން ބުނީ ލީގު ފެށުން އަވަސްވެއްޖެ ނަމަ އޭއެފްސީ ކަޕްގައި ކުޅުމުގެ ކުރިން ރަނގަޅު މެޗުތަކެއް ލިބި ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އޭއެފްސީ ކަޕްގައި ކުޅެން މި ޖެހެނީ މެޗެއް ނުލިބި. އެކަމަކު އިދިކޮޅަށް ނުކުންނަ ޓީމު މި އަންނަނީ އެ ގައުމުގެ ލީގުގައި ހަ މެޗު ނޫނީ ހަތް މެޗު ކުޅެފައި. މި ވަރުގެ ތަފާތެއް އޮއްވައި ނަތީޖާ ނެރެން އުނދަގޫވާނެ. އަޅުގަނޑަށް ހީވާ ގޮތުގައި އޭއެފްސީ ކަޕުން ސީޒަން ފަށާ ހަމައެކަނި ގައުމީ ރާއްޖެ އަަށް ވުން ގާތް،" ސުޒޭން ބުންޏެވެ.
ނިއު ރޭޑިއަންޓްގެ ކޯޗު ޔޮރްދާން ސްޓޮއިކޮފް ބުނީ އޭއެފްސީ ކަޕްގެ މެޗުތަކަށް ނުކުންނައިރު އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަ ނުކުރެވުން ކަމަށެވެ.
"ރާއްޖޭގެ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ އަބަދު ވެސް ދިމާވޭ. ދެން ރަނގަޅު ޕްރީ ސީޒަނެއް ނެތި މެޗުތަކެއް ނުލިބި އޭއެފްސީ ކަޕްގައި ނަތީޖާ ނެރުމަކީ ފަސޭހަ ކަމެއް ނޫން. އެއީ އިދިކޮޅަށް ނުކުންނަ ޓީމުތަކުގެ ތައްޔާރީތަކާ އަޅާކިޔާއިރު ރާއްޖޭގެ ކްލަބްތައް އޮތީ ވަރަށް ފަހަތުގައި،" ސްޓޮއިކޮފް ބުންޏެވެ.
ސްޓޮއިކޮފް ބުނީ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ރަނގަޅު ތައްޔާރީތަކަކާ އެކު ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕްގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy