ކުޅިވަރު / އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭ އާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ހަންނަ ސްކޮޑުގައި ނެތް!

ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) އާއި މިދިޔަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ކޯޗު ޕީޓާ ސެގާޓް ފުރުސަތެއް ނުދިނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ދަގަނޑޭ އަށް ސެގާޓް ފުރުސަތު ނުދޭން ފެށީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. އަދި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ދިޔަ ޓީމުން ވެސް ފުރުސަތު ނުދެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަތަކަވެ. ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލަ އަށް ފަހު، ސެގާޓް ބުނީ އެ އެކަމުގައި ދަގަނޑޭ މައާފަށް އެދުނީ މާ ލަހުން ކަމަށެވެ. އަދި ބައެއް ފަހަރު އޭނާ މާ މުސްކުޅީ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު އޭނާއާ ދާދި އެއް އުމުރެއްގެ ކުޅުންތެރިން ވެސް މިދިޔަ އަހަރު ސްކޮޑުގައި ހިމެނި އެވެ. ދެން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޒުވާން ކުޅުންތެރިންގެ ޓީމެއް ބިނާ ކުރާ ވާހަކަ އެވެ. އެކަމަކު މިދިޔަ އަހަރު އެންމެ މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ ހަންނަ އަށް ފުރުސަތު ނުދިނުމުން އަނެއްކާ ވެސް މިވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

އެފްއޭއެމުން ވަނީ ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގެ ކުޅުންތެރިން ގައުމީ ޓީމަށް ވީއްލައިދިނުމަށް އެދި ކްލަބްތަކަށް ސިޓީ ފޮނުވައިފަ އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި ގްރީން ސްޓްރީޓްސް އިން ވީއްލައިދޭން އެދުނު ލިސްޓުގައި ދަގަނޑޭގެ އިތުރުން ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން މުހައްމަދު އުމެއިރު ވެސް ނުހިމެނެ އެވެ. އުމެއިރު މިދިޔަ އަހަރު ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީކުރީ އަނިޔާގައި ހުރި ކަމަށް ބުނެ އެވެ. އަދި މި ފަހަރުގެ ސްކޮޑުގައި މުހައްމަދު އާރިފް (ބަކާ) ވެސް ނުހިމެނެ އެވެ. ބަކާ އަކީ އުމުރުން ދުވަސްވީ ކުޅުންތެރިން ނުނަގާނެ ކަމަށް ބުނެ އެކަމަކު، ސާފް ސްކޮޑުން ފުރުސަތު ދިން ސީނިއާ ކުޅުންތެރިޔެކެވެ.

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުން ވެސް އުމުރުން 33 އަހަރުގެ ދަގަނޑޭ އަށް ފުރުސަތު ނުލިބުނަސް އޭނާ ވަނީ ކްލަބް ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ނިއު ރޭޑިއަންޓާ އެކު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށް އަދި ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ދިރާގު ދިވެހި ލީގު ކާމިޔާބުކުރި އެވެ.

ގައުމީ ކޯޗު ސެގާޓް (ކ) އާއި ދަގަނޑޭ. -- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުން ފުރުސަތު ގެއްލި ކުރިމަތިވި މާޔޫސްކަމާ އެކު ވެސް ލިބުނު ކާމިޔާބަށް އިޝާރާތްކޮށް ދަގަނޑޭ ބުނީ ދިމާވި ދަތިތަކާ އެކު ވެސް މި ކާމިޔާބީ މިންވަރުކޮށްދެއްވީތީ މާތްﷲ އަށް ހަމްދުކުރާ ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމުގެ އިޝާރާތެއް ވެސް ދަގަނޑޭ ދިނެވެ.

"އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މިގޮތަށް ދެމި ހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާ އެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން ލިބުނު އެވޯޑަށް ފަހު ދަގަނޑޭ އާއްމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އުމުރުން 16 އަހަރުގައި 2001 ގެ ފަހުކޮޅު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ އެންމެ ފުރަތަމަ ގައުމީ ސްކޮޑުގައި ހިމެނުނީ، އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން 2003 ގެ ކުރީކޮޅެވެ. އެކަމަކު ފަހު ވަގުތު ދަގަނޑޭ ބާކީކޮށް ޓީމަށް ނެގީ އަހުމަދު ތޯރިގް (ޓޮމް) އެވެ. ދަގަނޑޭ ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް ކޯޗު ޔޯސެފް ޔަންކޭ ފަހުން އެއްބަސްވި އެވެ.

އެކަމަކު ދަގަނޑޭ ވަނީ ފައިނަލް ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރު، 2004 ގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީގައި މޮންގޯލިއާ އަތުން ރާއްޖެ 12-0 އިން މޮޅުވި މެޗުގައި ހަތަރު ލަނޑު ޖަހައި ގައުމީ ޓީމަށް އެއް މެޗުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން އެ ރެކޯޑް 2013 ގެ ސާފް ޗެމްޕިއަންޝިޕުގެ އަމިއްލަ އަށް މުގުރާލި ދަގަނޑޭ ވަނީ، 2004 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ގައުމީ ޓީމަށް ގަވާއިދުން ކުޅެފަ އެވެ. އެގޮތުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުއާމް އާއި ޗައިނާގެ އިތުރުން ސީރިއާ އަދި ފިލިޕީންސާ އެއް ގްރޫޕެއްގަ އެވެ. ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ރާއްޖެ އަށް އުއްމީދީ ގްރޫޕެއް ކަމަށާއި ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށެވެ. އެކަމަކު މީގެ އެންމެ މުހިއްމު ކަމަކީ ރަނގަޅު ސްކޮޑެއް ނެގުންކަން އެ ދުވަހު ސުޒޭން ވެސް ފާހަގަކުރި އެވެ.

ހަންނަ (ވ) މި އަހަރު އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގިނަ ޒުވާން ކުޅުންތެރިން ގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިން އަށް ތަޖުރިބާ ހޯދައިދޭން ކަމަށް ގައުމީ ކޯޗު ސެގާޓް ވަނީ ބުނެފަ އެވެ. އޭރު ބުނީ ވޯލްޑް ކަޕް ކޮލިފައިން އަށް ސީނިއާ ކުޅުންތެރިން ނަގާނެ ކަމަށާއި އައިއޯއައިޖީން ތަފާތު ދައްކާ ޒުވާން ކުޅުންތެރިންނަކީ ވެސް ކޮލިފައިންގައި މުހިއްމުވާނެ ކުޅުންތެރިން ކަމަށެވެ.

ކޯޗު ފުރުސަތު ނުދޭ ކުޅުންތެރިންގެ ތެރެއިން ހަންނަ އަށް އައިއޯއައިޖީ ސްކޮޑުން ވެސް ފުރުސަތު ނުދެ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގެ ޕްރިލިމިނަރީ ސްކޮޑުގައި ވެސް އޭނާ ހިމެނިފައިނުވެ އެވެ. މިިދިޔަ އަހަރު ސާފް ސުޒުކީ ކަޕްގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިފައި ފަހުން ބާކީވި ހަންނަ އަކީ ޒުވާން ކުޅުންތެރިންގެ ތެރެއިން ސީނިއާ ޓީމުން އެންމެ ފުރުސަތު ނުލިބި ބާކީވާ ކުޅުންތެރިޔެކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ތަޖުރިބާ ހުރި ކުޅުންތެރިންގެ މުހިއްމުކަން ބޮޑުވާނެ އެވެ. ރާއްޖޭން މިހާތަނަށް ވޯލްޑް ކަޕް ކޮލިފައިން ފަދަ ވަރުގަދަ މެޗުތަކުގައި ތަފާތެއް ދައްކާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭގޮތަށް ހަދާފައިވާ ޓީމުތައް ނެރެގެންނެވެ. ގިނަ ގައުމުތަކުން ވޯލްޑް ކަޕް ކޮލިފައިންގައި ޓީމު ނަގަނީ އެ ވަގުތެއްގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ބެލުމަށް ފަހު އެވެ.

33 ކޮމެންޓް, 126 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 12%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށުމީހާ

12 August 2019

މިޒާރުގެ ހަޑިހާވާފަމިބުނަނީ ދަނޑުފުރާލަދޭށޭ މީސިދާ އެސޯސިއޭޝަންގެ ރައީސްގެ ދައުރެއް އޮވެގެން ހިނގާ ކަންތަކާ ހާދަ ވައްތަރޭ

The name is already taken The name is available. Register?

އިބުރާ

11 August 2019

ދަގަނޑޭ ބަދަލުކުޅުން ތެތިއަކަށް ނަމަވެސް ޓީމުގައި ހިމަނަގެނަ ގެނަދަންޖެހޭ އެއީ ގައުމަށާއި ޓީމަށް ފައިދާހުރިގޮތަކީ އެހެނަނޫނީ ޖެހޭނީ ސުމެއްގައި! ދިވެހިރާއްޖޭގައި ގިނަވާނީ ދަގަނޑޭގެ ސަޕޯޓަރުން!

The name is already taken The name is available. Register?

ޙުސެން....

11 August 2019

ކޮބާތަ މިގައުމުގަ އުޅޭ ފުޓުބޯޅަ ކޯޗުންނާ ކުޅުންތެރިން... އެންމެން ވެއްޖެނު މި ކަން ރަގަޅުކުރަން... ހަމަގައިމު ގޯސްތަކެއް އެބައުޅޭނު މިކަމުގަ... ސޭގާޓް މާދަންވެސް ރަށައްދިޔައީމަ ނިމުނީ.... ހުރިހާ ލަދަކާ ދެރައެއް ހަމަ އަހަރުމެންނަށް އޮންނާނީ...

The name is already taken The name is available. Register?

ލީމީސެން

11 August 2019

ދެން ޒުވާނުން ކުރި އަރަން ފުރުސަތުދިނިއްޔާ ރަނގަޅުވާނީ... މިހާރު އޭޖު ކެޓީ ދެން...

The name is already taken The name is available. Register?

ފުރަޢިނ

11 August 2019

ރޮނާ ލްޑޯ އަދި މެސީވެސް

The name is already taken The name is available. Register?

އަސްލު ހަގީގަތް

11 August 2019

އަކުރަމް އަދި ސެންޓޭ އެއީ ޒުވާން ކުޅުންތެރިންތަ؟ ހަމަ ގައިމުވެސް މިކުޅުންތެރިންގެ އުމުރުން މިހާރު 30 ހަށްވުރެ މައްޗަށްދާނެ. ސެންޓޭ 30 އަދި އަކްރަމް 32. ދެން ކީއްވެ ދަގަނޑޭޔަށް ފުރުސަތު ނުދެނީ. އަނެއްކާ އޭނަގެ ފޯމެއް ނުކަޓާ. އަދިވެސް އެންމެ ހައި ލެވަލްގައި ކުޅޭ (ރާއްޖޭގެ ފެންވަރުގައި). ވަރަށް ސާފުކޮށް މިބުނީ ސެގާރޓަކަށް ރާއްޖޭގެ ޓީމު ގޮވައިގެން އޭޝިޔަން ކަޕަށް ކީއްކުރަން ގްރޫޕުގެ މެޗަކުންވެސް މޮޅު ނުވެވޭނެ.

The name is already taken The name is available. Register?

ޝިޔަޅޭ

12 August 2019

އޭޖުން ކެޓީމަ، އެންމެ ގިނަ ލަނޑު، އޭޖުން ކެޓީމަ އެންމެ މޮޅު ކުޅުންތެރިޔާ. ފުރުސަތު ދެވިދާނެ. ކޭން ހީ ބީ ރިޕްލޭސްޑް؟؟؟

The name is already taken The name is available. Register?

Hussain Waheed

12 August 2019

ތިވިސްނުނީ ވަރައް ހަނިގޮތަކަށް ޔޫރަޕް ވިސްނުމަކުން ބަލަންޖެހެޭ މިސާލަކަށް ރޮނާލްޑޯ ނެގުން ރަގަޅު،ދަގަޑޭ މިހާރު އެހެރީރަގަޅު ފޯމެއްގަ

The name is already taken The name is available. Register?

ބިސްބޮންގޮންގް

10 August 2019

ކޯޗާ އެފްއޭއެމް ސިޔާސީ ކޮށްގެންއުޅޭ ވެރިންގަޔަށް ކުނި ކުކުޅުބިހާ ކުނި ޓޮމާޓޯ ޖަހަންވީ! އިޓަލީން މިސާލުނަގަމާ؟ ފުޓުބޯޅަ އަވަދިވެ ނިމިއްޖެ! ފުޓުސަލް މުބާރާތެއްްބަލަންވެސް މިހާރު މާގިނަ މީހުން ވަންނާނެ!

The name is already taken The name is available. Register?

ދަންނަ ނުދަންނަ

10 August 2019

ކޯޗުގެ ނިންމުމަށް ތާއީދުކުރަން. ރާއްޖޭގެ ކުޅުންތެރިންގެ މައްސަލައަކީ އަޚުލާޤު ނެތުން. އެކަން ރަނގަޅުކުރެވޭނީ މިކަހަލަ ހަރުދަނާ ފިޔަވަޅު އަޅައިގެން.

The name is already taken The name is available. Register?

ވިލަރެސް

11 August 2019

އަހުލާގު ސުމެއް ހަމަ

The name is already taken The name is available. Register?

މަރޭ

10 August 2019

އަޖައިބެއް. ފުޓްބޯޅައިގައި ނަގާކިޔާ އެއްމެންވެސް ޗުޕު. ސީޒަނުގެ އެންމެ ފޯމުގައި ހުރި ދަގޭ އަދި ނިމިދިޔަ ސީޒަނުގައި އެންމެ މޮޅު. ކިހިނެއްތަ ވެގެން މިއުޅެނީ. ދަގޭ ފެންވަރުގަ ކުޅޭއިރު އޭނަ މިކަޓުވާލަނީ ހާދަ ފީކަޅާ ވީމައޭ ދޯ. އޭނަ ގެނޭ ޓީމަށް. ރީޖަންގަވެސް ނުއުފެދޭފަދަ މޮޅު ކުޅުންތެރިއެއް. އަދިވެސް ޓޮޕްލެވެލްގައި ކުޅެނީ. އެހެންވެއްޖިއްޔާ އޭނަ ނަގަން ޖެހޭ. ނޯ ޑޭމް އެކްސްކިއުޒް. އޭނަ ހުރިއްޔާ އެއީ ޓީމަށް ނުހަނު ބޮޑު ހިތްވަރެއް. ކޮންފިޑެންސް ބިލްޑް ވޭ.

The name is already taken The name is available. Register?

ކެންޑްރިކް

10 August 2019

އާން! ސެގާޓް ކުޅެނީ އަހަރުންގެ ލެޔާ

The name is already taken The name is available. Register?

މޯޑޭ

10 August 2019

ބަންސާމަކީ އެފްއޭއެމްކަހަލަ ތަނަކަށް ރައީސް ކަމަށް އަރާ އަރަފޯދިގެންވާ މީހެއް ނޫންކަށް މި ހާމަވަނި. އިންޔަރޭ ރާއްޖެގަ ހުރި އެއްމެ މޮޅު ކުޅުންތެރިޔާ ލިބުނި މީހާ ބާކީކޮށްފަ ގައުމީޓީމް މިނެގީ. އިސްތިއުފާއަށް ގޮވަންވީ ފެންނަ ހާ ތަކުން.

The name is already taken The name is available. Register?

އަހުމަދު ނަސީރު

10 August 2019

މިފަހަރުވެސް ތަޖުރިބާ ދަތުރެއް ބާ!

The name is already taken The name is available. Register?

ސެގަޓުގެ ކާފަ

10 August 2019

ދަގަނޑޭ ޓީމުގަ ނުހިމަނަނީ ސެގަޓު ގޮތް ދޫނުކުރަންވެގެން.... މިކަމުގެ ފުރަގަހުގައި ބައްސާމުވެސް ސެގަޓު އަށް ހިއްވަރުދޭ.... އަހަރުމެންގެ ގައުމީ ޓީމުގެ ހަގީގީ ކެޕްޓަން އަކީ އަދިވެސް ދަގަނޑޭ... އަހަރުމެން ދިވެހި ފުޓުބޯޅަ އަށް ލޯބި ޖެއްސީ ދަގަނޑޭގެ ހިއްގައިމު ކުޅުން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454