ތިއާގޯ ސިލްވާ ރާއްޖޭގެ ރިޒޯޓެއްގައި.
29 މެއި 2016 - 20:41
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ބްރެޒިލްގެ ތިއާގޯ ސިލްވާގެ އުއްމީދުތަކަކީ ކޮބާ ހެއްޔެވެ؟ ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުން ހެއްޔެވެ؟ ނުވަތަ ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު އުފުލާލުން ހެއްޔެވެ؟ ޔަގީނުން ވެސް އެނގޭ ކަމަކީ، އޭނާގެ ދެކެމުން އައި އެއް ހުވަފެނަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމެވެ. އޭނާ މިއަދު ޗުއްޓީ އަށް ފަހު ރާއްޖޭން ފުރައިގެން އެ ދިޔައީ އެ އުއްމީދު ހަގީގަތަކަށް ހަދައިގެންނެވެ.
ފްރާންސްގެ ޕީއެސްޖީއާ އެކު ފްރެންޗް ލީގު ކާމިޔާބުކުރުމަށް ފަހު އޭނާ ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރަން އައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ފުރަތަމަ ދުވަހުން ފެށިގެން މިއަދު ފުރުމާ ހަމަޔަށް އޭނާ އައީ އިންސްޓަގްރަމް މެދުވެރިކޮށް ރާއްޖޭގެ ފޮޓޯތައް ޝެއާކުރަމުންނެވެ.
ފުރަތަމަ ޝެއާކުރީ އަންހެނުންނާ އެކު މޫދަށް އެރި އޮވެ ނަގާފައިވާ ސެލްފީއެކެވެ. ކެޕްޝަން އެހާމެ ހިތްގައިމެވެ.
"ލޯބިވެރިޔާއާ އެކު، އަޖައިބުކުރުވަނިވި ތަނެއްގައި،" އޭނާ ލިޔެފައިވެ އެވެ.
ތިއާގޯ ސިލްވާ ރާއްޖޭގެ ރިޒޯޓެއްގައި.
އެއަށް ފަހު އޭނާ ހުއްޓިލީ ހިތްގައިމު ބީޗެއްގަ އެވެ. ހުދު ދޮންވެލިގަނޑުގެ މަތީގައި، ސާފު ބިއްލޫރިކޮޅެއް ފަދަ މޫދަށް ފުރަގަސްދީގެން ހުރެ ނަގާފައިވާ ފޮޓޯއާ އެކު ލިޔެފައިވާ މެސެޖަކީ، "އަހަންނަށް މިފަދަ އާދަޔާހިލާފު ހިނދުކޮޅުތަކެއްގެ އުފާވެރިކަން ދިނީތީ ޝުކުރުވެރިވަން،" ކަމަށެވެ. މޫނުމަތިން ފެންނަނީ އާދާޔާހިލާފު އުފާވެރިކަމެވެ.
އޭނާ ވަނީ ސްނޯކްލިން އަށް ވެސް ގޮސްފަ އެވެ. ސްނޯކްލިން ކުރާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް އިންސްޓްގަރަމްގައި ޝެއާކޮށްފައިވާއިރު މިވީޑިއޯ އަށް ދެލައްކަ ވިއުސް ވަނީ ލިބިފަ އެވެ.
މިއަދު ފުރަން ދިއުމުގެ ކުރިން އޭނާ ފޮޓޯނެގީ މޫދަށްވާ ގޮތަށް ހަދާފައިވާ ޕްރައިވެޓް ޕޫލެއް ކައިރީ ހުރެ އެވެ. އޭނާ އެ ފޮޓޯއާ އެކު ދިން މެސެޖަކީ ޗުއްޓީއަށް ފަހު އެނބުރި ދިއުމަށް އުނދަގޫވެފައިވާ ކަމެވެ.
"އަހަރެން ދިވެހިރާއްޖެ މިސްވާނެ. ހަގީގަތަކަށްވި ހުވަފެން،" ސިލްވާ ލިޔެފައިވެ އެވެ.
ޗުއްޓީ އަށް ފަހު އެނބުރި ޕެރިހަށް ދިއުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އައިސް އޭނާ ބައެއް ދިވެހިންނާ އެކު ފޮޓޯ ނެގި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 2012 ވަނަ އަހަރު އޭސީ މިލާނުން ޕީއެސްޖީ އަށް ބަދަލުވި ޑިފެންޑަރު ވަނީ ޕީއެސްޖީއާ އެކު ފްރާންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް 59 މެޗު ކުޅެދީފައިވާ ސިލްވާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ބްރެޒިލް ޓީމުގެ ކެޕްޓަނެވެ.
ތިއާގޯ ސިލްވާ (ކ) ޕީއެސްޖީގެ ފޯވާޑް އިބްރަހިމޮވިޗްއާ އެކު.
އޭނާގެ އިތުރުން ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ޔޫރަޕުގެ ފުޓްބޯޅަ ސީޒަން ނިމުމާ އެކު ރާއްޖެ އަށް މިސްރާބު ޖަހައިފަ އެވެ. ރާއްޖޭގައި ޗުއްޓީ މީގެ ކުރީ އަހަރުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑާ އެކު ރޭ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އަދި ނެދަލެންޑްސްގެ ވިންގާ އާޔެން ރޮބެން އަދި އިޓަލީގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
31 May 2016
މިސްވާނެ! ހިތުގާވެސް ޖެހޭނެ! ރޮވެންވެސް ރޮވޭނެ! ކަރުނަވެސް އަންނާނެ! އެކަމަކު އަހަރެން ހިތަށްއަރަނީ ރާއްޖޭމީހުން ރާއްޖޭގާއުޅެން ފޫހިވެގެން މިއުޅެނީ ކީތްވެބާއޭ! -އިބްރާހީމް-
ކަލޭ
30 May 2016
ރީތި ދޯ
ކަމަރު
30 May 2016
ވެލާ ޕްރަައިވެޓް އައިލެންޑް...
ޒަބީބު
30 May 2016
ތިވަރުގެ މަޝްހޫރުތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށް އެވާހަކަ ފެތުރުމަކީ ރާއްޖެ އިތުރަށް އިޝްތިހާރުވެ ޓުއަރިޒަމް އަށް ކުރިއެރުން ލިބޭނެކަމެކެވެ. އެހެންކަމުން އެފަދަ ތަރިންނަށް އާދަޔާ ޚިލާފު މެހްމާންދާރީ އެއް ލިބިގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.