ކުޅިވަރު / ކްލަބް އީގަލްސް

ހާލުގައި އޮތަސް މާޒިޔާ އަތުން ބޭނުމީ މޮޅެއް: ނިމާ

މިދިޔަ ސީޒަނުގައި އީގަލްސްގެ މެޗެއްގެ ތެރެއިން ނިމާ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ.

22 ޖެނުއަރީ 2021 - 10:58

ހެޑް ކޯޗެއް ނެތުމާއި އަނިޔާގެ މައްސަލަތަކާ ހެދި އީގަލްސްގެ ހާލަތު މި ވަގުތު ގޯސްކޮށް އޮތް ނަމަވެސް ބޭނުންވަނީ މިރޭ މާޒިޔާ އަތުން މޮޅުވާން ކަމަށް އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން އީގަލްސް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި ފަހުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް އީގަލްސް ނުކުންނާނީ ނިމާގެ އިރުޝާދުގެ ދަށުންނެވެ. ނިމާ ވަނީ ކުރިން އެކި ފަހަރުތަކުގައި ހެޑް ކޯޗެއްގެ ޒިންމާ ނަގައި އީގަލްސް ގޮވައިގެން މެޗުތަކަށް ނުކުމެފަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިމާ ބުނީ ކުއްލިގޮތަކަށް ކޯޗު ވަކިވިއިރު ޓީމު ވެސް މި އޮތީ އަނިޔާގެ ސަބަބުން ވަރަށް ހާލުގައި ކަމަށެވެ. އަދި މި ފަދަ ހާލަތެއްގައި ކުޅެން ޖެހިފައިމިވަނީ މި ވަގުތު ލީގުގެ އިތުރުން ރާއްޖޭގައި ވެސް އޮތް އެންމެ ވަރުގަދަ ޓީމު މާޒިޔާއާ ކަމަށްވާއިރު ކުރަން ޖެހޭ މަސައްކަތް ދެގުނަ ވެފައިވާ ކަމަށް ނިމާ ބުންޏެވެ.

ނިމާ ބުނީ އީގަލްސް މި ސީޒަނަށް ކުރިމަތިލިއިރު ލޯކަލް ކުޅުންތެރިންނަށް ބަލާއިރު ތިބީ 11 ނޫނީ 12 ވަރަކަށް ރަނގަޅު ކުޅުންތެރިން ކަމަށާއި ދެން ތިބި ކުޅުންތެރިން ތަޖުރިބާ މަދުވުމުން މެޗުތަކުގައި ބޭނުންކުރަން އުނދަގޫ ކަމަށެވެ.

އީގަލްސް އިން ބިދޭސީ ކުޅުންތެރިން ގެނައުން ލަސްވުމާއި ގެނައި ކުޅުންތެރިންނަކީ ރާއްޖެ އަށް އަލަށް އައި ކުޅުންތެރިން ކަމަށްވާތީވެ އެ ކުޅުންތެރިންނަށް އަދި މެޗުތަކުގައި ރަނގަޅަށް ނުކުޅެވުމަކީ ވެސް ޓީމަށް މި ވަގުތު އޮތް ގޮންޖެހުމެއް ކަމަށް ނިމާ ދެކެ އެވެ. ނިމާ ބުނީ މި ވަގުތު ހާލަތު އޮތްގޮތުން ތަޖުރިބާ ނެތް ކުޅުންތެރިން ވެސް އަރުވައިގެން ކުޅެން ޖެހޭ ކަމަށެވެ.

އީގަލްސް އިން މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-2 އިން މާޒިޔާ ބަލިކޮށް އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލި އެވެ. ނިމާ ބުނީ މިރޭގެ މެޗުގެ ޓާގެޓަކީ ވެސް މޮޅެއް ކަމަށެވެ.

"މާޒިޔާ މެޗަށް މި ފަހަރު ވެސް މި ނުކުންނަނީ ތިން ޕޮއިންޓަށް. މިއީ އީގަލްސް އަށް ނުވާވަރުގެ ކަމެއް ނޫން. އެކަން ސާބިތު ވެސް ކޮށްދީފައި އޮތީ. މި އަހަރު އެކަންޏެއް ނޫން. ވޭތުވެދިޔަ އަހަރުތަކަށް ބަލާލާއިރުގައި ވެސް. މާޒިޔާ މެޗުން ހާއްސަކޮށް ވަރަށް ހިތްވަރު ވެސް ކުރޭ ކުޅުންތެރިން. ވަރަށް އެފަޓްލާ މެޗެއް މިއީ. ނޭނގެ އެއީ އަނެއްކޮޅުން މާޒިޔާ ވީމަ ކަމެއް އެ ޓީމު ވަރުގަަދަ ވީމަ ކަމެއް،" ނިމާ ބުންޏެވެ.

ނިމާ ބުނީ މާޒިޔާ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ އީގަލްސްގައި ހުރި މައްސަަލަތަކަށް ހައްލެއް ހޯދަން ކޮންމެވެސް ވަރެއްގެ އިތުބާރެއް ލިބޭނެ ކަމަށެވެ. މިދިޔަ ސީޒަނުގައި ނިމާ ވަގުތީ ގޮތުން ހެޑް ކޯޗެއްގެ ގޮތުގައި ހުއްޓައި އީގަލްސް އިން ވަނީ މާޒިޔާއާ އެއްވަރުކޮށްފަ އެވެ. ނިމާ ބުނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ ކުޅުންތެރިން ކުރާ އިތުބާރު ކަމަށެވެ.

މާޒިޔާގެ ޕްރެކްޓިހުގެ ތެރެއިން ވިޑަކޮވިޗް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ އީގަލްސް އަކީ މާޒިޔާ އަށް އަބަދުވެސް ވަރަށް އުނދަގޫ މެޗެއް ކަމަށާއި އީގަލްސް އިން މާޒިޔާއާ ދެކޮޅަށް ނުކުންނަނީ ތަފާތު ރޫހެއްގައިކަން އޭނާ އަށް އެނގިފައިވާ ކަމަށެވެ.

"ބައެއް ޓީމުތައް ހުންނާނެ ވަރަށް އުނދަގޫކުރާނެ. އެ ކަހަލަ ޓީމެއް އީގަލްސް އަކީ މާޒިޔާ އަށް. އީގަލްސް އަބަދުވެސް މާޒިޔާއާ ދެކޮޅަށް ރަނގަޅަށް ކުޅޭ. އަހަންނަށް ނޭނގެ އެއީ ކީއްވެ ކަމެއް. އަހަރެމެން 100 ޕަސެންޓް ދީގެން މި މެޗަށް ނުކުމެގެން ރޭވުމާ އެއްގޮތަށް ގޮސްފިއްޔާ ރަނގަޅުވާނެ. އެ މީހުން (އީގަލްސް) ނުކުންނާނީ ހުރި ހުރިހާ އެއްޗެއް ހިފައިގެން އަހަރެމެން ބަލިކުރަން،" ވިޑަކޮވިޗް ބުންޏެވެ.

އީގަލްސް މި ވަގުތު އޮތް ހާލަތު އެންމެ ރަނގަޅެއް ނޫން ކަމަށާއި އެކަމަކު އެ އަށް ނުވިސްނައި މާޒިޔާ އިން ތައްޔާރުވާނީ މެޗުގެ ހާލަތަށް ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ މި ވަގުތު އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެކަމަކު މިރޭ އީގަލްސް ބަލިކޮށްގެން ފުރަތަމަ ބުރު ނިމޭއިރު ފަސް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ. މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ވިޑަކޮވިޗް ބުނީ އެއް ވަނައިގައި އޮތުން އަބަދުވެސް މުހިއްމުވާ ސަބަބަކީ ކޮންފިޑެންސް ރަނގަޅު ހިސާބެއްގައި ބެހެއްޓުމަށެވެ. އެކަމަކު މެޗު ފަސޭހަކޮށްލައިގެން ގޯސް ގޮތެއް މެދުވެރިވެއްޖެނަމަ ކޮންފިޑެންސް ގެއްލި ޕްރެޝަރަށް ވެއްޓުމަކީ ވެސް ފުޓްބޯޅައިގައި އަވަހަށް ހިނގާ ކަމެއް ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"އެހެންވީމަ ވަރަށް މުހިއްމު ކޮންމެ މެޗެއްގައި ސީރިއަސްވެތިބުން. އަހަރެމެންނަށް ޕޮއިންޓް ނަގާނީ ވަކި މެޗެއްގައޭ ނުބުނެވޭނެ. މީގެ ކުރަން ޖެހޭ ކަމަކީ ކޮންމެ މެޗެއްގެ ތިން ޕޮއިންޓަށް މަސައްކަތްކުރުން. ލީގު ވެސް މި ދަނީ ހަމަހަމަކޮށް ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭ ގޮތަށް. މި ލީގުގައި މާ ބޮޑަށް ހަމަޖެހިލައިފިނަަމަ މެޗުން ބަލިވުމުގެ ފުރުސަތު ބޮޑުވޭ،" ފިލިޕީންސް ލީގު ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454