ޓީސީ ގޮވައިގެން ނިޒާމްބެ ކުރީގެ ޓީމާ ދެކޮޅަށް ފައިނަލަށް

އެފްއޭ ކަޕުގެ ފައިނަލުގައި މިރޭ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމަށް އެއްގޮތުން ވަރަށް ހާއްސަ މެޗެކެވެ. ވެލެންސިއާއާ އެކު ކުޅުންތެރިއެއްގެ ގޮތުން ގިނަ ކާމިޔާބީތަކެއް ނިޒާމް ވަނީ ހޯދައިފަ އެވެ. އެކަމަކު އޭނާ ބުނީ ވެލެންސިއާއާ މެދު އެއްވެސް ޖަބުޒާތީކަމެއް ނެތް ކަމަށާއި ހުރިހާ ސަމާލުކަމެއް ހުރީ ޓީސީ އަށް ތަށި ހޯދައިދޭން ކަމަށެވެ.


"ހަގީގަތުގައި އިމޯޝަނަލް އެއްވެސް ކަމެއް ނެތް. ސަބަބަކީ މިއީ އަޅުގަނޑު ވެލެންސިއާއާ ދެކޮޅަށް އަލަށް ނުކުންނަ ފަހަރު ކަމަށް ނުވާތީ. ވެލެންސިއާ މިރޭ ހަމަ ނަގާނީ އިދިކޮޅު ޓީމުގެ ގޮތުގައި،" ވެލެންސިއާއާ އެކު 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ބުންޏެވެ.

މިއީ މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް އަދި މި ދެ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި ޓީސީގެ މަތީ ފެންވަރުގެ ފުރަތަމަ ފައިނަލެވެ. ނިޒާމްބެ ބުނީ ދެ އަހަރު ތެރޭ މިހިސާބަށް އާދެވޭނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި ޓީސީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށެވެ.

"ފައިނަލާ ހަމަޔަށް އާދެވުމުން ތަށި ނޫން އެހެން އެއްވެސް ފޯކަސް އެއް ނެތް. މި ތަށި ހޯދަން ކުރެވުނު ހުރިހާ ކަމެއް ކުރާނަން. ދަނޑުމަތީގައި މިރޭ ޓީސީން ތަފާތު ދައްކާނެ ކަމުގެ ޔަގީންކުރަން،" ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ތާރީހާއި ކާމިޔާބީ އޮތީ ވެލެންސިއާ ކޮޅަށް މާބޮޑަށް ވެސް ބުރަވެފަ އެވެ. އެކަމަށް ވެލެންސިއާ އަށް ނިޒާމްބެ އާއި ޓީސީ ފުރިހަމަ އަށް އިހުތިރާމްކުރެ އެވެ. އެކަމަކު ނިިޒާމްބެ ގަބޫލުކުރާ ގޮތުގައި ޓީސީގެ އުމުރާ ބަލާއިރު އެ ކްލަބް ކާމިޔާބެވެ. އަދި މިރެއަކީ އެ ކްލަބުގެ ކާމިޔާބީގެ ސިލްސިލާ އަށް މުހިއްމު ބޮޅެއް އިތުރުވާނެ ރެޔެއް ކަމަށް އުއްމީޑު ކުރެ އެވެ.

ކުރިން ވިޔަންސާ އާއި ކަޅައިދޫ އަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ މެޗުގެ ނަތީޖާ ބުރަވަނީ ހަމައެކަނި ކްލަބުގެ ކުޑަބޮޑުމިނާއި ކުޅުންތެރިންގެ ނަމަށް ނޫން ކަމަށާއި ނަތީޖާ ބަރޯސާވާނީ ދަނޑުމަތީގައި ކުރާ މަސައްކަތަށް ކަމަށެވެ.

"ދަނޑުމައްޗަށް އަރައި އެކުރާ މަސައްކަތުން ކާމިޔާބީ ލިބޭނީ. އެގޮތަށް ބަލާއިރު ވެލެންސިއާގެ ކުޅުންތެރިން ވެސް މަސައްކަތްކޮށްފިއްޔާ ނަތީޖާ ނެރެވޭނެ. ފަހުގެ ނަތީޖާތަކަށް ބަލާއިރު ބުރަވަނީ ޓީސީ ކޮޅަށް. އެކަމަކު މީގެން އެއްވެސް ކަމަކަށް ވުރެ މިރޭގެ މެޗުގެ ނަތީޖާ ބަރޯސާވާނީ މިރޭގެ މެޗުގައި ދަނޑުމައްޗަށް އަރައި ދައްކާ ކުޅުމަށް،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ޓީސީގައި ކުރިން ތަށި ހޯދާފައިވާ ކުޅުންތެރިން އެބަތިބި ކަމަށާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) އަދި ޝައްފާޒް އަހުމަދު (ސައްޕޭ) ފަދަ ކުޅުންތެރިންގެ ތަޖުރިބާ މިރޭ ވަރަށް މުހިއްމު ކަމަށެވެ. އެކަމަކު މިދިޔަ އަހަރާއި މި އަހަރު ވެސް ޓީމުގައި ހިތްވަރުކުރި ޒުވާން ކުޅުންތެރިންގެ މަތިން ހަނދާން ނައްތަލައެއް ނުލަ އެވެ.

"ޕްލޭޔާސް ރޭޓިން އަށް ބަލާއިރު ޓީސީ އަށް ވުރެ ރަނގަޅު ޓީމުތަކެއް އޮތް މިދިޔަ އަހަރު ވެސް. އެކަމަކު ބުރަ މަސައްކަތުން މި ދެ އަހަރު ވެސް ލީގުގެ ދެ ވަނަ މި ހޯދުނީ. އިދިކޮޅު ޓީމެއްގެ އެހީއެއް ނެތް. ހަމަ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން މިހިސާބަށް އައީ. މިއީ ފައިނަލާ ކުރިމަތިލާއިރު އޮތް އިތުބާރެއް،" ނިޒާމްބެ ބުންޏެވެ. "ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ޒުވާން ކުޅުންތެރިން އެބަތިބި."

ގަލޮޅު ދަނޑުގައި މިރޭ 9 ޖަހާއިރު ފަށާ މެޗާ ބެހޭގޮތުން ވެލެންސިއާގެ ކޯޗެެއްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.