ކުޅިވަރު / އެފްއޭ ކަޕް

މިރޭގެ ފައިނަލް ވެލެންސިއާގެ ކުރިމަގަށް މުހިއްމު

ވެލެންސިއާގެ ކުޑައްޓޭ (ވ) ކައިރިން ޓީސީގެ ސެންޓޭ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނަށް ވެލެންސިއާ އިން ކުރިމަތިލީ ފާއިތުވި އަހަރުތަކާއި ހިލާފަށް ވަރުގަދަ ސްކޮޑަކާ އެކު އެވެ. ލީގަށް ވާދަކުރާނެ ޓީމުތަކުގެ ތެރޭގައި އެޓީމު ހިމެނެ އެވެ. އެކަމަކު ގިނަ މައްސަލަތަކެއް ސީޒަންގެ އެކި ހިސާބުން ދިމާވިއިރު، ވެލެންސިއާ ލީގު ނިންމާލީ ހަ ވަނައިގަ އޮވެ އެވެ. ރެލިގޭޝަން ޒޯނުން ސަލާމަތްވީ ވެސް ފަހު މެޗުތަކުގެ ނަތީޖާ ތަކަށްފަހު އެވެ. ސީޒަނުގެ ފަހު މެޗުގައި އެފްއޭ ކަޕް ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، މިއީ އަށް އަހަރަށް ފަހު ވެލެންސިއާ އަށް ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވެ އެ ޓީމަށް ކުރިއަށް ފިޔަވަޅެއް އެޅެން އޮތްއިރު، މިއީ އެ ޓީމުގެ ކުރިމަގާ ވެސް ގުޅިފައި އޮތް މެޗެކެވެ.

މިދިޔަ ސީޒަނަށް ފަހު ވެލެންސިއާގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނީ ވެލެންސިއާ އިން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އެ ކްލަބް އޮތް މަގާމަށް ވާސިލްވުމަށް ކަމަށެވެ. ވެލެންސިއާގެ ކޯޗު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން ގިނަ މެޗުތަކުގައި ވެލެންސިއާ އަށް އެދެވޭ ނަތީޖާތަކެއް ނުނުރެވެ އެވެ.

ލީގުގެ ފަހު ބުރުގައި ވެލެންސިއާ ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅެއް ނުހޯދެ އެވެ. ހަ މެޗުން ބަލިވިއިރު، ލިބުނު ހަމައެކަނި ޕޮއިންޓް ލިބުނީ ވިކްޓަރީ އަތުންނެވެ. އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި އެ ޓީމު މޮޅުވީ ވިކްޓަރީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ފަހަތުން އަރައި މޮޅުވިއިރު ވެސް ޖުމްލަ ގޮތެއްގައި ވެލެންސިއާގެ ފަރާތުން އިދިކޮޅު ޓީމަށް ވުރެން ތަފާތު މޮޅު ކުޅުމެއް ނުފެނެ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފާއިތުވި އަށް ވަރަކަށް އަހަރު ގިނަ ކާމިޔާބީތަކެއް ހޯދި މަޝްހޫރު ކުޅުންތެރިން ވެލެންސިއާގައި އެބަތިއްބެވެ. އޭގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަހުމަދު ޝާފިއު (ޝާފީ) އާއި މުހައްމަދު އާރިފް (ބަކާ) އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ. މި ކުޅުންތެރިންނާ އެކު މި ސީޒަނުގައި ވެލެންސިއާ އަށް ރަނގަޅު ކާމިޔާބެއް ނުހޯދުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެ ހުރިހާ ކަމެއް ރަނގަޅުކުރަން ލިބޭ ފުރުސަތަކީ މިރޭގެ ފައިނަލެވެ.

ވެލެންސިއާގެ ކޯޗު ކުޑަހީނާ އެ ޓީމަށް ބުނެދެނީ --. މިހާރު ފޮޓޯ:ނިޝާން އަލީ

ފައިނަލުގައި ވެލެންސިއާ މި ނުކުންނަނީ ފާއިތުވި ދެ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕާއި ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަނަށް ބަލާއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީސީއާ ދެކޮޅަށެވެ. މިރޭގެ މެޗަށް ނުކުންނައިރު މި ދެ ޓީމު ވަނީ މިއަހަރު ލީގުގައި ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. ވެލެންސިއާ އެއް ފަހަރު މޮޅުވިއިިރު، އަނެއް ދެ ފަހަރު ކުރި ހޯދީ ޓީސީ އެވެ.

ވެލެންސިއާ އެންމެ ފަހުން ފައިނަލެއްގައި ކުޅުނީ 2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގަ އެވެ. އެ މެޗުން 3-2 އިން ވިކްޓަރީ ބަލިކޮށް ވެލެންސިއާ ވަނީ ތަށި ހޯދައިފަ އެވެ. އެ އަހަރުގެ ދިވެހި ލީގު ޗެމްޕިއަނުންނަކީ ވެސް ވެލެންސިއާ އެވެ. ވެލެންސިއާ އަށް އެންމެ ފަހުން ލިބުނު ކާމިޔާބީ އަކީ 2009 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑެވެ. އެ ފަހަރު އެ ޓީމުން ޝީލްޑް އުފުލާލީ 2-1 އިން ވީބީ އައްޑޫ އެފްސީ ބަލިކުރުމަށް ފަހު އެވެ.

އެފްއޭ ކަޕް ފައިނަލެއްގައި އެންމެ ފަހުން ވެލެންސިއާ ކުޅުނީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުން އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓާ ވާދަކޮށް 2-0 އިންނެވެ. އޭގެ ކުރިން ދެ އަހަރުގައި ވެސް ވެލެންސިއާ ބަލިވީ ފައިނަލުގައި ނިއު އަތުންނެވެ. ވެލެންސިއާ އެންމެ ފަހުން އެފްއޭ ކަޕް އުފުލާލީ 2004 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމު މޮޅުވީ ފައިނަލުގައި ވިކްޓަރީއާ ވާދަކޮށް 2-0 އިންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ޝަރަފްވެރި އެއް ކްލަބް ވެލެންސިއާ އަޑިގަނޑެއްގެ ތެރޭގައި އޮންނަތާ މިހާރު އަށް ވަރަކަށް އަހަރުވީ އެވެ. އެކަމުން އަރައިގަނެ ކުރިއަށް ދެމިގަންނަން މިރޭގެ މެޗު އެ ޓީމަށް މުހިއްމެވެ. އެއީ މިރޭގެ މެޗުން މޮޅުވެއްޖެނަމަ ވެލެންސިއާ އަށް އަންނަ އަހަރު އޭއެފްސީ ކަޕް ކުޅުމުގެ ފުރުސަތު ލިބިގެންދާނެތީ އެވެ. އަދި މި އަހަރު ފާއިތުވެ ދިޔަ ތަނުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ ސީޒަން ސަލާމަތްކުރަން ވެސް ވެލެންސިއާ އަށް މިރޭގެ ފައިނަލް މުހިއްމެވެ.

2 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 5%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚޮކް

12 November 2016

މަރުހަބާ ވެލެންސިއާ. ނިއު ވިކްޓަރީ ވެލެންސިއާ އަށް ވަމުން ދާ ގޮތުން ދިވެހި ފުޓުބޯޅަ މަތިން ފޫހިވެފައި ހުއްޓާ މިރޭ އުއްމީދއްް އާވެއްޖެ.

The name is already taken The name is available. Register?

ަަަަާާާާަައަހުމަދު އިބުރާހިމު

11 November 2016

މަރުހަބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454