އެފްއޭ ކަޕްގެ ކާމިޔާބީއާ އެކު ވެލެންސިއާގެ އުއްމީދު އާވެއްޖެ

އަށް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައި، އެފްއޭ ކަޕް ރޭ ކާމިޔާބު ކުރެވުމުން މުސްތަގުބަލާ މެދު ކުރެވޭ އުއްމީދުއާ ވެއްޖެ ކަމަށް ކްލަބް ވެލެންސިއާގެ ހެޑް ކޯޗު މުހައްމަދު އިގުބާލް ބުނެފި އެވެ.


ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، ވެލެންސިއާ އެފްއޭ ކަޕް ފަސް ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2004 ވަނަ އަހަރު އެވެ. މި ފަހަރުގެ ސީޒަނުގައި ލީގުގެ ހަ ވަނައިގައި ނިންމާލި ވެލެންސިއާ އަށް އެފްއޭ ކަޕް ކާމިޔާބު ކުރެވުމުން އެ ޓީމުގެ ސީޒަން ސަލާމަތްވީ އެވެ.

"ވަރަށް ރަނގަޅު ޓީމެއް ވެލެންސިއާގައި އޮތީ. ލީގު ދިޔައީ ވަރަށް ދަށްކޮށް. އެއީ މެނޭޖްމަންޓާއި ކޯޗާއި ކުޅުންތެރިންގެ މެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެކަމަކު އެކަން ހައްލުކޮށްގެން މި މުބާރާތް ކާމިޔާބު ކުރެވުމުން އަސްލު މި ޓީމުގެ ފެންވަރު އަދި ހޯދޭނެ ކާމިޔާބީ ފެނިއްޖެ،" ރޭގެ ފައިނަލަށް ފަހު އިގުބާލް ބުންޏެވެ.

"މިއީ ފެށުމެއް. މެނޭޖްމަންޓުން ރަނގަޅު ޕްލޭނަކާ އެކު ވިސްނައިގެން ކުރިއަށް ގޮސްފިނަމަ ވެލެންސިއާގެ މުސްތަގުބަލު ވަރަށް އުޖާލާ."

އިގުބާލް ބުނީ ލީގުގެ ފަހު ބުރުގައި އެއްވެސް މެޗަކުން މޮޅުވެފައިނެތުމަކީ މި މުބާރާތަށް ނުކުތްއިރު ލިބިފައި އޮތް މާޔޫސްކަމެއް ކަމަށާއި އެހެން ނަމަވެސް ކުއާޓާ ފައިނަލުގައި ވިކްޓަރީ އަތުން މޮޅުވުމުން ހުރިހާ ކަމެއް ބަދަލުވެއްޖެ ކަމަށެވެ.

"ލީގު ފަހު ބުރު ހީކުރި ގޮތަށް ވުރެން މާ ދަށްކޮށް ދިޔައީ. މި މުބާރާތަށް ނުކުތްއިރު އެއީ އޮތް ކަންބޮޑުވުމެއް. އެކަމަކު ވިކްޓަރީ އަތުން މޮޅުވި މެޗަށް ފަހު ކުޅުންތެރިންގެ މޮޓިވޭޝަން ރަނގަޅުވެ އެ ކުޅުންތެރިންނަށް ގަބޫލުކުރެވިއްޖެ މި ޓީމުގެ އެބަހުރިކަން މި މުބާރާތް ކާމިޔާބު ކުރެވޭ ފެންވަރު،" ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިގުބާލް ބުންޏެވެ.

އެފްއޭ ކަޕް ކާމިޔާބު ކުރުމާ އެކު ވެލެންސިއާ އަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބިފަ އެވެ. އިގުބާލް ބުނީ އޭއެފްސީ ކަޕުގައި ނަތީޖާ ރަނގަޅު ކުރަން މިހާރަށް ވުރެ ދެގުނަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އޭއެފްސީ ކަޕަށް ދިއުމަކީ އިތުރު ކުޅުންތެރިން ހޯދުމަށް ލިބޭ ފަސޭހައެއް. މިހާރު ވެލެންސިއާގައި އޮތް ސްކޮޑުގައި ތިބި މުހިއްމު ކުޅުންތެރިން ކްލަބްގައި ބަހައްޓައި ޓީމު އިތުރަށް ވަރުގަދަ ކޮށްގެން ނޫނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާ ނުނެރެވޭނެ،" އިގުބާލް ބުންޏެވެ.

އިގުބާލް ވަނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން މި މުބާރާތުގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. ރޭގެ މެޗާ އެކު ވެލެންސިއާ އަށް ވަނީ ސީޒަން ނިމިފަ އެވެ. އެއީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ޕްރެޒިޑެންޓްސް ކަޕުން އެ ޓީމަށް ފުރުސަތު ގެއްލިފައިވާތީ އެވެ