ރާއްޖޭގެ ފޯވަޑް އިއްބެ (ވ) އަތުން ބޯޅަ ހޯދުމަށް ފިލިޕީންސްގެ ޓަބީލާސް މަސައްކަތްކުރަނީ. -- ފޮޓޯ / އެފްއޭއެމް
15 ޖޫން 2021 - 22:18
ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް އޭގައި މިރޭ ފިލިޕީންސް އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޕޮއިންޓަކާއެކު ދިވެހިރާއްޖެ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ނިންމާލައިފި އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ފިލިޕީންސް އިންނެވެ. މެޗުގެ 19 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ފޯވަޑް އަންހެލް ގުއިރާޑޯ އެވެ. އެކަމަކު މެޗުގެ 25 ވަނަ މިނިޓުގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ރާއްޖޭގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އެފްއޭއެމް
ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅުނު މެޗުތައް ނިންމާލިއިރު، ފަސް ޓީމު ހިމެނޭ ގުރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. މިރޭގެ މެޗުން ރާއްޖެ މޮޅުވި، އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ރާއްޖެ އަށް ޖާގަ ލިބެން އޮތެވެ. އެއީ ހަތަރު ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެނެވެ. އެހެން ނަމަވެސް، މި މެޗު އެއްވަރުވުމުން، ރާއްޖެ އަށް ތިން ވަނަ ބުރުން ޖާގ ހޯދުމަށް ޖެހޭނީ ޕްލޭއޮފްގައި ވާދަކުރާށެވެ.
ގުރޫޕް އޭގައި ރާއްޖެ ކުޅުނު 8 މެޗުގެ ތެރެއިން، މޮޅުވީ ތާވަލްގެ ފުލުގައި އޮތް ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ރާއްޖެ އަށް ޖުމްލަ ލިބުނީ ހަތް ޕޮއިންޓެވެ. އެކަމަކު ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ރާއްޖެ އަށް ހަ ޕޮއިންޓް ލިބުނަސް، ހަތަރު ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމު ހޮވުމުގައި، ތާވަލްގެ ފުލުގައި އޮންނަ ޓީމާ ދެކޮޅަށް ލިބޭ ޕޮއިންޓްތަކެއް ނުގުނަ އެވެ.
ދުބާއީގެ ޝާރްޖާހް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ނެރުނު ފުރަތަމަ 11ގައި، އެންމެ ފަހުން ޗައިނާއާ ދެކޮޅަށް 11ގައި ނުކުޅޭ ދެ ކުޅުންތެރިއަކަށް ފުރުސަތު ދިނެވެ. އެގޮތުން، އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި މިރޭގެ މެޗުގައި ޑިފެންސްގައި ކުޅުނީ ހުސެއިން ޝިފާއު ޔޫސުފް (ކުރޮޅި) އެވެ. އަދި މުހައްމަދު އުމެއިރުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ފުރަތަމަ 11 އިން ޖާގަ ދީފަ އެވެ.
ރާއްޖޭގެ ހަމްޕު (ކ) އަތުން ބޯޅަ ހޯދުމަށް ފިލިޕީންސްގެ ބާސް މަސައްކަތްކުރަނީ. -- ފޮޓޯ / އެފްއޭއެމް
މެޗުގެ ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ ރާއްޖޭގެ ޓީމުންނެވެ. މެޗުގެ ތިން ވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޕެނަލްޓީ އޭރިޔާ ތެރެއިން ދިން ބޯޅަ، އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ނަމަވެސް ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
މެޗުެ 11 ވަނަ މިނިޓުގައި ހަމްޕު ޕެނަލްޓީ އޭރިޔާ ތެރެއިން ފިލިޕީންސްގެ ޑިފެންޑަރު ޖެފަސަން ޓަބީނާސް ކައިރިން ނައްޓާލުމަށް ފަހު، ފޮނުވާލި ބޯޅަ ފިލިޕީންސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ޓީމުން ރަނގަޅު ކުޅެމުންދަނިކޮށް، ފިލިޕީންސް އިން ލީޑު ނެގީ މެޗުގެ 19 ވަނަ މިނިޓުގައި ގުއިރާޑޯ ކާމިޔާބުކުރި ލަނޑުންނެވެ. ރާއްޖޭގެ ހާފުގެ ތެރެއަށް އައި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ބޮލުން ޖައްސާލުމުން، ޕެނަލްޓީ އޭރިޔާ ކައިރީގައި ހުރި ގުއިރާޑޯ ވަނީ އެ ބޯޅަ ފެނު ނުޖެހެނީސް އެއް ފަހަރުން ގޯލު ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ގުއިރާޑޯ ފޮނުވާލި ބޯޅަ އޭރިޔާ ތެރޭގައި ފެނު ޖެހުމުގެ ސަބަބުން، ކީޕަރު ފައިސަލް އަށް އެ ބޯޅަ ދިފާއުކުރަން އުނދަގޫވި އެވެ.
މެޗުގެ 25 ވަނަ މިނިޓުގައި ރާއްޖެ އަށް މެޗުގެ ނަތީޖާ ސެންޓޭ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އަލީ ހައިޝަމް (ޗުމްޕު) އާއެކު "ވަން-ޓޫ" އެއް ކުޅެލުމަށް ފަހު، ބޯޅަ ހޯދައި، ފިލިޕީންސްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ސެންޓޭ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 31 ވަނަ މިނިޓުގައި ރާއްޖެ އަށް ލިބުނު ކޯނަރެއްގައި، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ތިރިތިރިން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން، ސެންޓޭ އެ ބޯޅަ އަށް އެރި އެވެ. އެކަމަކު ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފުގައި ދިވެހިރާއްޖެ އަށް ފިލިޕީންސްގެ ގޯލަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އުމެއިރު ދެވަނަ ހާފުގައި ކުޅެން އެރުވި ނަމަވެސް، މާ ނުރައްކާތެރި ހަމަލާއެއް ރާއްޖެއަކަށް ނުއުފެއްދުނެވެ.
ފިލިޕީންސްގެ ޓީމުން ދެވަނަ ހާފުގައި ބޮޑަށް މަސައްކަތްކުރީ އެ ޓީމުގެ ކެޕްޓަން ސްޓެފަން ޝްރޮކްގެ ބޭނުންކޮށްގެން، ރާއްޖޭގެ ޑިފެންސް ފޫއަޅުވާލުމަށެވެ.
މެޗުގެ ފަހުކޮޅު، ޕެނަލްޓީ އޭރިޔާ ތެރެއިން ޝްރޮކް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
16 June 2021
ދިވެހި ޓީމުގެ ކީޕަރު މާ ބޮޑަށްދަށީ ދެން އެއްވެސްް ވަރަކަށް ކުރިޔަށް ބޯޅައެއްނުދެވޭ
ޝޯމޭން
15 June 2021
ކޮބާތަ ބައްސާމު ހުޅުމާލޭގަ އަޅަން ބުނި ފުޓްބޯލް އެކަޑަމީ. ތިޔަބުނާ ތަނެއް ނިކަންހުޅުވައިގެން ފުޓުބޯޅައިގެ އިންޑިވިޑުއަލް ހުރިހާ ކަމަކަށް ބަލައިގެން ނިކަން ކުރިޔަށް އޮތް ދިހަވަރަކަށް އަހަރަށް ޓާގެޓު ކޮށްގެންނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގެ ރަނގަޅު ޓީމެއް ހަދާބަލަ. މިހާރު ތި ސާފު ޗެމްޕިއަންޝިޕަށްވުރެ ދުރަށް ވިސްނަންޖެހޭ އެބަ. އަނެއްކާ ފުޓުބޯޅަމިއީ ދިވެހިންގެ އެއްބައިވަންތަކަމާ ވަރަށް ގުޅުންހުރި ޢެއްޗެއް. މޮޅުވިވަރަކަށް އެކަމަށް ރަނގަޅުވާނެ.
ދިވެހިޓީމުގެ ސަޕޯޓަރ
15 June 2021
ދިވެހިޓީމުގެ ކެޕްޓަންގެ ފަރާތުން މިކުޅެވުނު 3 މެޗުންވެސް ވަރަށްދަށްކުޅުމެއް ފެނިގެން ދިޔައީ ގިނަޕާސް ވެސްދިޔައީ ކުރިއަށްކުޅޭ ކުޅުންތެރިންނާހިސާބަށް ނުފޯރާ.
ސަޕޯޓަރ
16 June 2021
ވަރަށް ދަށް ކުޅުން: ކެޕްޓަން، ކީޕާރ، ނ7
ކުމްލީ
15 June 2021
ދެން ލަސްނުކޮށް އަވަހަށް ރަށަަށްއާދޭ.