މުނިފޫހިފިލުވުން / ވާހަކަ

ޝުކުރު

ބުދަ ދުވަހާ ގުޅޭ

"ހޫ އިޒް ދެޓް މަންމާ؟" ފިހާރައިން ނުކުމެފައި އުސައިދު އެހިއެވެ.

އަހަރެންގެ ހިތް އޮތީ ދެކޮޅަށް ކިރިކިރިއެވެ. ހަގީގަތް ހާމަކުރަން އެ އަށް ވުރެ ވަކި ރަނގަޅު ދަނޑިވަޅެއް ނުލިބޭނޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އުސައިދުގެ އަސްލު މަންމައަކީ ކާކުކަން ބުނަން އަހަރެން އޮތީ ނިންމައިފައެވެ. ތަފާތަކީ، ބުނުން އަވަސްކޮށްލުމެވެ.

"އެއީ މަންމަގެ ރައްޓެއްސެއްތަ؟" އުސައިދު އިނގެރޭސިބަހުން އެހިއެވެ.

"އެއީ ދަރިފުޅުގެ އަސްލު މަންމަ." އަހަރެން ބުނީމެވެ.

އުސައިދު ހުއްޓިގެން އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ހުރީ އުސައިދުގެ މޫނަށް ބަލާނެ ހިތްވަރު ވެސް ނުލިބިފައެވެ. ދެން އޭނަ ކަންތައްކުރާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މަލްސާޔާ ބައްދަލުކުރަން ދާން ބުނެފިއްޔާ ދެން ކަންތައްކުރަންވީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހުރީ މަގުމަތީގައެވެ. އެކަމަކު އެ ކަމެއް އަހަރެން ހަނދާނެއް ނެތެވެ. އުސައިދު ފަސް އެނބުރިފައި ބަލައިލިއެވެ. ފަހަތުގައި މަލްސާ ހުރީކަމެއް ނުވަތަ ނެތްކަމެއް ނޭނގެއެވެ. އެނގޭކަމަކީ އުސައިދުގެ އަތުގައި، ކުރިޔަށް ވުރެ ބާރަށް އަހަރެންނަށް ހިފޭއްޓުނު ކަމެވެ. ފަހަތަށް ހިނގައިގަންނަން އުސައިދު އުޅުނެވެ. އަހަރެންގެ އަތަށް އެ ކަން އިހުސާސްވިއެވެ. އަހަރެން އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދެމެވެ. ދުވަހުގެ އެ ޑުރާމާ އެ ހިސާބުން ނިމުނީއެވެ.

ދުވަހުގެ ބާކީ ހުރިހައި ވަގުތެއްގައި އަހަންނަށް ފެނުނީ އުސައިދު ބަސްމަދުވެފައި އިން ތަނެވެ. އޭނަ ވިސްނީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ވިސްނީ ބުނާނެ އެއްޗަކާ މެދުގައެވެ. ކޮންމެ ގޮތެއް ވިޔަސް ދެނެއް އަހަންނަކަށް އައި ކޮޅަކަށް ނުހިނގޭނެއެވެ. އުސައިދުގެ ކުޑަކުޑަ ސިކުނޑިއަށް ހަގީގަތް ހަޖަމުކުރެވުނު އިރު އޭނަ އޮތީ ނިދަން އޮށޯވެއެވެ.

"އެއީ އަހަރެންގެ މަންމައެއް ނޫން." އުސައިދު ބުންޏެވެ.

"އެއީ ކީއްވެ ތިހެން ތި ބުނީ ދަރިފުޅާ؟" އަހަރެން އެހީމެވެ.

"އެއްވެސް ފޮޓޯއެއްގަ އޭނަ ނެތީމަ." އުސައިދު ވަރަށް ވިސްނައިފައި ބުންޏެވެ.

އަހަރެން ހަދަންޖެހޭނެ ގޮތަކީ ދަނޑިވަޅުގެ ބޭނުންހިފުމެވެ. އުސައިދަކީ ކުޑަކުއްޖެކެވެ. ވަރަށް ފަސޭހައިން އޭނައަށް އޮޅުވައިލެވޭނެއެވެ. އެހެނަސް އޭރުން، އަށާރަ އަހަރު ފަހުން އަހަރެންނަކީ ދޮގުވެރިއެއްކަން ސާބިތުވާނެއެވެ. ފަތަހަކުރަން ބޭނުން ހިތަކަށް ދުވަހަކު ވެސް ތަދުކުރާކަށް ނުވާނެއެވެ. އެއީ މޮޔަކަމެކެވެ.

"ދަރިފުޅަކީ އޭނަ ވިހެއި ކުއްޖެއް،" އެ ވާހަކަ ވެސް އަހަރެން ބުނެލީމެވެ. "އެކަމަކު އޭނައަށް ދަރިފުޅު ނުބެލޭނެތީ އަހަންނަށް ދިނީ. މިހާރު ތީ އަހަރެންގެ ދަރިއެއް. ދަރިފުޅު ދެކެ މި މަންމަ ވަރަށް ލޯބިވޭ! މި މަންމަ ދޫކޮށްލާފަ ދަރިފުޅު ގޮއްސިއްޔާ މި މަންމަ ވަރަށް ދެރަވާނެ."

އުސައިދު ވަގުތުން އަހަރެން ގައިގައި ބައްދައިލިއެވެ. އެއީ ހިތަށް ފިނި އިހުސާސެއް ކުރެވުނު ވަގުތުކޮޅެކެވެ. ބުނަން ބޭނުންވާ ހުރިހައި އެއްޗެއް އުސައިދު ބުނީ، އެންމެ ލަފުޒެއް ވެސް ބޭނުން ނުކޮށެވެ. އޮތް އެއްޗެއް އޮތީ އުސައިދުގެ ކުޑަކުޑަ ހިތުގައެވެ. އަހަންނަށް ހީވީ، ކޮނޑުގައި އޮތް ބަރު ފޮށްޓެއް ކޮނޑުން ނަގައި ބިންމަތީގައި ބެހެއްޓުނުހެންނެވެ. ހަށިގަނޑަށް ލުއިވެގެންދިޔައެވެ. ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.

އުސައިދު ބޮޑުވަމުންއައީ އަހަންނަކީ ކާކުކަން އެނގިހުރެއެވެ. އަސްލު މަންމައަކީ، ޑުރަގު ހާލިތަކަށް ވަދެވަދެފައި ނުކުންނަ އަންހެންމީހާކަން އުސައިދަށް އެނގެއެވެ. މަލްސާއަކީ ކިހައި އުޅުމެއް ނެތް މީހެއްކަން ވެސް އެނގެއެވެ. މަލްސާޔާ ގުޅުން ނުބޭއްވުމަކީ އުސައިދު އަމިއްލައަށް ނިންމި ނިންމުމެކެވެ. އެ ކަމުގައި އަހަރެންގެ އެއްވެސް ދައުރެއް ނޯންނާނެއެވެ. ހަގީގަތް ފިޔަވައި އެހެން އެއްޗެއް އަހަރެން ނުބުނަމެވެ. އަމިއްލަ އަގު ވެއްޔާމޮޑެލީ މަލްސާގެ ދެއަތުންނެވެ. އެ ތުހުމަތު އަހަރެންގެ ބޮލަކު ނޭޅެވޭނެއެވެ.

ލިބޭނެކަމަށް އުންމީދުކުރާ އުފަލުގެ ބަދަލުގައި، ހިތާމަޔާ ކުރިމަތިލާންޖެހޭ ފަހަރު ވެސް އާދެއެވެ. އަހަންނަށް ދިމާވީ އެހެންނެވެ. މަންމައަކީ ކާކުކަން އެނގުނަސް އެ މަންމަ ބަލައިގަންނަން އުސައިދު އިންކާރުކުރިއެވެ. މަންމަ އުޅޭލެއް ވިޔާނުދާކަން ފެނުމުން އުސައިދު ހައްތަހާ ފޫހިވިއެވެ. ހަރުހިތަކުން ވިސްނާ ނަމަ، އެއީ އަހަންނަށް ލިބުނު ކާމިޔާބެކެވެ. ބޭނުންވި ގޮތޭ ވެސް އަހަންނަށް ބުނެވިދާނެއެވެ. އެހެނަސް، އަހަންނާއި އުސައިދުގެ ދެމެދުގައި ފާރެއްލެވުނީ ކީއްވެގެން ހެއްޔެވެ؟

މީހެއް ދެކެ ކިތަންމެ ލޯބިވިޔަސް، އެ މީހާ ގޯސްކޮށް ކުރާ ކަމެއް ރަނގަޅެކޭ ނުބުނެވޭނެއެވެ. އެ ކަމުގައި ދަރިޔެކޭ، ދަރިޔެއް ކަމަށް ދެކޭ ކުއްޖާއެކޭ ތަފާތެއް ނެތެވެ. އުސައިދަކީ ބަސްއަހާ ކުއްޖެކެވެ. އެހެނަސް ކުޑަކުއްޖެކެވެ. ނިދަންދިޔުމުގެ ބަދަލުގައި، އިރުކޮޅަކު ޓީވީބަލައިލަން އިންނަން ބޭނުންވާ ފަހަރު އާދެއެވެ. ބަތްކެއުމުގެ ބަދަލުގައި ޗޮކުލެޓެއް ކާލުމައި، ހޭލެމުގެ ބަދަލުގައި އިރުކޮޅަކު ނިދާލަން ބޭނުންވާ ފަހަރު ވެސް އާދެއެވެ. އެއިން އެއްވެސް ފަހަރަކު އުސައިދަކަށް އަހަރެން ހިތްވަރެއް ނުދެމެވެ. ދުލެއް ވެސް ނުދެމެވެ. އެއީ ނަފުރަތެއް ނޫނެވެ. ކަން އޮންނަން ޖެހޭ ގޮތެވެ. އުސައިދަށް އެ ކަން ގަބޫލުނުކުރެވެން ފެށިއެވެ. ކުރިން ކުރެއެވެ. އުސައިދުގެ ވިސްނުން ބަދަލުވީ، އަހަންނަކީ އަސްލު މަންމަ ނޫންކަން އެނގުނު ހިސާބުންނެވެ. އެއީ އަހަންނަށް ކުރިން ވިސްނައިނުލެވުނު ކަމެކެވެ.

އުސައިދުގެ ބުއްދި ފައްކާވާ ވަރަކަށް ނަފުރަތު ދިޔައީ ބޮޑުވަމުންނެވެ. ވަރަށް ނުބައި ކުށްހީއެއް ވެސް އޭނައަށް ކުރެވެން ފެށިއެވެ. އޭނައަށް އަހަރެން "އިހާނެތިކޮށް" ކަންތައްކުރަނީ އަހަރެންގެ ދަރިޔަކަށް އޭނަ ނުވީތީއެވެ. އެންމެ ފުރަތަމަ އުސައިދު އެހެން ބުނި ދުވަހު އަހަރެންގެ ހިތް ހީވީ މުލުން ލުހެލިހެންނެވެ.

"ދަރިފުޅާ!" މޭގައި އަތްއަޅަފައި އަހަންނަށް ބުނެވުނީ އެހެންނެވެ.

"އަސްލު ވެސް މަންމަގެ ދަރިއެއް ނޫންވީމަ ތިހެން ތި ހަދަނީ." އިނގެރޭސިބަހުން އުސައިދު ބުންޏެވެ.

އުމުރުން އެންމެ ބާރަ އަހަރުގެ ކުއްޖަކަށް އެހެން ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ދަރިންނަށް ވުރެ ބޮޑަށް އޭނަ ދެކެ ލޯބިވީމެވެ. ވަގުތުދިނީމެވެ. ފަރުވާތެރިވީމެވެ. އުސައިދު ގޮވައިގެން އަހަރެންގެ ތިމާގެ ގޭގެއަށް ދަމެވެ. އެ ގޭގޭގައި ކުދިން އުޅޭ ގޮތް ދައްކަމެވެ. ކުދިން ލާފައި ތިބޭ ހެދުމާއި، ކާ އެއްޗެއްސާއި، ގަނެދީފައި ހުންނަ އެއްޗެހީގެ ތަފާތުކަން ބުނެދެމެވެ. ތިން ހަތަރު ކުދިން އެއް ކޮޓަރީގައި ނިދައެވެ. ކޮޓަރީގައި ރީތި އަލަމާރިއާއި ބޮޑު އެނދެއް ނުހުރެއެވެ. އަރާމު ގޮދަޑިއެއް ނޯވެއެވެ. ފާހާނާ ހުންނަނީ ކޮޓަރިން ބޭރުގައެވެ. އުސައިދުގެ އުމުރުން އެގާރަ އަހަރު ފުރުނު އިރު އެ ހުރިހައި އެއްޗެއް ހުންނާނީ ހޯދައިދީފައެވެ. އެއީ އަހަރެންގެ ފެންވަރެއް ނޫނެވެ. ފިރިމީހާގެ ވެސް ފެންވަރެއް ނޫނެވެ.

"ދަރިފުޅަށް ލިބިފަހުރި ނިއުމަތްތަކާ ދޭތެރޭ ﷲ އަށް ޝުކުރުވެރިވާން ވާނެއްނު!" އަހަރެން ނަސޭހަތްދިނީމެވެ. "އެ ކުދިން ކިހާ މަސައްކަތެއްކުރަން ޖެހޭ؟ ގޭތެރެ ކުނިކަހާ، ތަންތަން ސާފުކޮށް، ފިހާރަތަކަށް އެއްޗެހި ގަންނަން ގޮސް، ނުވާތާކަށް އެ ކުދިންގެ މަންމަ ކިހާ އެއްޗެއްސެއް ކިޔާ؟ މި މަންމަ ދަރިފުޅާ ދިމާއަށް، ދުވަހަކު ވެސް އެ ކަހަލަ އެއްޗެއް ކިއި؟ ނުކިޔާނެ."

"އެކަމަކު ދައްތަމެން ދޭ ރައްޓެހިކުދިންގެ ގެއަށް. ޕާޓީއަށް ވެސް ދޭ،" އުސައިދު އެހެން މައްސަލައެއް ނެގިއެވެ. "އަހަރެން ބޭނުމެއް ނޫން މި ގޭގަ އުޅޭކަށް. މި ގޭ ކުރިމަތީގަ ހުންނަ ގެއަށް ވެސް މަންމަ އާދޭ. އަހަރެންގެ ރައްޓެއްސަކަށް މަންމަ އެނގިއްޖެއްޔާ ކްލާހުގަ އެ ވާހަކަދައްކާނެ. އަހަރުމެން އެހެން ތަނަކަށް ބަދަލުވާންވީނު؟"

ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނެވެ. އުޅޭ ތަން ކުއްޔަށްދީފައި އެހެން ތަނަކަށް ބަދަލުވުމަކީ ފަސޭހަކަމެއް ނޫނެވެ. ދޮށީ ކުދިން ސުވާލުކުރާނެއެވެ. ތަނެއް ހޯދަން އެހައި އުނދަގޫވާނެއެވެ. ބަދަލުވާން ހަރަދުތަކެއް ވެސް ހިނގާނެއެވެ.

"އަހަންނަށް އެނގޭ ބަދަލެއްނުވާނެކަން،" އުސައިދު ބުންޏެވެ. "އަހަންނަކީ މަންމަގެ ދަރިއެއް ނޫންވިއްޔަ."

ބަލިފައިގައި ހިފުމުން އަހަރެން އެ ކަމަށް ވެސް އެއްބަސްވީމެވެ. ފިރިމީހާ ގާތުގައި ނުވެސް އަހައެވެ. ފަހުން އެތައް ވާހަކައެއްދައްކައިގެން ފިރިމީހާ ރުއްސީއެވެ. އެކަމަކު އޭނަގެ މައިންބަފައިން ރުއްސުމަކީ އަހަންނަށް ކުޅަދާނަކަމަކަށް ނުވިއެވެ. އެ މީހުން ބުނީ ދޮގެއް ނޫނެވެ. ތަނެއް ހުއްޓައި ތަނެއް ކުއްޔަށްހިފުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ވަރު ބޮޑު ނިންމުމެއް ނިންމަންވާނީ ސަބަބެއް އޮވެގެންނެވެ. ހަގީގީ ސަބަބު އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ ދުރުހިލޭ މީހެއްގެ ދަރިޔަކަށް އޭނަގެ މަންމަ ފެނުމަކީ އަހަރުމެންނާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އަހަރެން ސަބަބެއް ހެދީއެވެ. ޖާގައިގެ ދަތިކަމެވެ.

ތަނެއް ހޯދައި، އެ ތަނަށް ބަދަލުވެ، އަހަރުމެން އުޅުނު ތަން މަރާމާތުކޮށް، ކުއްޔަށްދިނުމަށް ދެ މަސް ހޭދަވިއެވެ. ދެވުނީ ތަންކޮޅެއް ބޮޑު ތަނަކަށެވެ. ކޮޓަރި ގިނައެވެ. އެހެނަސް އެ ތަން ހުންނަނީ ގެއެއްގެ ހަވަނަ ބައިގައެވެ. ލިފުޓެއް ނުހުރެއެވެ. ލިފުޓު ބެހެއްޓޭނެ ދުވަހެއް ވެސް ނޭނގެއެވެ. އަހަންނަށް ޓަކައި އެ ވަރު ބޮޑު ތަކުލީފެއް އަލްވާން އުފުލީތީ ވަރަށް އުފާވިއެވެ. ދޮށީ ކުދިންގެ ޝަކުވާތަކާ ކުރިމަތިލީ ވެސް އަލްވާނެވެ. އަހަރެންގެ ބޮލަށް ވަރަށް ލުއިވިއެވެ. އެކަމަކު އަލްވާން އެއް ސުވާލުކުރިއެވެ.

"މި ގޭ ކައިރީގަ ވެސް ޑުރަގު ހޮރުތައް އެބަ ހުރި،" އަލްވާން ބުންޏެވެ. "މި ތަނަށް އަހަރުމެން ބަދަލުވިކަން އެނގިގެން މަލްސާ އަނެއްކާ މި ގޭ ދަޮށަށް އަތުވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟"

އެއީ ވެސް އަހަރެން ނުވިސްނައި އޮތް ކަމެކެވެ. ކޮންމެ ގޮތެއް ވިޔަސް އަނެއްކާ އެހެން ތަނަކަށް ބަދަލެއް ނުވެވޭނެއެވެ. އަހަރެންގެ ދަރިޔަކު ބުނި ނަމަ ވެސް އެ ވަރު ކަމެއް ނުކުރީމުހެވެ. ބޭނުންވާ ކުދިކުދި ހަރަދުތައްކޮށް، އަހަރުމެން ހަމައަކަށްއެޅުނީ އަލްވާން ދަރަންޏަށް ވެސް ފައިސާ ހޯދައިގެންނެވެ.

"ނާންނާނެކަމަށް ބަލަމާ!" އަހަންނަށް ބުނެވުނީ އެހެންނެވެ. "އަލްވާން ގެއަށް ވަންނަ އިރު ތަންކޮޅެއް ދުރުގައި ސައިކަލު ބަހައްޓައްޗޭ! ގެއިން ނުކުންނަ އިރު ވެސް ކުޑަކޮށް ބަލައިލާތި!"

އަލްވާން ހިތްހަމަނުޖެހިގެން އަހަންނަށް ބަލައިލިއެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ. އެ ދުވަހު އަހަންނަށް މަލްސާ ފޯނުކުރިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ހަތަރު ފަހަރަށް ގުޅީމައި ވެސް ޖަވާބެއް ނުދެމެވެ. ދެން އައީ މެސެޖެކެވެ.

"އެހެން ގެއަކަށް ބަދަލުވީތަ؟" މަލްސާ އަހައިފައި އޮތެވެ. "ކޮން ހިސާބެއްގަ ގެ ހުންނަނީ؟"

ނުނިމޭ

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 29%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްނޯ

15 August 2022

ލިބޭ ނިއުމަތަށް ޝުކުރުވެރިވާށޯ ?

The name is already taken The name is available. Register?

ގާގާ

14 August 2022

އެކަމަކު ތި އަލްވާނަކީ ވެސް ކެތްތެރި މީހެއް.. އަހަރެން ފިރިމީހާ ނަމަ މިހާރު ފޮޅާލިތާ ކިތަންމެ ދުވަހެއް.. ފިރިހެން ދަރިއެއް ބެލުނީމަ ސުވަރުގެ ޔަގީން ވަނީ ތޯއްޗެ?

The name is already taken The name is available. Register?

ޙާން

14 August 2022

ޢެވެސް ވައްތަރެއްގެ ބައްޔެއް މަހިތުން..

The name is already taken The name is available. Register?

ފޫހި

14 August 2022

ނިންމަން އުޅޭ ދެން.

The name is already taken The name is available. Register?

ޙޙ2022

14 August 2022

ނުޖެހޭ ބުނާކަށް.... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454