28 ޑިސެމްބަރ 2025 - 06:58
(ބުދަ ދުވަހާ ގުޅޭ)
ޖައްވަށް އަރައިގެންދިޔަ ވެއްޔާއި ހިރަފުހާއި ދުމުގެ ތެރެއިން ބަތޫރަށް ސަލާމަތް ނުވެވިގެން އުޅެނިކޮށް ބަރުގާން އައިސް މިނިކާދޫންޏެއްހެން ބަތޫރުގެ ބޮލަށް ޖެހިގަތެވެ. ބަތޫރު ސިންގާއެއް ހެން ހޭރިގަތެވެ. އެ އަޑު އިންސާނަކަށް އިވުނު ނަމަ ކަންފަތުގެ ތޫރިއަކަށް ކެތެއް ނުވީހެވެ. ހިތާއި ފުއްޕާމެއަށް ހިމާޔަތް ދިނުމަށް ޓަކައި، މޭގެ ކަށިތައް ގުޅިގެން ހެދިފައިވާ މޭކޮށީގެ ކަށިތައް ވަޔަށް ބުރައިގެން ދިޔައީހެވެ. އެއީ ހަމަ އެއްގޮތަކަށް ވެސް، ލިބުނު ވޭނަކުން ބަތޫރުގެ އަރުތެރެއިން ނުކުތް އަޑެއް ނޫނެވެ. އެއީ ނަފުރަތުގެ އަނގުރުއަލިފާނެވެ. ބަރުގާން ދެ އަތުން ކަނޑީގެ މުށްގަނޑުގައި ހިފައި ކަނޑި މަޅައިލިއެވެ. އަލިފާނާއި ވިދުވަރުން ދޮންވެފައިވާ ކަނޑީގެ ތިލަ ހުރީ ބަތޫރުގެ މެންކަފާޅައާ ދިމާގައެވެ. ބަތޫރު ހަމައަށް ދެފަޅިވާން ތައްޔާރުވެފައި ވަނިކޮށް ކުއްލިއަކަށް އެ ކަނޑީގެ ތިލައިގައި ބަތޫރުގެ ވިރިކެކޭ ހިލަ އަތުން ހިފިއެވެ. ހިފީކީ ނޫނެވެ. އެއްލި އަތުން ހިފުނީއެވެ. ހިފުމާ އެކު ކަނޑި ބިންދައިގެން ދިޔައެވެ. ހީވީ ފީއިލޮށިކޮޅެއް ހެންނެވެ. އެ ވަގުތަކީ، އިފުރީތަކަށް ލިބޭނެ ހުރިހައި ބާރަކާއި ހަކަތައެއް ބަތޫރުގެ ހަށިގަނޑަށް ޖަމާވެ، ފުރިހަމަވެފައިވާ ވަގުތެކެވެ.
"އަހަރެން ބަލިކުރަން ކަލޭ ތި ގެނައީ ފީއިލޮށިކޮޅެއް،" ވައިތެރޭގައި ތުރުތުރު އުފެދޭ ވަރުގެ ބަރު އަޑަކުން ބަތޫރު ބުންޏެވެ. "ތީތަ މި ގައުމުގެ ރަސްގެފާނުގެ ފެންވަރަކީ؟ ހިޔެއް ނުކުރަން ކަލޭ ތިހާ މޮޔަވާނެ ކަމަކަށް."
ބަތޫރުގެ ކޮނޑުމައްޗަށް ދެފައި ބާލައިގެން އިން ބަރުގާންގެ ކަށިމަތީގައި ބަތޫރު ހިފިއެވެ. ފައި މުގުރައިގެން ދިޔުމުން ސަލާމަތްކޮށްދިނީ ބަރުގާންގެ ފައި ހިމާޔަތްކުރުމަށް ޓަކައި އަޅާފައިވާ ރިޔާސީ ދަހަނާއިންނެވެ. ނޫން ނަމަ އެއީ ފައިގެ ނަސީބުން ބަރުގާން މަހުރޫމުވާނެ ދަނޑިވަޅެކެވެ. ދަހަނާގެ ތެރެއިން ވެސް ބަތޫރުގެ ހޫނުކަން ބަރުގާންއަށް އިހުސާސް ކުރެވުނެވެ. ހީވީ އަލިފާނުން ދޮންވެފައިވާ ހިލިހިލާގަނޑަކުން ބަރުގާންގެ ފައި ބަނދެލި ހެންނެވެ. ފައިގައި ހިފައި ބަރުގާން މައްޗަށް ހިއްލައިލުމަށް ފަހު، ފުރޮއަކުން ލަކުނޑިގަނޑެއްގައި ޖަހާ ހެން ބަރުގާން ބިންމައްޗަށް ޖެހިއެވެ. މުޅި ހިސާބުގަނޑުގައި ބޮޑު ވަޅުގަނޑެއް ހެދުނެވެ. އެހެނަސް ބަރުގާންގެ އެއްވެސް އަނގުނެއް ހަށިގަނޑަކާ ވަތްކެއް ނުވެއެވެ. ލިބުނު ދަނޑިވަޅުގައި ބަތޫރުގެ ބިޔަ ފައި އުފުއްލައިލިއެވެ. ފައިތިލައިގެ ދަށުގައި ބަރުގާން މަދިރިއެއް ހެން ޗަސްކޮށްލުމުގެ ބޭނުމުގައެވެ. އެ ކަން ހުއްޓުވަން އަތީލާއަށް ލިބުނީ ސިކުންތުކޮޅެކެވެ. މުށުގައި ހުރި އަލިކޮޅުތަކަށް އަތީލާ ބަލައިލިއެވެ. އެއީ ގައުމުގެ ވެރިޔާއަށް ނޫނީ ނުލިބޭ، އަޖައިބެއް ކަހަލަ ބާރެކެވެ. ބަރުގާން މައިދާނަށް ނުކުތީ، އަތީލާގެ ދިފާއުގައި އެ ބޭނުންކުރުމަށް އަތީލާއާ ހަވާލު ކޮށްފައެވެ.
"ތަރާގެ އަތްދަށުން ރަސްގެފާނު ސަލާމަތްކުރޭ!" އަލިކޮޅުތަކަށް ރާނީ އަމުރުކުރިއެވެ. "އަހަރެން މި ހުއްދަދެނީ ޖައްވުގެ ހުރިހާ ބާރެއް ބޭނުންކުރަން."
އަތީލާގެ މުށުތެރޭގައި އޮތް ނުލާއި ފެއްސާއި ރަތުގެ ތިން އަލިކޮޅު އެނބުރިލައިފައި އެކުވެ، ހުދުކުލައަށް ބަދަލުވިއެވެ. އެއީ އެއަށް ފުރިހަމަ މިނިވަންކަން ލިބުމުން ވާ ގޮތެކެވެ. ކުރިން ހުރި ތިން ކުލައަށް އަލުން އެނބުރި އަންނާނީ، ހަވާލު ކުރެވުނު މަސައްކަތް ނިންމުމަށް ފަހުގައެވެ. ކުއްލިއަކަށް ބަތޫރުގެ ވަށައިގެންވާ ކާއިނާތުގެ މިޒާޖު ބަދަލުވިއެވެ. ވައިޖެހޭ ދިމާ އާއި ހިރަފުސް ދަތުރުކުރާ ގޮތާއި ގަސްތައް ހެލޭ ގޮތް ތަފާތުވިއެވެ. ބިންމަތީގައި ޖެހިފައިވާ ބަތޫރު ފައިގެ ވަށައިގެންވާ ބިންގަނޑު މަޑުވެ، ކިސަޑަށް ބަދަލުވިއެވެ. ބަތޫރު ގަނބައިގަތެވެ. ކޮޅަށް ހުންނަން އުނދަގޫވެ، ބިންމަތީގައި ދެފައި ޖައްސަން މަޖުބޫރުވިއެވެ. ލިބުނު ދަނޑިވަޅުގައި ބަރުގާން ތެދުވެ، އުދުހިގަތެވެ. މަރުގެ އެތިފަހަރަކުން ބަރުގާން ސަލާމަތްވިއެވެ. ބަތޫރުގެ ދެފައި ގަނބައިގަނެ، ބިންމައްޗަށް ވެއްޓުނެވެ. ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ. ވާ ގޮތް ބަތޫރަށް އެނގެއެވެ.
"އަހަންނަކީ ކަލޭގެ ބޮޑުބޭބެއޭ!" އަތީލާއާ ދިމާއަށް އެނބުރެމުން ބަތޫރު ބުންޏެވެ. "ފިރިމީހާއަށް ޓަކާ އަހަރެން ގުރުބާންކުރާ އިރު މާދަމާ ކާކު ކަލޭ ހިމާޔަތް ކޮށްދޭނީ؟ ބަރުގާނަކީ ދުވަހަކު ވެސް ކަލޭ ދެކެ ލޯބި ނުވާނެ ފިރިއެއް."
އަތީލާ ކިތަންމެ ދުރުގައި ހުއްޓަސް ބަތޫރުގެ ހުރިހައި ވާހަކައެއް އަތީލާއަށް އިވެއެވެ. ބޮޑުބޭބެއަކީ ކިހައި އަމިއްލަ އެދުން ބޮޑު ބޭބެއެއްކަން އަތީލާއަށް އެނގެއެވެ. އެހެނަސް، ބޭބެ ބުނީ ތެދެއްކަން އަތީލާ ގަބޫލުކުރެއެވެ. ބަރުގާން ލޯބިވަނީ އަތީލާ ދެކެއެއް ނޫނެވެ. އެއީ ހަގީގަތެކެވެ. އަތީލާގެ ލޮލުން ކަރުނަ ހިލުނު ނަމަވެސް، ކުރި އަމުރު ބާތިލެއް ނުކުރެއެވެ.
ބަރުގާން މައްޗަށް އަރައި، ސާޅީހަކަށް ފޫޓަށް ފިޔަގަނޑު ހުޅުވައިލިއެވެ. ރިޔާސަތުގެ ރޫހާނީ ބާރު ފިޔަގަނޑު ދަށަށް ޖަމާކޮށްލިއެވެ. ވަކި ހަމައަކަށް، ވަކި ތަރުތީބަކުން ފިޔަޖަހަން ފެށިއެވެ. ފިޔަގަނޑުން ނުކުތީ ގުގުރިޖެހުމުން ނުކުންނަ ކަހަލަ އަޑެކެވެ. ހީވީ މިޔުޒިކެއް ހެންނެވެ. ބަތޫރުގެ ވަށައިގެންވާ ގަސްތައް ފިޔަވައި ދެން ހުރި ހުރިހައި އެއްޗެއް، ބަރުގާންގެ މިޔުޒިކަށް އިޖާބަދޭން ފެށިއެވެ. ހިލަވެއްޔާއި އަލިފާނާއި ވަޔެވެ. އޭގެ އެނބުރޭ ރޯޅިއެއް ތެރޭގައި ބަތޫރު ހައްޔަރުކޮށްލިއެވެ. ފެން ފިޔަވައި ދެން ހުރި ތިން އުންސުރުގެ ހެވިކަމުގެ ހުނަރު ކުޅަދާނަވެފައި ގަދަފަދައެވެ. ދެން ސަލާމަތް ނުވެވޭނެކަން ބަތޫރަށް ކަށަވަރުވި ދަނޑިވަޅު ބަރުގާން ހަޅޭއްލަވައިގަތެވެ. އެ އަޑު ތޫނުވެފައި ތޫއްޔެވެ. އެނބުރޭ ރޯޅީގެ އެނބުރުން އެތައް ސަތޭކަ ގުނައަކަށް ބާރުވިއެވެ. ބަތޫރުގެ ހިލައިގެ ދަހަނާއަކަށް ބަތޫރު ހިމާޔަތެއް ނުކުރެވުނެވެ. އެކި ދިމަދިމާއިން ދަހަނާ ފޫގޮސް، ފުނޑުފުނޑުވެ، ބަތޫރުގެ އަސްލު ހަށިގަނޑު ނުރައްކަލަށް ހުށައެޅުނެވެ. އުފެދުމުގެ އަސްލު ކަމުގައިވާ، ދުން ނާރާ އަލިފާން ބަތޫރުގެ ދުސްމިނަކަށް ބަދަލުވިއެވެ. ބަތޫރު އަނދައިގަތެވެ. އަޅިއަށް ވެގެން ބިމަށް ފެތުރުނެވެ. ކޮމާންޑަރު ފަނާވުމުން ފައުޖު އެކުގައި އަމާންދިނެވެ. ބަރުގާން އައިސް އަޅިތައް ކައިރިއަށް ތިރިކޮށްލި ވަގުތު އަޅިތައް ހިރަފުސްގަނޑެއް ހެން ޖައްވަށް އަރައިގެން ގޮސް ގެއްލުނެވެ. ފިޔަގަނޑު މަޅައިލުމަށް ފަހު ބަރުގާން ބަލައިލީ އަތީލާއަށެވެ. ޝުކުރުގެ ނަޒަރަކުންނެވެ. އަތީލާ އެހީނުވި ނަމަ ބަރުގާން ސަލާމަތެއް ނުވީހެވެ. އަތީލާއަށް ހަމަ އެކަނި ލިބުނީ، އަތުން ބީވަމުންދިޔަ ވެރިކަން އެކަންޏެއް ނޫނެވެ. ބަރުގާންގެ ހިތް ވެސް މެއެވެ. އަތީލާ އެ ކަމެއް ނުދެނަހުއްޓެވެ.
އޮއްސެމުން ދިޔަ އިރުގެ ދޯދިތައް، ހަމަހިމޭންވެ ދުމުގެ އަސަރު އޮބެމުންދިޔަ ހަނގުރާމައިގެ މައިދާން ރަނުން ގިރިޓީ ކޮށްލިއެވެ. ރިޔާސީ ބާލުހާނާގައި އަތީލާ ސާބިތުވެ ހުއްޓެވެ. ބަތޫރުގެ ވަސް ވެސް ނެތެވެ. އަޅިތަކާ އެކުގައި އޭނަ ފަނާވެގެންދިޔައީ، ދިރިތިބީން އޭނައަކީ ގައުމަށް ގައްދާރުވި ކިޔާނެއްގެ ގޮތުގައި ހަނދާންކުރާ ކަހަލަ ގޮތަކަށެވެ. ބަރުގާން އުދުހިފައި ގޮސް ބާލުހާނާއަށް ތިރިކޮށްލިއެވެ. ލައިގެން ހުރި ދަގަނޑު ދަހަނާގެ އެތައްމިތަން، ހަނގުރާމައިގެ ގަދަފަދަ ކަމަށް ހެކިދީފައި ހުއްޓެވެ. އަލިފާނާއި ދުމާއި ދެލީގެ ގޮތުގައެވެ. ވަރުބަލިވެފައިވާ ދެ ފިޔަގަނޑު ތިރިކޮށްލުމާ އެކު، ލޯބީގެ ނަޒަރަކުން، ފުރަތަމަ ފަހަރަށް ބަރުގާން ބަލައިލިއެވެ. އެ ބަލައިލުމުގެ މާނަ އަތީލާއަށް އެނގުނެވެ. ހައިރާންކަމާއި އުފާވެރިކަން އުފެދުނެވެ. އަތީލާ ހިތަށް އެރިއެވެ. ދުވަހަކު ވެސް ނުބަލާ ނަޒަރަކުން އަތީލާއާ ދިމާއަށް ބަރުގާން ބަލައިލީ ކީއްވެގެން ހެއްޔެވެ؟
"ޝުކުރިއްޔާ!" މައިނޭވާލެވިފައިވާ އަޑަކުން ބަރުގާން ބުންޏެވެ. "އަތީލާ ބޭނުން ނަމަ މި ވަގުތު މި ތާކު އަހަންނެއް ނުހުންނާނެ. ކީއްވެ އަހަރެން ސަލާމަތްކުރީ؟"
"އަނިޔާއެއް ކަފުން ކުރެވެނީ ލޯތްބެއް އުފަން ކޮށްގެން." ހޫނުކަން އޭރު ވެސް އެއްކޮށް ނުފިލާ ދަހަނާގައި އަތްޖައްސައިލަމުން އަތީލާ ޖަވާބުދިނެވެ.
"ބަތޫރަކީ އަތީލާގެ ބޮޑުބޭބެ،" އަތީލާ ގަޔާ ކައިރި ކޮށްލަމުން ބަރުގާން މަޑުމަޑުން ބުނެލިއެވެ. "އަހަންނަކީ ބީރައްޓެއްސެއް. ސިކުންތުކޮޅެއް ތެރޭ ކިހިނެއް އެ ނިންމުން ނިންމީ؟"
"ލޯބިވާން ނަގާނީ ހަމަ އެންމެ ސިކުންތެކޭ މޮޔަޔާ!" އަތީލާ ޖަވާބުދިނެވެ.
ކުރިޔަށް ވުރެ ގަޔާ ކައިރި ކޮށްލަމުން ބަރުގާންގެ ވެލަވަރު ތެރޭގައި އަތީލާ ފޮރުވިއެވެ. އަތީލާގެ ވަށައިގެން ފިޔަގަނޑު މަޅައިލުމުން އަތީލާއަށް ލިބުނީ އިތުބާރު ކުރެވޭ ކަހަލަ ހޫނުކަމަކާއި ހިމާޔަތެކެވެ. ފަހަތުން އޮއްސެމުންދިޔަ އިރުގެ ރަން ވަށްބުރު ތެރެއިން އަތީލާ އާއި ބަރުގާން ފެންނަނީ އެއް ހިޔަނި ހެންނެވެ. އެއް ހަށިގަނޑު ހެންނެވެ. އެއީ ދެ ހިތަކަށް ލިބުނު މުޅީން އާ ދިރުމެކެވެ.
ނިޒާރަށް ދިމާވީ ދިމާ އިދިކޮޅެވެ. މުހުސިނާގެ ފަޅުކަން ނިޒާރުގެ ހިތް މަރައިލިއެވެ. ދިރިހުރުމުގެ އުންމީދު ވެސް ފަނޑުކޮށްލިއެވެ. ނިޒާރު ނިންމި ގޮތުގައި މުހުސިނާގެ މަރަކީ، ނިޒާރުގެ އާއިލާއަށް ކުރިމަތިވެފައިވާ ޖިންނީގެ ދުންތުރާގެ ފަހު ބޮޅެވެ. ދެން އޮތީ ނިޒާރުގެ ފަހަރެވެ. ކުރާނެ ކަމަކާ މެދު އެކި ގޮތްގޮތަށް ވިސްނަން އިންދައި، ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑުއިވުނެވެ. ނިޒާރު ދޮރު ހުޅުވި އިރު ދޮރުމަތީގައި ހުރީ ތާމިރުއެވެ. ނިޒާރު ބޮޑަށް ދޮރު ހުޅުވައިލުމާ އެކު ތާމިރު ވަނެވެ. ނިޒާރު ދޮރު ލެއްޕިއެވެ.
"ކީކޭ ބުނީ؟" ނިޒާރު އެހިއެވެ.
"ވަރަށް ސަކަރާތް،" ތާމިރު ކަންބޮޑުވެފައި ބުންޏެވެ. "ހަމަ އަހަންނަށް ހީވި ގޮތަށް ވީ. އަންޖޫއާ ޖިންނިއެއް އަވަލަވާފަ ހުރީ. އޭނަ ބުނި ނަން ވެސް. ވަރަށް ފާޑުފާޑުގެ ވާހަކަ އޭނަ ދެއްކި. ބުނީ ކަންތައް ވަރަށް މައްޗަށް ގޮއްސަޔޯ ހުރީ. ދުރުކުރާކަށް ފަސޭހައެއް ނުވާނޯ."
"މަ ހަމަ ބުނި ގޮތަކަށްނު އެ ވީ،" ނިޒާރު ބުންޏެވެ. "އެކަމަކު މުހުސިނާއާ ކޮން ގުޅުމެއް އޮތީ؟ ކިހިނެއް ވެގެން ކޮން ތާކުންނޯ އަންޖޫއާ އަޅައިގަތީ؟"
"އަހަރެން ތި ސުވާލެއް ނުކުރަން،" ތާމިރު ބުންޏެވެ. "ހާސްނުވޭ! މި ފަހަރު ކުޅިދައްކާލާނަމޭ! ހައްތަހާ ވެސް ބޭބީއަށް ކަމެއް ވެދޭނެތީ މި މަޑުކޮށްލަނީ. އަންޖޫ ވިހެއީމަ ކަމެއް ކުރެވޭނީ."
ނިޒާރު ގާތުގައި ބުނަންޖެހޭ ވަރަށް ބުނުމަށް ފަހު ތާމިރު ވަކީން އަންޖަލްއާ ބައްދަލުކުރިއެވެ.
"ބަލައިފިން ވީ ގޮތް. މި އާއިލާއަށް މީހަކު ސިހުރެއް ހަދާފަ ހުރީ،" ޔަގީންކަމާ އެކުގައި ތާމިރު ބުންޏެވެ. "އެކަމަކު އަންޖޫ ހާސްނުވާތި! މަ މިހިރީނު."
ތާމިރު ހީކުރީ އަންޖަލް ވަރަށް ކަންބޮޑުވެ ހާސްވާނެ ކަމަށެވެ. އެ ކަހަލަ އެއްވެސް ކަމެއް ނުވިއެވެ.
"އަހަރެން ކީއްވެ ހާސްވާންވީ؟" އަންޖަލް ބުނެލީ އެހެންނެވެ.
"ބިރުނުގަންނައްޗޭ އިނގޭ!" ތާމިރު ބުންޏެވެ. "މިހާރު އެ ޖިންނި އުޅެނީ އަންޖޫއާ އަވަލަވައިގެންނޯ."
"ތާމިރު ގަބޫލުކުރަން؟" އަންޖަލް ސުވާލުކުރިއެވެ.
"ހުރިހާ ވާހަކައެއް ނުކުރަން،" ޗޮކެއް ކަނޑާފައި ތާމިރު ބުންޏެވެ. "އެ ޖިންނިއަށް ކިޔާ ނަން ވެސް އޭނަ ބުންޏޭ! ބަރުންނާގޯ! ރަސްކަލެކޯ އެއީ! އެ ތަންކޮޅު ވަރަށް ހެއްވާ! އިންސާނުންނާ އަޅައިގަތުމަށް ވުރެ މުހިންމު ކަންތައް ރަސްކަލަކަށް ހުންނާނެ ދޯ؟ އަދި ބުންޏޭ އަންޖޫއާ ދެ އަންބަށް އިނދެގެންނޯ އޭނަ އުޅެނީ. ތި ބޭބީއަކީ ވެސް އޭނަގެ ދަރިއެކޯ!" (ނުނިމޭ)
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިންމާ ފޭން
28 December 2025
ބިންމާ ބޭބޭ، ކޮބައިތަ އަންޖޫގެ ހުންނަކަމަށް ބުނި ބާރު؟ މީހެއްގެ ލޮލަށްބަލާފަ ކަމެއް ކުރަން ނޫނީ ނުކުރަން ބުނީމަ އެމީހަކު އެކަމެއް ކުރާނެ ޔޭ ނޫންތަ ބުނީ. މިހާރު އަންޖޫ ނޫންހެން ހީވަނީ މީގެ މެއިން ކެރެކްޓަރ އަކީ މިދާގޮތުން.
ކޮމެންޓް ކުރާ ކުއްޖާ
28 December 2025
މަ އޭރުވެސް ބުނިން މި އަހަރުގަ 1 ދުވަސް އޮށްވާވެސް މި ވާހަކައެއް ނުނިމޭނެއޭ. އަންޖަލް ކައިރީ ބުނެބަލަ ނަމާދުތައް ބަރާބަރަށް ކުރާށޭ. ޒިކުރުތަކާ އެއްޗިސް ކިޔާށޭ. މާ ބޮޑަށް ހާސަރު ދަމަނީ މިހާރު.
ސުހަަނާ
28 December 2025
"އެއްޗިސް" ކިޔާ ލަފުޒެއް ދިވެހިބަހަކު ނޯވޭ. "އެއްޗެހި" ކިޔާ ލަފުޒެއް އޮންނަނީ.
އަންޖޫ
28 December 2025
އަންޖޫއަށް ދެންވާނީ ކިހިނެއް؟ ކިހިނެއް ދެބެއިންނާއި އިނދެގެން މިއުޅެނީ. ކުޅިވަރެއްތަމީ؟ ލޯބިވާންވެސް ހާދަހާ ފަސޭހަޔޭދޯ ޖިންނީންނަށް
ވައޫ
28 December 2025
އަދި ކިރިޔާނު ރީތިވީމި