31 ޑިސެމްބަރ 2025 - 06:46
(އާދިއްތަ ދުވަހާ ގުޅޭ)
ތި ބޭބީއަކީ ވެސް އޭނަގެ ދަރިއެކޯ!" ތާމިރު ބުންޏެވެ.
ބަރުގާން ދެއްކި ވާހަކަ އޭރު ވެސް އަންޖަލް ހަނދާން ހުއްޓެވެ. ޖިންނީންގެ ދުނިޔެ ފެނުމުގެ އިތުރަށް، އެ ބާރުން މިންވަރެއް ނަކަލުވެފައިވާ އަންޖަލްއަށް، އާންމު އިންސާނުންނަށް ގަބޫލު ނުކުރެވޭ އެތައް ކަމެއް ގަބޫލުކުރެވެއެވެ.
"އަހަންނަށް އެނގޭ އަންޖަލްއަކަށް ގަބޫލެއް ނުކުރެވޭނެކަން،" އެއްޗެއް ނުބުނެވި އަންޖަލް ބަލަހައްޓައިގެން އިނުމުން ތާމިރު ބުންޏެވެ. "އެއީ ވަރަށް ބާރުގަދަ ބައެއް. އަހަރުމެންގެ ލޮލަށް ނުފެންނަ ބައެއް. މި ވަގުތު މި ތާނގަ ވެސް އެ މީހުން ތިބޭނެ. ފުރަތަމަ އަހަރުމެން ޖެހޭނީ މި ގެ ރައްކާތެރިކުރަން. ޖިންނިސައިތާނުން މި ގެއަށް ވަންނަން ހުރި ހުރިހާ ދޮރެއް ޖެހޭނީ ބަންދުކުރަން. އެހެން ނޫނީ އަހަރުމެން ދައްކާ ވާހަކަ އަޑުއަހައިގެން، އަހަރުމެންނާ ދެކޮޅަށް ފާޑުފާޑުގެ ރޭވުން ރާވާނެ. ފަހުމާން ބޭނުންވަނީ، އެއްވެސް ކަމެއް ކުރުމުގެ ކުރިން މި ގެ ބަލައިލަން. މާދަމާ ރޭ އަންނާނަން އޭނަ ގޮވައިގެން. ދަންނަންތަ ފަހުމާން؟"
ފަހުމާންއަކީ އަންޖަލް އަލަށް އަޑުއެހި ނަމެކެވެ. އޭނަގެ ފެންވަރެއް އަންޖަލްއަކަށް ނޭނގެއެވެ. އެހެންވިޔަސް، އޭނަޔާ ހަތަރުކަޅި ހަމަކުރާކަށް އަންޖަލް ބޭނުމެއް ނޫނެވެ. ފަހުމާން ނުދަންނަމޭ އަންޖަލް ބުނީ ބޮލުގެ ހަރަކާތުންނެވެ.
"އެހެން ރެޔަކަށް ހަދަންވީނު." އަންޖަލް އެދުނެވެ.
"އެއީ؟" ތާމިރު ސުވާލުކުރިއެވެ. "ކަމެއް ކުރާކަށް ނޫނޭ އޭނަ އަންނަނީ. އަންޖޫގެ ކާފަ ވެސް އޯކޭ ދީފި. އަހަރެން ބުނެފިން އަންނާށޭ ވެސް. ވަރަށް ބިޒީކޮށް އޭނަ އުޅޭނީ. ލިބުނު ޗާންސް ކަޓުވާލައިފިއްޔާ ދެން ނޭނގެ އަތުޖެހޭނެ ކަމެއް."
"އަހަރެން ގެއަކު ނޫޅޭނެ،" އަންޖަލް ބުންޏެވެ. "އުޅޭ ވަގުތެއްގަ އޭނަ ގެންނާނީ."
"އެއީ ކޮން ވަގުތެއް؟" ތާމިރު އެހިއެވެ.
"އަސްލު ތެދަށް ބުނަން؟" އަންޖަލް ޖަވާބު ދިނެވެ. "އަހަރެން ބޭނުމެއް ނޫން ސިހުރު ހަދާ މީހުން މި ގެއަށް ވައްދާކަށް."
"އެއީ ރާގީއެކޭ!" ތާމިރު ބުންޏެވެ. "އޭނަ ސިހުރެއް ނަހަދާނެ."
"ހެވޭ!" އަންޖަލް ތަންކޮޅެއް ބާރަށް ބުންޏެވެ. "ގެނެސްގެން ނުވާނެ. އަޑުއިވިއްޖެ؟"
"މައްސަލައެއް ނެތް." ތާމިރު އެއްބަސްވިއެވެ.
ހަސްބަރާޒާއަށް އީދެއް އައިސްގެން އުޅޭ ކަހަލައެވެ. ކުރީ ދުވަހު އެފުށްމިފުށަށް ޖެހިފައިވާ ބިންގަނޑުގައި ކަމެއް ހިނގިހެން ވެސް ހީނުވެއެވެ. އެއީ، ބިންގަނޑު ވެސް ނޭވާލާ ހަސްބަރާޒާގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. ލިބޭ ގެއްލުމާއި އުނިކަން ފޫބައްދާނީ އެ އެއްޗެއް އަމިއްލައަށެވެ. އަތީލާ އާއި ބަރުގާން ތިބީ، ބަގީޗާ ތެރޭގައި ހުރި ބޮޑު އުނދޯންޔެއްގައެވެ. ގަސްތަކުން ނޫކުލައެއްގެ، ދުމަކަށް ނުވާ އާތްވެއް ފައިބަފައިބާ ހުއްޓެވެ. ނޫކުލައިން ރަމުޒު ކޮށްދެނީ ރައްކާތެރިކަމެވެ. ބިންމަތީގައި ޖެހުމުގެ ކުރިން ދުންތައް ގެއްލެއެވެ. އުދުހޭ ދޫނިތަކުގެ ލަވަ އާއި އަރާ ފެންގަނޑުގެ މިޔުޒިކާއި ނަށާ ގަސްތަކުގެ ފަތްތަކާއި ފޮޅިނުނިމޭ މާތަކުގެ ހުވަނދުން ބަރުގާންގެ ސިކުނޑި ލޮޑުކުރުވިއެވެ. އެސްފިތައް ކަންނެތް ކުރުވިއެވެ.
"ކިހާ ހަމަހިމޭން." ބަރުގާން ބުންޏެވެ.
"ހަމަހިމޭންކަން ލިބެން ޖެހެނީ ތަނަކަށް ނޫން،" ބަރުގާންގެ ކޮނޑުގައި ލެނގިލައިގެން އިން އަތީލާ ބުންޏެވެ. "ލިބެން ޖެހޭނީ ހިތަށް. މީހަކު ދެކިލާ ހިތުން ތި ހިތް ކިހާ އެބަ ތެޅޭކަން އަހަންނަށް އެނގޭ. ދޭ ގޮސްލާފަ އަންނަން."
"އަތީލާ ހުއްދަ ދިނަސް އަހަރެންގެ ނަފުސު އަހަންނަކަށް ހުއްދައެއް ނުދޭ!" ބަރުގާން ބުންޏެވެ. "ދެން ކިހިނެއް ދާނީ؟ މި ތާ އިނަސް އަހަންނަށް އަންޖޫ އެބަ ފެނޭ. ފާރަވެރިޔަކު އެ ތާ އެބަހުރި. އެކަމަކު އަލަށް މި އައި ތާމިރު ކިޔެވެލި ކިޔަވަން ފަށައިފިއްޔާ އަހަންނަށް އަންޖޫ ގެއްލޭނެ. ދެން އަންޖޫއަށް ކަމެއް ދިމާވިޔަސް އަހަންނަކަށް ނޭނގޭނެ. ފަހުމާނެއްގެ ވާހަކަ އެ ދައްކަނީނު؟ އޭނަ ނުގެންނާށޭ އަންޖޫ ބުނީމަ ކިހާ ރީތިކޮށް އެ ބުނީ މައްސަލައެއް ނެތޭ! ދޮގޭ އެ ހަދަނީ. އަންޖޫ ބުނާ އެއްވެސް އެއްޗެއް ތާމިރަކަށް މުހިންމެއް ނުވާނެ."
ފަހުމާން ނުގެންނާނެ ކަމަށް ތާމިރު ބުނި ރޭ، ފަހުމާން ގޮވައިގެން ތާމިރު އައެވެ. އަންޖަލް ގާތުގައި އެ ވާހަކަ ބުނީ އަންޖަލްގެ ފާރަވެރިޔާއެވެ. ފަހުމާން ގެއަށް ވަނުމުގެ ކުރިން އަންޖަލް ތައްޔާރުވެގެން ކޮޓަރިން ނުކުތެވެ. ލަސްވީ ހަމަ ކުޑަ ތަންކޮޅެކެވެ. އޭރު ތާމިރު އާއި ފަހުމާން ގެއަށް ވަންނަނީއެވެ. އަންޖަލް ފެނުމާ އެކު ފަހުމާން ދިޔައީ ސިއްސައިގެންނެވެ. އަންޖަލްގެ ލޮލުގައި ގަދަ ވިދުމެއް ހުރި ތަން ފަހުމާންއަށް ފެނުނެވެ. ދެ މީހުން ދެ މީހުންނަށް ބަލަމުން އެކަކު އަނެކަކު ހުރަސްކުރިއެވެ.
"އަހަރެން ހީކުރީ އަންޖޫ ނޫޅޭނެ ކަމަށް،" ތާމިރު ބުންޏެވެ. "ކޮން ތާކަށް ތި ދަނީ؟"
އަންޖަލް ޖަވާބެއް ނުދެއެވެ. ދިޔަ ގޮތަށް ގެއިން ނުކުތީއެވެ. ހަމަ ނޭވާލެވުނީ އެ ހިސާބުންނެވެ.
"އެއީ ކާކު؟" ފަހުމާން ބުންޏެވެ.
"އަހަރެން ބުނީމެއްނު އަންޖޫއެއްގެ ވާހަކަ. އޭނަ އަސްލު ބޭނުމެއް ނޫން..." ތާމިރަށް ބުނެވުނީ އެ ހިސާބަށެވެ.
"އޭނަ ގެނޭ!" ފަހުމާން އެދުނެވެ. "ދޭ އޭނަ ގޮވައިގެން އަންނަން."
އަންޖަލް ގެއިން ބޭރަށް ނުކުތީ ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. އެހެންކަމުން ދޮރުމަތީގައި މަޑުކޮށްލައިގެން ވިސްނަން ހުރީއެވެ. ހުއްޓައި ތާމިރު ނުކުތެވެ.
"އަންޖޫ ވަދެބަލަ އެތެރެއަށް،" ތާމިރު އެދުނެވެ. "އެންމެ މިނެޓަކަށް."
"އެންމެ ސިކުންތަކަށް ވެސް ނުވަންނާނަން،" ރުޅި އައިސްފައި އަންޖަލް ބުންޏެވެ. "ކަނޑައެޅިގެން އޭނަ ނުގެންނާށޭ ބުނެފަ އޮއްވާ ކީއްކުރަން ގެނައީ؟"
"އަންޖޫއަށް ކިހިނެއް އެނގުނީ އެއީ އޭނަ ކަމެއް؟" ތާމިރު އެހިއެވެ. "ބުނީމެއްނު ނުދަންނަމޭ!"
"އަހަންނަށް ބައިވަރު އެއްޗެހި އެނގޭ! ކިޔައިދޭންވީ؟" ނުކިޔައިދޭން ނިންމައިގެން ހުރި ވާހަކަ އަންޖަލް ކިޔައިދޭން ފެށިއެވެ. "ތާމިރުގެ އަންހެންނުން ހުރީ އިންޑިޔާގަ ދޯ؟"
ހައިރާންވެގެން ބަލަހައްޓައިގެން ތާމިރަށް ހުރެވުނެވެ.
"ކުއްޖަކު ނުލިބިގެން މިހާރު ކިތައް ޑޮކްޓަރުންނަށް ދެއްކިއްޖެ؟" އަންޖަލް އެހިއެވެ. "އަހަރެންގެ ބޭބީ ބޭނުންވެގެނެއްނު އަހަންނާ އިންނަން ތި އުޅެނީ؟"
"ތީ ކާކު ދައްކައިގެން އުޅޭ ބުހުތާނު ވާހަކައެއް؟" ތާމިރު ވަރަށް ހައިރާންވެފައި ބުންޏެވެ. "ނިޒާރުއަކީ އަހަރެންގެ ރައްޓެއްސަކަށް ވެފަ، އޭނަ އެދުނު އެދުމަކަށް އަންޖޫއާ އިންނަން ވެގެން އަހަރެން މި އުޅެނީ. އާނ އަހަރެން މީހަކާ އިނިން. ނީންނަމެކޭ ނުބުނަމެއްނު. އޭނަ މިހާރު ހުރީ ވެސް އިންޑިޔާގަ. އެކަމަކު އަހަރުމެންގެ ކައިވެންޏަކާ އަންހެނުންނަކާ ގުޅުމެއް ނެތް. ދެން ހިނގާ އެތެރެއަށް. އަންޖޫއަށް ރަނގަޅަކަށް މި ބުނަނީ."
އަންޖަލްގެ އަތުގައި ތާމިރު ހިފުމުން އަންޖޫ އަތް ފޮޅުވައިލިއެވެ.
"ތާމިރުއަށް ރަނގަޅަކަށް އަހަރެން ވެސް މި ބުނަނީ،" އަންޖަލް ބުންޏެވެ. "ދެންމެ ގެއަށް ތި ވެއްދި މީހާ... ނަން ވެސް ހަނދާން ނެތިއްޖެ! އޭނަ ހަމަ މިހާރު ގެއިން ނެރޭ! އަސްލު ތާމިރު ތި އުޅެނީ އަހަންނަށް ފަންޑިތަ ހަދާކަށްނު! ނެހެދިޔަސް އަހަރެން ބުނެފާނަމޭ! އަހަންނަށް އިނދެވުނީ ޖިންނިއަކާ. ބަނޑުގަ މި އޮތީ ވެސް ޖިންނި ކުއްޖެއް. ނިމުނީނު."
އެހެން ބުނެފައި، އެ ވަގުތު މޫނު ހުރި ދިމާއަށް އަންޖަލް ހިނގައިގަންނަން އުޅުމުން ތާމިރު ކުރިމައްޗަށް އެރިއެވެ.
"އަންޖޫ ކަމަކާ ނުލާ ތި ރުޅިއަންނަނީ،" ތާމިރު ބުންޏެވެ. "ހިނގާ އެތެރެއަށް."
"އަހަންނަށް ތަން ދައްކާ!" އަންޖަލް އެދުނެވެ. "ފަހު ފަހަރަށް މި ބުނަނީ. ތަން ދައްކާ!"
ތާމިރު އެއްފަރާތަކަށް ނުޖެހުނެވެ. ކުއްލިއަކަށް ހީވީ މީހަކު ތާމިރު ކޮއްޕައިލި ހެންނެވެ. އަރިއަޅަމުން ތާމިރު ދޮރުމައްޗަށް ވެއްޓުނެވެ. އެހެނަސް، ތާމިރު ގަޔަކު އަންޖަލް އަތެއް ނުލައެވެ. އެހެން މީހަކު އެ ތާކު ނެތެވެ. އަންޖަލް ދިޔަ ގޮތަށް ދިޔައީއެވެ. ތާމިރު ހައިރާން ވެގެން، ވިސްނަން އިނދެފައި ގޭތެރެއަށް ވަނެވެ.
"ކޮބާ އެ މަންޖެ؟" ފަހުމާން އެހިއެވެ.
ތާމިރަކަށް ވާހަކައެއް ނުދެއްކުނެވެ. ވިސްނަން ހުރެވުނީއެވެ. ތާމިރު ވެއްޓުނީ ކިހިނެއް ހެއްޔެވެ؟ ހިތުގައި އެނބުރު ސުވާލަކީ އެއީއެވެ.
"ހިނގާ ދަމާ!" ތާމިރު އެދުނެވެ. "އެހެން ފަހަރަކުން މި ކަމާ އުޅޭނީ."
ފަހުމާން ހައިރާން ވެފައި ހުއްޓައި ތާމިރު ހިނގައިގަތެވެ. އަތުގެ އިޝާރާތުން، މި ވީ ކިހިނެއްހޭ ބުނެފައި ތާމިރު ފަހަތުން ފަހުމާން ވެސް ހިނގައިގަތެވެ.
"ނުޖެހޭ އެހާ ބާރަށް ކޮއްޕާލާކަށް،" ދުވާރު މަތިން ހިނގާފައި ދިޔަ އަންޖަލް ބުނެލިއެވެ. "އޭނައަށް އަނިޔާވި ނަމަޔޯ؟"
ދުވާރުން ހިނގި ބައެއް މީހުންނަށް އަންޖަލް ވާހަކަ ދައްކާ އަޑުއިވުނެވެ. އެއް ބަޔަކު ހީކުރީ ފޯނުން ވާހަކަ ދައްކަނީ ކަމަށެވެ. އެކަމަކު ވައަތްފަރާތަށް ބަލަހައްޓައިގެން ވެސް އަންޖަލް ވާހަކަ ދެއްކިއެވެ.
"ތި ކަން އެނގެޔޭ!" ތަންކޮޅެއް ބާރަށް އަންޖަލް ބުންޏެވެ. "އެކަމަކު އަހަރެން ބެލެހެއްޓުމަކީ މީހުންނަށް އަނިޔާ ކުރުމެއް ނޫނެއްނު! ވީ ގޮތް އޭނަ ބަލާނެ. އަހަންނަށް އޯކޭ! ކާފައަށް އޯކޭ ނުވާނީ. މިހާރު ވެސް ކާފަ އެ ހުންނަނީ ނުލާހިކު ސަކަރާތް ވެފަ."
ފަހުމާން ގޮވައިގެން ސައި ދީފައި، އޭނަ ގެއަށް ލާފައި ތާމިރު އަނެއްކާ ވެސް މިސްރާބު ޖެހީ އަންޖަލްގެ ގެއަށެވެ. ހިތް ނުތަނަވަސްވެފައި ހުރުމުން ސައިކަލު ދުއްވުނީ ތަންކޮޅެއް ބާރަށެވެ. މަގަށް ވުރެ ބޮޑަށް ތާމިރުގެ ސަމާލުކަން ހުރީ، ނުފެންނަ އަތަކުން ތާމިރު ކޮއްޕާލި ހާދިސާއަށެވެ. ބާރަށް ކޮއްޕައިލުމުން ކުރެވޭ އިހުސާސް ތާމިރުއަށް ކުރެވުނެވެ. ކުއްލިއަކަށް ލޮލަށް އައްޔެއް އެޅުނު ހެން ހީވެގެން ތާމިރު ސިއްސައިގެން ދިޔައެވެ. އެއީ ފަހުމާން ގޮވައިގެން ސަޔަށް ދިޔަ އިރު ވެސް، އެއް ފަހަރު ވީ ގޮތެކެވެ. އަނެއްކާ ވެސް އެހެން ވިއެވެ. އެ ފަހަރު ސައިކަލު ކޮންޓުރޯލު ކުރެވުނީ ވެސް ކިރިޔާއެވެ. ވީމާ ދުވެލި މަޑުކުރިއެވެ. އަންޖަލްގެ ގެއާ ހަމައަށް ދިޔައީ މަޑުމަޑުންނެވެ. އަންޖަލް އުޅޭތޯއެއް ތާމިރު ނުބަލައެވެ. ދިޔަ ގޮތަށް ގޮސް ނިޒާރުއާ ބައްދަލުކުރިއެވެ. އަންޖަލް ކިޔައިދިން ވާހަކަތައް ކިޔައިދިނެވެ.
"ދެން ތާމިރު ގަބޫލުކުރީ؟" ޗޮކެއް ކަނޑާފައި ނިޒާރު ބުންޏެވެ. "މަޑުކުރޭ!"
ނިޒާރު ސޯފާއިން ތެދުވެގެން ގޮސް އަންޖަލްގެ ކޮޓަރިއަށް ވަނެވެ. އަލްބަމެއް ހިފައިގެން ނުކުތެވެ. ދިމްނާގެ ދެބެން ޓީވީބަލަން ތިބުމުން ތާމިރު ގޮވައިގެން ނިޒާރު ޖެހިލީ ބަދިގެއަށެވެ. މޭޒުމަތީގައި އަލްބަމް ބޭއްވިއެވެ.
"މިހިރީ އަންޖޫ!" ފޮޓޯއެއް ދައްކާފައި ނިޒާރު ބުންޏެވެ. "މިހިރީ އަންޖޫގެ ފިރިމީހާ ރާއިފު. މީ އަހަރެން ދަންނަ ކުއްޖެކޭ. ބޭނުމިއްޔާ އޭނަގެ މަންމަޔާ ވެސް ވާހަކަ ދެއްކިދާނެ. އަހަރެން ނުދެނަހުރިން އެއީ ޖިންނިއެއް ކަމެއް."
"ދެން އަހަރެން ކޮއްޕާލީ ކާކު؟" ތާމިރު ސުވާލުކުރިއެވެ.
އެ ވަގުތު ކަރަންޓު ދިޔައެވެ. މޭޒު ތެޅިގަތުމާ އެކު، ނިކަން ބާރަށް މޭޒުގައި އެއްޗެއް ޖެހުނު އަޑު އިވުނެވެ. (ނުނިމޭ)
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާމަ.
31 December 2025
ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ. އެންމެ ޙާދިސާއެއް ހިނގާ އިރަށް އޕސޑ ނިމިފަ އޮންނަނީ. އެހެންވެ ކުޑަކޮށް ކިޔަން ފޫހިވާ ގޮތްވޭ.