24 ފެބުރުއަރީ 2019 - 08:40
އީދު ޗުއްޓީގައި ގޭގެ އެންމެން އައީ ރިސޯޓަށެވެ. ތިން ދައްތައާއި، އެ މީހުންގެ ފިރިންނާއި ދަރިންނެވެ. ދަތުރުގައި ބައިވެރިނުވާން އުޅެފައި އެންމެ ފަހު ވަގުތުގައި ރޫބާ ވެސް އައެވެ. އެއީ އަހަރެންނަށް ވުރެ އެއް އަހަރު ހަގު ކޮއްކޮއެވެ. "ސަނީ ބީޗް މޯލްޑިވްސް" އަކީ އަހަރެންގެ ފިރިމީހާ ސަލީމްގެ ފަސް ތަރީގެ ހަތަރު ރިސޯޓުގެ ތެރެއިން އެންމެ ފުރިހަމަ ރިސޯޓެކެވެ. ހުޅުވިތާ މަހެއް ނުވެއެވެ. އެ ތަނުގައި އަހަންނަށް ހާއްސަ ގަނޑުވަރެއް ހުރެއެވެ. ބޭނުން ދުވަހަކު އެ ގަނޑުވަރުގައި ތިބެންވީއެވެ. ތަނުގެ އެތެރޭގައި ވަރަށް ބޮޑު ވެވެއް އޮވެއެވެ. އެ ވެވުގައި ކޮންމެ ދުވަހަކު އަހަރުމެން ސަކަރާތްޖަހަމެވެ. ސަލީމް ވެސް އައިސް އަހަރުމެންގެ ސަކަރާތުގައި ބައިވެރިވެއުޅެއެވެ. މަޖަލުގައި ބައިވެރިނުވަނީ ރޫބާއެވެ. ހިތްހަމަނުޖެހުން ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އޭނައަށް ހުރެވެނީ މޫނުހަދާފައެވެ. ރޫބާއަށް އެހެންވީ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. ހެއްކެއް ނެތަސް އެންމެން ވެސް ކިޔަނީ އެހެންނެވެ.
މާލެއަށް ފުރަންއޮތް ދުވަހެވެ. އަދި ދެތިން ދުވަހު ތިބެލަން ކޮންމެ މީހަކު ވެސް ބޭނުމެވެ. އެކަމަކު، އެންމެން ވެސް އޮފީހުގައި އުޅޭތީ އެހެން ގޮތެއް ނެތެވެ. ފުރަންވެގެން އެންމެން ނުކުތްއިރު ވެސް އަހަރެން އޮތީ ވެވުގައެވެ. އެންމެން ނުކުމެގެންދިޔަ ފަހުން އަހަންނަށް ކޯލެއް އައެވެ. މަންމަގެ ދަބަސް ބޭއްވުނު ވާހަކަ ބުންޏެވެ. އަހަރެން ގޮސް ދަބަސް ހޯދީމެވެ. ދަބަސް ބަލާ ދުވެފައި އައީ ރޫބާއެވެ. އެއީ، މުޅި ދަތުރުގައި ވެސް އަހަރުމެން ދެބެން އެކަނި ގޭގައި ތިބި ހަމައެކަނި ދަނޑިވަޅެވެ. ރޫބާ އަތަށް ދަބަސްދީފައި، އަހަރެންގެ އިނގިލީގައި ހުރި އަނގޮޓިތަކުގެ ތެރެއިން އެކަތި ނެގީމެވެ. އެއީ އެހަކަށް ލަޕިސްލަޒޫލީ ޖަހައިފައިވާ އަނގޮޓިއެކެވެ. އެ ވައްތަރުގެ އެހަކީ ރޫބާ މާ ގަޔާވާ އެއްޗެކެވެ.
"ހެޕީ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"ޕްލީޒް!" ހުއްޓާލާށޭ ބުނާ ކަހަލަ ހަރަކާތަކާ އެކުގައި ރޫބާ ބުންޏެވެ. "ކޮންމެހެން އެކްޓުޖައްސާނެކަމެއް ނެތް."
އެ ވަރަކުން ވެސް ރޫބާގެ ހިތެއް ނުފުރުނެވެ. އަހަރެންގެ އަތުގައި ޖެހިޖެހީނުން އަނގޮޓި ވިއްސައިލިއެވެ. އަނގޮޓި ވެއްޓުނީ ވެވުތެރެއަށެވެ. އަހަރެން އުޅުނީ ރޫބާގެ ދުލުން ހެޔޮބަހެއް ލިބޭތޯއެވެ.
"އަހަރެން ހާދަހާ ފޫހިވާ މީހެކޭ ތީ،" ދެ ބުމަ ގޮށްޖަހަމުން ރޫބާ ބުންޏެވެ. "މަ ކަލެއަށް ހާދަހާ ބަދުދުއާއެއް ކުރަމޭ. ނޭނގެ ކީއްވެގެންކަމެއް ކަލެއަށް އޭގެ އިފެކްޓް ނުކުރަނީ."
ބަދުދުއާކުރާކަމަށް ރޫބާ އިއުތިރާފުވީ އެ ދަތުރުގައެވެ. ކުރިން ކުރެވިފައިއޮތީ ހީއެކެވެ. ވީ ދެރައިން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ބަލާނަން ކިހާ ދުވަހަކު ތިހެން އުޅެވޭތޯ!" ރޫބާ ބުނެލިއެވެ.
ރޫބާ ދިޔުމުން އަހަރެން މަޑުމަޑުން ގޮސް ވެވަށް އެރުނީމެވެ. ދެ އަތް ދެފަރާތަށް ދަމައިލައިގެން ފެންގަނޑުމަތީގައި އޮށޯވެލީމެވެ. ވިލާތަކަށް ނަޒަރުހުއްޓައިލައިގެން އެހެން އޮވެވުނީ ކިހާ އިރެއްވަންދެން ކަމެއް ނޭނގެއެވެ. އަހަރެން އޮތީ އެ ތަނުގައި ނަމަވެސް ސިކުނޑި އަހަރެން ގެންދިޔައީ މަތިންދާބޯޓެއްގެ ތެރެޔަށެވެ. އެއީ ރޫބާއާއި އަހަރެން މެލޭޝިޔާއަށް ކުރި ދަތުރެކެވެ. ސަލީމް ފެނުނު ފުރަތަމަ ފަހަރެވެ. އަހަރުމެން ދެބެންގެ ލޮލުގައި ވެސް ސަލީމް އަޅައިގަތެވެ. ސަލީމަކީ ކާކުކަމާއި، އޭނަގެ މުއްސަނދިކަން އަހަރުމެންނަށް އެނގެއެވެ. އެކަމަކު ސަލީމުގެ ވާހަކަ ފުރަތަމަ ދެއްކީ ރޫބާއެވެ. އޭރު ސަލީމްގެ ދެ އަނބިން ތިބޭކަން އަހަރުމެންނަށް އެނގެއެވެ. އެހެންވިޔަސް ސަލީމްގެ ހިތް އަތުލަން ރޫބާ ބޭނުންވިއެވެ. ލިބޭނެ ތަނަވަސް ދިރިއުޅުމަށް ޓަކައެވެ. ސަލީމް ދެކެ ލޯބިވާ ވާހަކަ އެއްފަހަރު ވެސް ރޫބާއެއް ނުބުނެއެވެ. މަހުޖަނެއްގެ އަންބަކަށް ވާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އަހަރެން އެއްޗެއް ނުބުނެ އިނީ، ހުވަފެނަކުން ވެސް އެ ފަދަ ނަސީބެއް ނުލިބޭނެތީއެވެ.
ކަންދިމާކުރި ގޮތުން ސަލީމްގެ ފަރާތުން އިސާރާތެއް ލިބުނީ އަހަންނަށެވެ. ރޫބާއަކަށް ނޫނެވެ. އޭގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ސަލީމްގެ ހިތުގައި ރޫބާއަށް ލޯބިޖެއްސުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އެކަމަކު އަހަރެންނަށް ވެސް ކުށެއް ކުރެވުނެވެ. އޭގެ ފަހުން އެތައް ފަހަރަކު ސަލީމްގެ ވާހަކަ ރޫބާ ދެއްކުމުން ވެސް އަހަންނާއި ސަލީމްގެ ގުޅުން ބަދަހިވެފައިވާކަމެއް އަހަރެން ނުބުނަމެވެ. ބުނަން ނުކެރުނީއެވެ. ސަލީމްގެ ހިތް އަތުލާކަށް ރޫބާ އެއްވެސް ކަމެއް ނުކުރެއެވެ.
ރަޔާން ކިޔާ ކުއްޖަކު ރޫބާއާ ހެދި މޮޔަވެގެން އުޅެން ފެށުމުން ރޫބާ އެ ލޯބި ގަބޫލުކުރިއެވެ. ސަލީމްގެ ވާހަކަ އަހަރެން ކިޔައިދިނީ އޭގެ ފަހުންނެވެ. ވަގުތުން ރޫބާ ރުޅިއައެވެ. ރަޔާނާ ރުޅިވިއެވެ. އަހަންނާ ވާހަކަދެއްކުން ހުއްޓާލައިގެން ދެ ހަފުތާ ވަންދެން ހުއްޓެވެ. ރޫބާ ދެކޭ ގޮތުގައި ރޫބާގެ ލޯބި އަހަރެން ފޭރިގަތީއެވެ. އެތައް ވާހަކައެއް ދައްކައިގެން ވެސް އަހަންނަކަށް ރޫބާއަށް ވިސްނައެއް ނުދެވުނެވެ. އަހަރެންގެ އުފާވެރި ދިރިއުޅުން ރޫބާއަކަށް ހަޖަމެއް ނުވިއެވެ. ރޫބާގެ ރުޅި ދެގުނައަށް ބަދަލުވީ އަހަރެން އުފަލުގައިއުޅޭތަން އޭނައަށް ފެންނާތީއެވެ. ޚިޔާލުގައި އޮވެފައި ރަނގަޅަށް ވިސްނައިލިއިރު އުޑުމަތި އަނދިރިވެއްޖެއެވެ. އިރުއޮއްސިއްޖެއެވެ. އަހަރެން ވެވުން އެރީމެވެ. އަޅައިގެންހުރި މޫނުމަތި ބާލައިފައި އަހަރެން ރޯންފެށީމެވެ. އެ އަޑުއަހާނެ އެކަކު ވެސް ނެތެވެ. ރަނގަޅީ ވެސް ނެތިއްޔާއެވެ.
އަހަރެން ހިކެން ފެށިއެވެ. އެންމެން ވެސް ހީކުރީ މަދުން ކާތީކަމަށެވެ. ކަސްރަތުކުރާތީކަމަށެވެ. މީހުން އެހެން ހީކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަހަންނަކީ ބޭނުން ކޮންމެ އެއްޗެއް ކެވޭހާ ތަނަވަސްކަންހުރި މީހެކެވެ. ބޭނުން ކޮންމެ ތަނަކަށް ވެސް އަހަންނަށް ދެވޭނެއެވެ. އިންސާނުންނަކީ އަޖައިބެއް ކަހަލަ ބަޔެކެވެ. ދާދި ކުޑަ މިންވަރެއް އެނގޭއިރަށް ތިމާއަށް ހުރިހާ އެއްޗެއް އެނގޭކަމަށް އިންސާނުން ހީކުރެއެވެ. އެކަމަކު ހަގީގަތާއި އަހަންނާ ދެމެދު އުޑާބިމާ ދެމެދުގައިވާހާ ފަރަގު އެބަހުއްޓެވެ. އާނއެކެވެ. ދުނިޔަވީ ހުރިހާ އެއްޗެއް އަހަރެންގެ އަތްފޯރާ ފަށުގައި އެބަހުއްޓެވެ. އަހަރެންނަކީ މަހުޖަނެއްގެ އަންބެކެވެ. މީހުންނަށް އެނގޭ މިންވަރަކީ އެއީއެވެ. އަހަރެންގެ ފަހުން ވެސް ސަލީމް ކައިވެންޏެއް ކޮށްފިއެވެ. އުމުރުން އެންމެ ނަވާރަ އަހަރުގެ ނަތާލިޔާއަކީ ރަޝިޔާ ކުއްޖެކެވެ. ކައިވެނި އޮތީ ރަޝިޔާގައެވެ. އަހަންނަށް ވުރެ މާ ރީތި ކުއްޖެކެވެ. އަހަރެން ވަރިނުކޮށް މިހިރީ ޝަކުވާ ނުކުރާމަތިންނެވެ. ކޮންމެ ގޮތަކަށް ރުހޭމަތިންނެވެ. އެކަކަށް ވެސް އެ ކަމެއް ނޭނގެއެވެ.
ސަލީމަކީ މީހުންނަށް ވަރަށް ހެޔޮ މީހެކެވެ. ހަމައެހެންމެ ސަލީމްގެ އަނދިރިފަރާތެއް ވެސް އޮވެއެވެ. ކަޅު ހުވަފެންތަކެއް ވެސް ހުރެއެވެ. އަހަންނަށް ހަދައިދީފައިހުންނަ ކަހަލަ ގަނޑުވަރެއް ނަތާލިޔާއަށް ވެސް ހަދައިދީފައި ހުރެއެވެ. އެހެން ރިސޯޓެއްގައެވެ. އަހަރެން އެ ތަނަށް ދާންޖެހެއެވެ. ތަފާތު ކުޅިވަރުތަކުގައި ސަލީމާ ބައިވެރިވާންޖެހެއެވެ. ބައެއް ފަހަރު ސަލީމް އިންނާނީ ކުޅިބަލާށެވެ. އަހަރެންގެ ހައިސިއްޔަތާ މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދޭ ކަހަލަ ކަންތައް އަހަރެން ލައްވާ ކުރުވައެވެ. ސަލީމަކީ އަނބިންނަށް އިހުތިރާމުކުރަން ދަންނަ މީހެއް ނޫނެވެ. ފައިސާގެ އަނދިރި ބިއްލޫރީގެ ތެރެއިން ސަލީމަށް އަންހެނުން ފެންނަނީ ކުޅޭކުޅޭ ބުދުތަކެއް ސިފައިގައެވެ. އެންމެ ފަހުން އެ ހަރުފަތް ދޫކޮށް ޖެހިގެން އޮތް ހަރުފަތަށް ސަލީމްގެ ގޮތްކުޑަކަން ގެންދިޔައެވެ.
އެއްރެޔަކު ސަލީމްގެ ފޯނުކޯލެއް އައެވެ. އޭރު ސަލީމް ގުޅާނުލާތާ އެތައް ހަފުތާއެއް ވެއްޖެއެވެ. ފޯނުން ސަލީމް އެދުނީ ރޭގަނޑު ދިހައެއްޖަހާއިރަށް ތައްޔާރުވެގެން ހުރުމަށެވެ. އަހަރެން ތައްޔާރުވީމެވެ. ބަލާއައީ ސަލީމެއް ނޫނެވެ. ސަލީމާ ދިމާވީ ފާލަންމަތިންނެވެ. ވަގުތުން ލާންޗަށް އަރުވައިގެން ނައްޓައިލީއެވެ. ލޯންޗު މަޑުކޮށްލީ ފަޅުގައި އޮތް ސަފާރީއެއް ކައިރިއަށެވެ. އެއީ ރާއްޖޭގެ އުޅަނދެއް ނޫނެވެ. އަހަރުމެން އެރީމެވެ. އެތެރެ ހީވަނީ ބޮޑު ހޮޓަލެއްހެންނެވެ. އަހަރުމެންނާ ބައްދަލުކުރީ ސަލީމަށް ވުރެ މުސްކުޅި މީހެކެވެ. އެކަމަކު ވަރަށް ނަލަކޮށް ހެދުންއަޅައިގެންހުރި މީހެކެވެ. އިސާހިތަކު ކެއުން ތައްޔާރުވެ، ބުއިންތަކަށް އިންސާފުކުރަން ޖެހިއްޖެއެވެ. ފެން ނޫން ބުއިމެއް އަހަރެން ނުބޮމެވެ. ސަލީމަކީ އެ ކަހަލަ ކަންކަމަށް ވިސްނާ މީހެއް ނޫނެވެ. އެ އުޅަނދުން ފައިބަން ސަލީމް ތެދުވީ، އަހަރެން ދާންކިޔާތާ އެތައް ގަޑިއިރެއް ފަހުންނެވެ.
"ކަލޭ ކޮންތާކަށް ތި ދަނީ؟" އަހަރެންގެ މޭގައި އަތްއަޅައި ހުއްޓުވަމުން ސަލީމް ބުންޏެވެ. "ކަލޭ މަޑުކުރޭ!"
ވާންއުޅޭ ގޮތް އަހަންނަށް ވިސްނުނީ މާ ލަސްވިފަހުންނެވެ. އެހާ ހިސާބުން އަހަންނަށް ރޮވުނެވެ.
"ވަރިވާން ބޭނުންތަ؟" މަޑުމަޑުން ސަލީމް ބުންޏެވެ. "ހަމަ އެންމެ ފަހަރަކު އާނއެކޭ ބުންޏަސް އެ ކަން ނިންމާލާނަން."
އަހަންނަކަށް އާނއެކޭ ނުބުނެވުނެވެ. ސަލީމް ފައިބައިގެން ދިޔައީއެވެ. ހަގީގަތުގައި ސަލީމް ދިޔައީ އަހަރެން ނީލަންކިޔައިފައެވެ. ނުތަނަވަސް ރެޔެއް ހޭދަކުރަން މަޖުބޫރުކުރުވައިފައެވެ. އަހަރެން ބަލާ ސަލީމް އައީ ހެނދުނެވެ. އޭގެ ފަހުން އެ ފަދަ ރޭތައް ތަކުރާރުވިއެވެ. އާންމުވިއެވެ. އަހަރެން ދެލޯމަރައިލީއެވެ. އެ ހާލަތަށް ރީތި ނަމެއް ދީފައި، ގާތް އެކުވެރިޔަކަށް ބަދަލުކޮށްލީއެވެ. މިހާރު އަހަރެން ހައިރާންވާ ކަހަލަ ހާލަތެއް ސަލީމަކަށް ކުރިމައްޗެއް ނުކުރެވޭނެއެވެ.
އަހަންނަށް މިއަދު ވެސް ނޭނގޭ އެއްޗަކީ މިއެވެ. އަހަރެންގެ އުފާތައް ޖަހައިގަތީ ސަލީމް ހެއްޔެވެ؟ ނަތާލިޔާ ހެއްޔެވެ؟ ރޫބާގެ ބަދުދުއާ ހެއްޔެވެ؟ އަހަންނަށް އުފަލެއް ލިބުނެކޭ ކިޔައިފައި ރޫބާގެ އުފަލުން އުނިވީ ކޯޗެއް ހެއްޔެވެ؟ މިހާރު އަހަރެންނަކީ އުންމީދު ގެއްލިފައިވާ މީހެކެވެ. ހިތް ކުދިކުދިވެފައިވާ މީހެކެވެ. ބޭރަކުން އޭގެ އަސަރެއް ނުފެންނާނެއެވެ. ރޫބާގެ މަގުސަދު ކާމިޔާބުވިކަން ރޫބާއަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ސަލީމްގެ އަޅުވެތިކަމުގައި އުމުރުދުވަހު އުޅެން އަހަރެން ގަބޫލެވެ. އަހަރެން މިހިރީ ތަނަވަސްކަމަށް ހޭނިފައެވެ. އަރާމުގައިއުޅެން އާދަވެފައެވެ. އެނބުރިގޮސް ކުރިން އުޅުނު ދިރިއުޅުމެއް ދެނެއް ނޫޅެވޭނެއެވެ. އަހަރެން ވަރަށް ކަންނެތްވެއްޖެއެވެ. އަހަރެންގެ ނަޒަރުގައި އަމިއްލައެދުމަކަށް ޓަކައި ކައިވެނި ދެމެހެއްޓުމަކީ މައްސަލައެއް ނޫނެވެ. އެ ކަން ނުކުރަނީ ކާކު ހެއްޔެވެ؟ އެއްބަޔަކު ގެދޮރަށް ޓަކައެވެ. އަނެއްބަޔަކު ދަރިންނަށް ޓަކައެވެ. އެއްބަޔަކު ނުފޫޒަށް ޓަކައެވެ. އަނެއްބަޔަކު އިހުތިރާމަށް ޓަކައެވެ. ފަހަރެއްގައި ލޯބިން ދިރިއުޅޭ ދެމަފިރިއަކު ވެސް އުޅެފާނެއެވެ. އެކަމަކު ލޯތްބަކީ ވެސް އެ މީހެއްގެ ހިތުގެ އަމިއްލައެދުމެއް ފިޔަވައި އެހެން ކޯޗެއް ހެއްޔެވެ؟
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނާ
27 February 2019
ތި ރޫބާ ޔާ ސަލީމް އަންހެނުންނާ ތީ ޓްވިންސް. ރޫބާ ގެ ކަންތައްވެސް ސަލީމް ކުރެޔެންނު.
ސަލީމޭ؟
24 February 2019
މި ސަލީމަކީ ރާއްޖެ މީހެއް ދޯ. އަދި މި “ސަލީމު” “ރޫބާ” ކައިރީގައިވެސް ޖައްސާ ދޯ؟ އައި ކައިންޑް އޮފް ނޯ ދި ރިއަލް މޯލްޑިވިއަން ވާރޝަން އޮފް ދިސް ސްޓޯރީ ? ހަމަ ލާރިއަށް ބޫތުކައިފަ. ދެން ޔަންގު ކުދިން އުޅޭ ގޮތެއް. ޗީޗީ
ލޯބި
24 February 2019
ލޯބިއާާއި ލައްޒަތު މިއީ ދޭއްޗެއް. ނުކުޅެދޭ ފިރިން ގޮވައިގެން އުޅޭނީ ލޯބިވާތީ. އަމިއްލަ އެދުން އެއީ ލައްޒަތު
hipapotamas
24 February 2019
ތިޔަވޭނުގައި ނޫޅޭ. އާދައިގެ ދިރިއުޅުމެއްގައިވެސް އުފާވެރިކަން އޮންނާނެ. ހިތްހަަމަޖެހުން ހޯދޭނެ. މުސްކުޅިވުމުން އެއްލާލާނެ އޭގެކުރިން އުފާވެރިކަމެއް ހޯދާ.
ދޮންބޭބެ
24 February 2019
ދޮންބޭބެ ވަރަށް ދެރަވެއްޖެ، ކީއްވެބާ ދޮންބޭބެއަށް ކުއްޖަކު ނުވަނީ، ރޫބާ ދެން ކޮން ރުޅިއެއް އަންނާކަށް އަދި ދޮންބޭބެ ވެސް މި ހުރީ އެއް ނޫން ، އެކަމު ދޮންބޭބެ އަތަކު ނެތް ތިހާ ތަނަވަސްކަމެއް ، އެކަމު ވަރަށް ހިތްމޮޅު ވާނެ، ދޮންބޭބެ ބައްޕަ އަކީ ގަދަރުވެރިއެއް
ލޯބި
24 February 2019
ބައެއްމީހުންގެ ނަޒަރުގައި ލޯބިއެއީ އަމިއްލަ އެދުމެއް ފިޔަވާ އެހެން އެއްވެސް އެއްޗެއްނޫން. އެކަަމަކު ހަޤީޤީ ލޯބިވާ މީހާމަތިން ދުވަހަކުވެސް ހަދާން ނައްތައެއް ނުލެވޭނެ.
އެމްޕެރެޒް
24 February 2019
2 ސިސްޓަރސް...ރިސޯރޓް އޯނަރ އެއް...ވަރަށް ފަހުން ބޭރު މީހަކާ ކައިވެންޏެއް ކޮށްފި...ހޫ ކޭން ސީ ދަ ރިސެމްބްލަންސް؟
އަމިނާބީ
24 February 2019
ވަޓް؟ ރިއަލީ؟ އެކަމު ހާދަ ހީނުވެޔޭ.
ސަންސިޔާމް
24 February 2019
އާ ޔޫ ޓޯކިން އެބައުޓް މީ؟
އޯހހހ
24 February 2019
އަދި ރިސޯޓުގެ ނަންވެސް.....
ސުލޮމޮން
24 February 2019
ވަރަށް ވަރަށް ރީތި ތަފާތު ވާހަކައެއް، އަސްލު ހަގީގަތުގައި ހުރިހާ އުފަލަކީވެސް ފައިސާ، ފައިސާ ނެތީމަ މީހުން އުޅޭ ހާލު ފެނޭ، ހަގީގީ ދިރިއުޅުން ގަބޫލު ނުކުރާ މީހުން ކިޔާ އެއްޗެއް މިއީ، ހުރިހާވެސް އެއްޗަކީ ފައިސާއެއް ނޫނޭ. ފައިސާއަކީ ލޯބި ދިރިއުޅުން އުފާ
ބަރާބަރު
24 February 2019
ސަލީމް ތޯ... ނޫނީ ސިޔާމް ތޯ... އޮޅިގެން ހެން ހީވަނީ ސަލީމް ޖެހުނީ...
އަލީ އަހުމަދު
24 February 2019
އިބްރަތްތެރި ފިލާވަޅެއް ޅަ އަންހެން ކުދީންނަށް.