މުނިފޫހިފިލުވުން / ވާހަކަ

ފަލީހަތް

އާދިއްތަ ދުވަހާ ގުޅޭ

ޒިޔާންގެ ޖީބުން ނެގި އަންގި އަތަށް މަހައިލިއެވެ. ބަދިގޭގައި ހުރި ކަބަޑު ހުޅުވައިލިއެވެ. ޒިޔާންގެ ނަސީބު ވަރަށް ރަނގަޅެވެ.

ފުލުސްއޮފީހުގައި މަނާރަތު އިންނަ ކޮޓަރީގެ ދޮރުގައި ޒިޔާން ޓަކިޖަހައިލި އިރު، ގަޑިން މެންދުރު ބާރަޖަހަން ދެތިން މިނެޓު ހުއްޓެވެ. ފައިލު ހިފައިގެން މަނާރަތު ކުރިމައްޗަށް ހުއްޓިފައި ޒިޔާން ސެލިއުޓުނެގިއެވެ. ފައިލު ދިއްކޮށްލިއެވެ.

"ކިހާ ހިސާބަކަށް މަސައްކަތް ގެންދެވުނު." މަނާރަތު ސުވާލުކުރިއެވެ.

"މަރާލަން ބޭނުންކުރި ހަތިޔާރު، ޝައްކު ކުރެވޭ މީހާ، ހުރިހާ އެއްޗެއް ރިޕޯޓުގަ އޮންނާނެ،" ޒިޔާން ވަރަށް ފަޚުރުވެރިކަމާ އެކުގައި ބުންޏެވެ. "ހެއްކާ އެއްކޮށް."

މަނާރަތު ފައިލު ހުޅުވައިލީ އުފާވެރި ހިނިތުންވުމަކާ އެކީގައެވެ. އެހެނަސް، ރިޕޯޓު ކިޔަމުން ގެންދިޔަ ވަރަކަށް މަނާރަތުގެ ހިނިތުންވުން ފަނޑުވެ، ނިތްކުރިޔަށް އަރަމުންދިޔަ ރޫތައް ދިޔައީ އިތުރުވަމުންނެވެ. މެދަކާ ހަމައަށް ރިޕޯޓު ކިޔައިފައި މަނާރަތު ފައިލު ލައްޕައިލިއެވެ.

"އޯކޭ! ގުޑް ޖޮބް!" ޒިޔާނަށް ނުވެސް ބަލައި މަނާރަތު ބުންޏެވެ. "އެންމެ ރަނގަޅު ދިޔަސް."

މަނާރަތުގެ ކޮޓަރިން ނުކުމެގެން ދިޔަ އިރު ޒިޔާންގެ ހިތުގައި ވަނީ ސުވާލުތައް ފުނިޖެހިފައެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކުށްވެރިޔާއަށް އަދަބު ލިބޭނެ ހެއްޔެވެ؟ އަނިޔާ ލިބުނު މީހާއަށް އިންސާފު ލިބޭނެ ހެއްޔެވެ؟ ގާނޫނޫގެ ކުރިމަތީގައި، ހަގީގަތުގައި ވެސް އެންމެން ހަމަހަމަ ވާނެ ހެއްޔެވެ؟ ނާދިޔާ މަރާލައިފައި ވަނީ ކުނިއަޅާ ކަހަލަ ކަޅު ކޮތަޅެއް ނާދިޔާގެ ކަރުގައި އޮޅައި ބާރުކޮށްގެންނެވެ. އެ ކޮތަޅާއި، ގަބުރު ލާފައިވާ ކޮތަޅު ވެސް ކަނޑައިލައިފައި ވަނީ އެއް ރޯލަކުންނެވެ. އެ ރޯލު އޮތީ ހަސަންގެ ސައިކޮޓަރީގައި ހުރި ކަބަޑު ތެރޭގައެވެ. ރޯލަކުން ކޮތަޅެއް ދަމައިގަނެގެން ކަނޑާލާ އިރު ޖެހިގެން އޮންނަ ކޮތަޅަށް ވެސް ރޫތަކެއް އަރާނެއެވެ. ދެ ކޮތަޅު ގެނެސް ޖައްސައިފި ނަމަ ރޫތައް ބަރާބަރަށް ދިމާވާނެއެވެ. ޒިޔާނަށް އެ ކަން އެނގުނީ ޓިޝޫ ރޯލުން ޓިޝޫ ކަނޑައިލި ވަގުތުއެވެ. އެހެން ރޯލަކުން ކަނޑައިލި ކޮތަޅެއްގެ ކޮޅުގައި ހުންނަ ރޫތައް، ހަސަންގެ ގޭގައި އޮތް ރޯލެއްގެ ކޮޅުގައި ހުރި ހުރިހާ ރޫތަކަކާ ދިމާވާނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. ޒިޔާންގެ ނަޒަރުގައި އެއީ އިނގިލީގެ ނިޝާނަށް ވުރެ ވެސް ބަރާބަރަށް ދިމާވާނެ އެއްޗެކެވެ. ހަސަންގެ އަނބިމީހާ މަރާލީ ހަސަން ކަމަށް ޒިޔާން ތުހުމަތުކުރެއެވެ. ހުރިހާ ހެތްކެއް ހުރީ އެ މިސްރާބަށެވެ.

ޒިޔާން ގެއަށް ދިޔައީ ކުށްވެރިޔާ މުޖުތަމައުން އެކަހެރިކޮށް، ތޭރިތަކުގެ ބިއްދޮށުގައި ބެހެއްޓޭ ވަރަށް މަގު ކޮށައިދީފައެވެ. މުޅި ޑިޕާޓުމަންޓު ފަޚުރުވެރިވާނެ ފަދަ ރީތި ނަމެއް ހޯދައިދީފައެވެ. ފަހުގެ ތާރީޚެއްގައި މައްސަލައެއް ނުނިންމޭހާ އަވަހަށް މައްސަލަ ނިންމައިދީ، އެހެން މުވައްޒަފުންނަށް މިސާލެއް ދައްކައިދީފައެވެ. އެކަމަކު ދިވެހި އޮފީސްތަކުގައި އަށަގެންފައިވާ ބޯދާ ސަގާފަތްތަކާއި، ސިޔާސީ މުޑުދާރު ކުޅިވަރުތައް ރޭވިފައި އޮންނަ ގޮތް ޒިޔާނަކަށް ނޭނގެއެވެ.

ދުވަސްތައް ހަފުތާއަށް، ހަފުތާ މަހަށް ބަދަލުވެގެން ދިޔައެވެ. ނާދިޔާ މަރާލީ ކާކު ކަމެއް ނޭނގެއެވެ. މައްސަލަ ތަހުގީގު ކުރަނީއެވެ. ފުރޮޅެން ހުރި ހުރިހާ ގަލެއް ފުރޮޅަނީއެވެ. މައްސަލަ ބާރަށް ކުރިޔަށް ދަނީއެވެ. ހަސަންގެ އަނބިމީހާ މަރާލި ގޮތެއް، މަރާލި މީހަކު "ނޭނގުނެވެ". ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކުރަން ޒިޔާނަށް ފުރުސަތު ނުލިބުނު ތަނުގައި، ޒިޔާން ދިން ފައިލަށް ވީ ގޮތެއް، ހެކިތަކަށް ވީ ގޮތެއް ވެސް މަނާރަތު ނުބުނެއެވެ. ހެކިތައް ވުޖޫދުން ގެއްލިފައި، މައްސަލަ އޮބުނީއެވެ. ހަސަން އެހެން ކައިވެންޏެއް ކޮށްގެން އެހެން ދިރިއުޅުމެއް ފެށިއެވެ. އަނބިމީހާގެ ހުރިހާ ވިޔަފާރިއެއް ލިބުނީ ހަސަންއަށެވެ. ފިލްމު ނިމުނީ އެހެންނެވެ. ޒިޔާން ވަރަށް ފޫހިވިއެވެ. ވަޒީފާއިން ވަކިވާން ބޭނުންވިއެވެ. އެކަމަކު ޒިޔާން ދަސްކުރި މަސައްކަތަކީ އެއީއެވެ. ފުލުސް އޮފީހުން ކެނޑިގެން ދެން ވަންނާނީ އެހެން ކޮން ތާކަށް ކަމެއް ޒިޔާނަކަށް ނުވިސްނުނެވެ.

"ނޯ ކުލޫ، ބީ ބްލޫ!" އަހުސަން ހަނދާން ކޮށްދިނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ސިޓްރޯން ރެސްޓޯރަންޓުގެ މޫދު ކައިރީ މޭޒެއްގައި ދެ ކޮފީ ތަށި ހުއްޓެވެ. ޒިޔާން އިނީ ބިމަށް ތުންގަނޑު ހަރައިގެންނެވެ. ދުނިޔޭގެ އުސޫލުތަކާއި، ކަން ހިނގާ އުސޫލު ޒިޔާނަށް ވިސްނައިދޭން އަހުސަން މަސައްކަތް ކުރިއެވެ.

"އަހަރުމެންގެ ޑިއުޓީއަކީ ހެކި ހޯދުން،" އަހުސަން ބުންޏެވެ. "ކީއްކުރަން މައްސަލައިގެ ތެރެއަށް އަހަރުމެން ވަންނަނީ."

"ނާއިންސާފަށް ތާއީދެއް ނުކުރެވޭނެ." ޒިޔާން މަޑުމަޑުން ބުންޏެވެ.

"އޯކޭ!" އަހުސަން މަސައްކަތްކުރީ ޒިޔާނަށް އެއްޗެއް ވިސްނައިދޭށެވެ. "އިންސާފަށް ތާއީދުކުރަން ތި ޖޮބުން ކެނޑިގެން އެހެން ޖޮބަކަށް ވަދެބަލަ! މުޅި ލައިފްގަ ދަސްކުރި މަސައްކަތް ދޫކޮށްލާފަ، މެނޭޖަރެއްގެ ޖޮބު ހޯދައިގެން އޮފީހެއްގެ މޭޒު ކައިރީގައި އިނދޭ. އާނ އެ ތަނުގަ ލެބޯޓަރީއެއް ނުހުންނާނެ. އެވިޑެންސް ހޯދާކަށް ނުޖެހޭނެ. އެކަމަކު ނާއިންސާފުން ހެސް ކިޔާފަ ކަންކަން ހިނގާނެ. އަނެއްކާ އެ ތަނުން ކެނޑެންވީ؟ ހިތްހަމަ ނުޖެހޭ ކަމެއް މިތާ ނުވާ ނަމަ މި ވާނީ ސުވަރުގެއަކަށްނު! ޔޫކޭއަށް ގޮސް ކޯޗެއް ތި ކިޔެވީ؟"

ޒިޔާން ވަޒީފާއިން ވަކިނުވީ އަހުސަންގެ ސަބަބުންނެވެ. އިންސާފުވެރިކޮށް ކަންކަން ނުވާތީ ޒިޔާން ދެން ޝަކުވާއެއް ނުކުރާނެއެވެ. އެކަމަކު ޒިޔާންގެ ހިތުގައި ސުވާލެއް އުފެއްދިއެވެ. އިހުތިރާމާއި މަގުބޫލުކަމުގެ އެންމެ އުސް ހަރުފަތުގައި ޒިޔާން ބެހެއްޓި މަނާރަތަކީ ކޮން ކަހަލަ އަންހެނެއް ހެއްޔެވެ؟ އޭނަގެ ފަސްބައި އޮތީ ކިލަނބުވެފަ ހެއްޔެވެ؟ ނުވަތަ އޭނައަކީ ވެސް އަހުސަން ބުނި ފަދައިން އޭނަގެ ވަޒީފާއަށް އެކަނި ވިސްނައިގެން އުޅޭ މުވައްޒަފެއް ހެއްޔެވެ؟ މަނާރަތުގެ އެއްވެސް އަނދިރި ފަރާތެއް ނެތް ހެއްޔެވެ؟ ޒިޔާން ދުރުދުރުން މަނާރަތުގެ ބޯކޮޅު ބަލަން ފެށިއެވެ. އެކަކަށް ވެސް ނާންގައި، ސިއްރުސިއްރުންނެވެ.

މަނާރަތަކީ އަތްމަތި ތަނަވަސް އަންހެނެކެވެ. ލިބޭ މުސާރަޔާ ނުބައްދަލު ފައިސާ މަނާރަތުގެ އެކައުންޓުގައި ހުރެއެވެ. މާލެއަށް އާ ފޯނެއް އަންނަ އިރު މަނާރަތު އަތުގައި އެ ފޯނެއް އޮވެއެވެ. އަގު ބޮޑު ދަބަހާއި، ބޫޓާއި، ލިޕްސްޓިކާއި، ސެންޓަކީ މަނާރަތަށް ތިޔާގި އެއްޗެއްސެވެ. މަނާރަތުގެ މޭޒުމަތީގައި ހުންނަނީ މެކް ބުކް ޕްރޯއެކެވެ. އޭގެ ވެސް އަގެއް ހެވެއް ނުވާނެއެވެ. މަނާރަތުގެ ސައިކަލަށް ކުޑަ ގެއްލުމެއް ވިޔަސް އެ ތަނެއް ވަގުތުން މަރާމާތު ކޮށްލައެވެ. މާރާމާތު ނުވެއްޖެ ނަމަ މަނާރަތު ގަނެލަނީ އާ ސައިކަލެކެވެ. އެ ކަމާ އެކަކު ވެސް ސުވާލެއް ނުއުފައްދައެވެ. މަނާރަތުގެ އާއިލާ މުއްސަންޖެވެ. އެކަމަކު އާއިލާއިން މަނާރަތަށް ފައިސާ އޮއްސާ ނަމަ، މަނާރަތު ވަޒީފާ އަދާކުރަނީ ކީއްވެގެން ހެއްޔެވެ؟ ވަޒީފާ މުހިންމުވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

އިސްކޫލު ދައުރުއް ސުރެ ޒިޔާނަކީ ގިޓާ ކުޅޭ މީހެކެވެ. މަދުމަދުން ލަވަ ވެސް ކިޔައެވެ. ޒިޔާންގެ އަޑު ރީތިކަމަށް ނުބުނާ އެކަކު ވެސް ނެތެވެ. އާމްދަނީ ހޯދުމަށް މިޔުޒިކު ނުކުޅުނެއް ކަމަކު، އެކުވެރިންނާ އެކުގައި މިޔުޒިކު ކުޅުމަކީ ޒިޔާންގެ ހޮބީއެކެވެ. ރައްޓެހިންގެ ޕާޓީތަކާއި، ހިތާނު ހަފުލާތަކާއި، ކައިވެނީގެ ހަފުލާތަކުގައި ވެސް ޒިޔާން ލަވަކިޔައެވެ. ގިޓާ ކުޅެއެވެ. ހިލޭސާބަހަށެވެ. އަމިއްލަ ހިތްހަމަޖެހުމަކަށެވެ. ވަޒީފާއަށް ވަން އިރު ޒިޔާންގެ އެ ހުނަރު ދޮންވެ ފައްކާ ވެއްޖެއެވެ.

ފުލުހުންގެ ތެރޭގައި މިޔުޒިކު ގުރޫޕެއް އޮވެއެވެ. އެ ގުރޫޕުން ޒިޔާނަށް ޖާގަ ލިބުނީ އެ ކަމަށް ނުވެސް އެދި ހުއްޓައެވެ. ޒިޔާންގެ ހުނަރު ފުލުހުންގެ ވެރިންނަށް ފެނިގެން އެ ހުނަރު ދަމަހައްޓަން ވެރިން ބޭނުންވީއެވެ. މަނާރަތު މިޔުޒިކަށް ވަރަށް ލޯބިކުރެއެވެ. މާ މޮޅަށް ލަވަ ނުކިޔުނަސް ލަވަކިޔަން ޝައުގުވެރިކަން ހުރެއެވެ. ނަތީޖާއެއްގެ ގޮތުން އެ ޝައުގުވެރިކަން ވެގެން ދިޔައީ، މަނާރަތާއި ޒިޔާންގެ އެކުވެރިކަން އިތުރަށް ބަދަހިކޮށްދިން ފާލަމަކަށެވެ. މައްސަލައަކަށްވީ އެ ފާލަމުގެ މެދުން އެއް ފިލާ ވެއްޓިފައިވާ ކަމެވެ. ނާދިޔާގެ މަރުގެ ހަގީގަތް ޒިޔާން ލައްވައި ހޯދައިފައި އެ މައްސަލަ ހިނދުނު ސަބަބެއް ވެސް މަނާރަތު ބުނެއެއް ނުދެއެވެ. އެ ޝަކުވާ ޒިޔާންގެ އަރުގައި ކަށްޓެއްހެން ހުރަސްވިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ޒިޔާންގެ އެކުވެރިކަން އިތުރަށް ބަދަހިކުރަން މަނާރަތު ބޭނުންވެއެވެ. ޒިޔާނަށް އެ ކަން އިހުސާސް ކުރެވެއެވެ. މަނާރަތަކީ ރީތި އަންހެނެކެވެ. ޒިޔާން މަސައްކަތްކުރަނީ މަނާރަތުގެ ދަށުންނެވެ. ހައްތަހާ ވެސް ޒިޔާން ގަޔާވާ ސިފަތަކެވެ. އެކަމަކު އޮޔާ އެއްކޮޅަށް ފަތަން ޒިޔާންގެ ނަފުސު އެއްބަހެއް ނުވެއެވެ.

ނުރަސްމީ ގޮތަކަށް ސީޕީގެ އުފަންދުވަސް ފާހަގަކުރި ރެޔެވެ. ހަފުލާ ހިނގަމުން ދިޔަ އިރު ކަރޯކޭ ކުރިޔަށް ދިޔައެވެ. އެކި މީހުން ލަވަކިޔަމުން ގޮސް ޒިޔާނަށް މައިކު ލިބުނު އިރު، ދެވަނަ މައިކު އޮތީ މަނާރަތު އަތުގައެވެ. ވަރަށް އެހެން ކަހަލަ ދަނޑިވަޅެކެވެ. މަނާރަތާ އެކުގައި ލަވަކިޔަން ޒިޔާންގެ ހިތް އެދުނު އިރު ސިކުނޑި އެ ކަމަށް ކަނޑައެޅިގެން އިންކާރުކުރިއެވެ. ޒިޔާން ލަވަކިއެވެ. ހާލަތުގެ ގޮތުން އެހެން ގޮތެއް ނެތިގެންނެވެ. މަނާރަތަށް އެ ކަން ފާހަގަކުރެވުނެވެ. ތަންކޮޅެއް ފަހުން މަނާރަތު އެ މައްސަލަ ފެންމަތިކުރިއެވެ.

"ކޮބާ އަސްލު މައްސަލައަކީ؟" މަނާރަތު އެހިއެވެ.

"ކޮން މައްސަލައެއް ތޯ؟" ޒިޔާން ނުވެސް ދެނަހުރި ކަމަށް ހެދިފައި ސުވާލުކުރިއެވެ.

"އޯ ޕްލީޒް!" މަނާރަތު ފޫހިވެފައި ބުންޏެވެ. "އަހަންނަށް ތޯތޯއޭ ކިޔައިގެން ވާހަކަދައްކާނެ ކަމެއް ނެތް. ޒިޔާނަށް އެނގޭނެ އަހަރެން މި ވާހަކަދައްކަނީ ޒިޔާންގެ ބޮސްއަށް ވެގެނެއް ނޫންކަން. ނޭނގޭކަމަށް ހެދެންޏާ ހެދެންވީ."

"ތީ އަޅުގަނޑުގެ ބޮސް ނޫންތޯ!" ޒިޔާން ބުނެލިއެވެ.

"ވަޓްއެވަރ!" މަނާރަތު ކުޑަކޮށް މާޔޫސްވެފައި މަޑުމަޑުން ބުންޏެވެ. "ފިނޑި ވިޔަސް ބޮޑުވަރު!"

އިތުރު އެއްޗެއް ބުނަން ޒިޔާނަށް ފުރުސަތު ނުދީ މަނާރަތު ހަފުލާ ދޫކޮށްލައިފައި ދިޔައީއެވެ. މަނާރަތަކީ ޒިޔާނަށް ދޫކޮށްލަން ފަސޭހަ "އެކުވެރިއެއް" ނޫނެވެ. ޒިޔާންގެ ހިތުގައި މަނާރަތު ވިކައިފައި ހުރި ތަންތަނުން ދުވަހަކު ވެސް ދިލައެއް ނުކެނޑޭނެއެވެ. އަނބިމީހާ ވަފާތެރިކަން މަތީގައި ސާބިތުވެ ހުއްޓައި ޒިޔާންގެ ހިތް އެހެން މިސްރާބަކަށް ދީލޭކަށް ޒިޔާން ބޭނުމެއް ނޫނެވެ. ހަމަ އެޔާ އެކު މަނާރަތުގެ ރަހުމަތްތެރިކަމުގެ ބާބު ނިންމާފައި އެހެން ބާބެއް ފަށަން ވެސް ޒިޔާން ހުރީ ބޭނުންވެފައެވެ.

ނުނިމޭ

4 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން ބޭބެ

16 December 2020

ތިޔަ މަނާރަތުވެސް ދޮންބޭބެއަށް އިންގޭ، ދެ ފަހަރަކު ދޮންބޭބެ ގާތުގަވެސް އިންނަން އެހި، ދޮންބޭބެ ބޭނުން ނުވީ، އޭނާއަކީ ހަސަނުމެން ކަހަލަ މީހުން އަތުން ކަޓު ނަގާ މީހަކަށް ވާތީ، ދެން ތި ޒިޔާނަކީ މާ މޮޅު މީހެއްކަމަށް ހެދިގެން އުޅޭ މީހެއް. އަސްލު ދޮންބޭބެ ގާތުގަ އެހީވެސް، ދޮންބޭބެ ކިޔާދިނީ ވެސް ހަދަންވީ ގޮތް. މަނާރަތު މިހާރު އެ އުޅެނީ ދޮންބޭބެ ނޯ ޖެހީމަ ކަޑަ ވެގެން. ނާދިޔާ މަރާލީ އެކަމުގެ ބަދަލު ހިފަން.

The name is already taken The name is available. Register?

ސަސި

16 December 2020

މިވާހަަކަ މި ބުނަނީ ހަމަ ޕޮލިހުން ބާރު ސްޕީޑުގަ ތަހުގީގުކުރާ މައްސަލަތަކުގެ ވާގޮތްދޯ.

The name is already taken The name is available. Register?

2021

16 December 2020

ޔޭ މަ ☝ އެން މެން ނިދާފަތަ ?

The name is already taken The name is available. Register?

ދޮން ބޭބެ

16 December 2020

ދެން ތިއޮތީ ކަމެއް ކުރެވިފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454