އައިފޯނަށް ދެ ސިމް ލެއްވޭ ގޮތް ހަދާނެ ދުވަހެއް ނޭނގުނަސް އެކަން ކުރާނެ ކަމަށް ބެލެވޭ
20 ޑިސެމްބަރ 2016 - 06:33
ސްމާޓްފޯން މާކެޓްގައި ވާދަވެރިން އުފާކުރާހާ ފަސޭހަ ކަމެއް، އައިފޯނު ބޭނުންކުރާ މީހުންނަކަށް ނެތެވެ. މިސާލަކަށް "ކުއިކް ޗާޖިން"، "ވަޔަލެސް ޗާޖިން" އަދި ދެ ސިމް އެވެ.
އެކަމަކު ދެ ސިމް އައިފޯން ހުވަފެނަކަށް ވުރެ ހަގީގަތާ ކައިރި އެވެ. އެ ވާހަކަތަކުގެ އަޑު ވަރަށް ގަދަ އެވެ. އައިފޯނު 7 ނެރެން އުޅުނުއިރު ވެސް އެ ކަހަލަ ވާހަކަތަކެއް ދެކެވުނެވެ.
ވާދަވެރިންގެ ފޯނުތަކުގައި ހުރި ބައެއް ސިފަތައް އައިފޯނަށް އަރަމުން ދާއިރު، ދެ ސިމް އައިފޯނަކީ ނުއުފައްދާނެ އެއްޗެއް ކަމަށް ބުނެވޭކަށް ނެތެވެ. ދެ ސިމް އައިފޯނެއްގައި ހުންނަން އެޕަލުން އެދޭ ހުރިހާ ކަމެއް މިހާރު ވަނީ ފުރިހަމަކޮށް ރެޖިސްޓްރީ ވެސް ކޮށްފަ އެވެ.
އައިފޯން ބޭނުންކުރާ މީހުން އެދޭ ހުރިހާ ފީޗާތައް އޭގައި ހިމަނަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަދައްކާތާ އަހަރުތަކެއް ފަހުންނެވެ. މިސާލަކަށް ފޯނުގެ ސްކްރީން ސައިޒު ބޮޑުކުރުމާއި، ތާޑްޕާޓީ އެޕްލިކޭޝަންތަކަށް ފުރުސަތު ދިނުމެވެ. "ކަސްޓަމައިޒް"ކުރެވޭ ކީބޯޑްތަކަށް ވެސް އެޕަލުން މިހާރު ވަނީ ފުރުސަތު ދީފަ އެވެ.
އައިފޯނަށް އަދި ފާސްޓް/ކުއިކް ޗާޖިން އަންނާނެ އެވެ. ވަޔަލެސް ޗާޖިން ވެސް އަންނާނެ އެވެ. ނަމަވެސް އެޕަލް އަށް ރުހެވޭ މިންގަނޑެއް އަދި ކަނޑަނޭޅިގެން ލަސްވަނީ އެވެ.
ކުއިކް ޗާޖިން އަކީ ސިނާއަތުގައި ބަޔަކު ނުރުހޭ ޓެކްނޮލޮޖީއެކެވެ. ގޫގުލުން ދެކޭ ގޮތުގައި ކުއިކް ޗާޖިން އަށް މުޅި ސިނާއަތު ފުރޮޅާލުމަށްޓަކައި، އެންމެންނަށް ރުހެވޭ ޓެކްނޮލޮޖީއެއް އުފައްދަން ޖެހެ އެވެ. ގޫގުލުން ވަކި މިންގަނޑެއް، ސެމްސަންގުން އަދި ކުއަލްކޮމް އިން ވަކި މިންގަނޑެއް ކަމަކު ނުދާނެ އެވެ.
ދެ ސިމް ލެއްވޭ ގޮތަށް އައިފޯނަށް ގެންނަ ބަދަލުތަކަކީ ވެސް ދެމެހެއްޓެނިވި ބަދަލަކަށް ވާން އެޕަލް އެދެނީ ކަމަށް ވެދާނެ އެެވެ. ދެ ސިމް ބޭނުންކުރަން ޖެހުމުން ވާދަވެރިންގެ ފޯނަށް ކުރިމަތިވާ އެއްވެސް އުނދަގުލެއް އައިފޯނުގައި ހުންނަން އެޕަލް އަށް ނުރުހެވެނީ އެވެ. ނަމަވެސް ދެ ސިމް ލެއްވޭ އައިފޯނެއް އެޕަލުން ނުއުފައްދާނެ ކަމަށް ބަލައިގެން ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy