އެންޑްރޮއިޑް "އެން" އަކީ ކޮން އެއްޗެއްކަން އެނގޭ އެކަކު ވެސް ނެތް. އެން އަކުރުން ފެށޭ ފޮނި ކާއެއްޗެއް ނަމަ އެ ނަމެއް ހުށަހެޅުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށް ވެސް އެބަ އޮތް
10 ޖޫން 2016 - 09:40
މިއޮތީ ކުއްޖަކަށް ނަން ކިޔުމަށް ވުރެ ބޮޑު ކަމެއް ޖެހިފަ އެވެ. ގޫގުލުން ފަހަކަށް އައިސް އެންޑްރޮއިޑަށް އާ އަދަދެއް ދޫކޮށްލާ ކޮންމެ ފަހަރަކު މި ކުޅިގަނޑު ޖެހެ އެވެ. އެ އަދަދަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން މުޅި ސޯޝަލް ނެޓްވޯކް ތޮއްޖެހެ އެވެ. ނޭވާލާން ދަތިވެ އެވެ.
އެ ޗޭނުގައި މި ފަހަރު އޮތީ އެންޑްރޮއިޑް "އެން" އެވެ. އެއީ އެންޑްރޮއިޑް "މާޝްމެލޯ" އަށް ފަހު އެންޑްރޮއިޑަށް އިތުރުވާ ބޮޅެވެ. އެންޑްރޮއިޑް "އެން" އަކީ ކޮން އެއްޗެއްކަން އެނގޭ އެކަކު ވެސް އަދި ނެެތެވެ.
އެންޑްރޮއިޑް "މާޝްމެލޯ" އަށް ނަންކިޔަން އުޅުނުއިރު އަހަރެމެން ވެސް ނަމެވެ ހުށަހެޅީމެވެ. އެއީ "އެމް" އަކުރަކުން ފެށޭ ނަމަކަށް ވާންޖެހޭތީ އަހަރެމެން ހުށަހެޅީ "މެކުނު"؛ އެންޑްރޮއިޑް "މެކުނު" އެވެ. ނަސީބު ދެރަކަމުން ކަމަށް ވެސް ވެދާނެ އެވެ. އެ ނަން ފާހެއް ނުވި އެވެ. ސަބަބަކީ އެއީ ފޮނި ކާއެއްޗަކަށް ވާން ޖެހުމެވެ. ކޭކުގެ ބާވަތަކަށް ނުވަތަ ޗޮކްލެޓްގެ ބާވަތެއް ވެސް ރަނގަޅެވެ. އަހަރެމެންނަށް ހުށަހެޅުނީ ފަރުމަހަކަށް ކިޔާ ނަމެކެވެ.
އެންޑްރޮއިޑް "އެން" އަކީ ކޮން އެއްޗެއްކަން ވަރަށް އަވަހަށް އެނގިދާނެ
އެންޑްރޮއިޑް "އެން" އަށް ނަމެއް ހުށަހެޅުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ވަކި ކަހަލަ މީހަކަށް ވާކަށް ނުޖެހެ އެވެ. ވަކި މަސައްކަތެއް ކުރާ މީހަކަށް ވެސް ވާކަށް ނުޖެހެ އެވެ. ހަނދާނުގައި ބަހައްޓަންޖެހެނީ އެއީ ކޭކާއި މެޓާ އަދި ޗޮކްލެޓް ފަދަ ފޮނި ކާއެއްޗަކަށް ކިޔާ ނަމަކަށް ވުމެވެ.
އެތައް ބަޔަކު މިހާރު ވެސް އެތައް ނަމެއް ހުށަހަޅައިފި އެވެ. އެއް ބަޔަކު ބުނަނީ "އެން" އަކީ "ނިއުޓެއްލާ"؛ "އެންޑްރޮއިޑް ނިއުޓެއްލާ" ކަމަށެވެ. ގޫގުލް ގައި އިންޑިއާ މީހުން ވެސް މަސައްކަތްކުރެ އެވެ. އެހެންވެ "އެން" އަކީ "ނެޔައްޕަމް" ކަމަށް ވެސް ބުނެވެ އެވެ. ގޫގުލްގެ ތެރޭގައި "އެން" އަކީ "ނިއު ޔޯކް ޗީޒްކޭކް" އެވެ. އަހަރެމެން މިތިބީ މި ފަހަރު ނަމެއް ހުށަހަޅާ ގޮތަކަށް ނޫނެވެ.
އެންޑްރޮއިޑް "އެން" އަކީ ކޮން އެއްޗެއްކަން ދާދި އަވަހަށް އެނގިދާނެ ކަމަށް ގޫގުލުން ބުނެ އެވެ. އަނގަމަތީގައި އަތް އަޅައިގެން ތިބޭށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނެސްޓްލީ
11 June 2016
އަހުމަދު ނިޔާޒުގެ އާޓިކަލްސްގައި މާބޮޑަށް އަމިއްލައަށް މަޖާވެގެން އުޅޭހެން ހީވަނީ. އެހެންވީމަ ބައެއްފަހަރު ކިޔާހިތް ކެނޑޭ. ޖުމްލަކޮށް އެހެން ލިޔުންތެރިންގެ ލިޔުންތައް ރަގަޅުކަން ފާހަގަކުރަން.