ސެމްސަންގް ފްލޯ ވިންޑޯޒް 10 ޑިވައިސްތަކަށް އަންނައިރު ބޭނުންކުރެވޭ ގެލަކްސީ ފޯނުތައް އިތުރުވާނެ
23 ފެބުރުއަރީ 2017 - 06:18
ސެމްސަންގް ފްލޯ އަކީ ވިންޑޯޒް 10 އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މި ވަގުތު އެންމެ ރަނގަޅަށް މަސައްކަތްކުރަނީ "ސެމްސަންގް ގެލަކްސީ ޓެބްޕްރޯ އެސް"ގަ އެވެ. ގެލަކްސީ ޓެބްޕްރޯ އެސް އަކީ ވިންޑޯޒް ދިހައަކުން ހިންގާ ޓެބްލެޓް ޕީސީއެކެވެ.
ސެމްސަންގް ފްލޯ ބޭނުންކުރުމަށްޓަކައި ވިންޑޯޒް އެޕްލިކޭޝަން ކޮމްޕިއުޓަރަށް އަޅަންޖެހެ އެވެ. އެންޑްރޮއިޑް އެޕްލިކޭޝަން ގެލަކްސީ ފޯނަކަށް އަޅަން ޖެހެ އެވެ. ސެމްސަންގް ފްލޯ މި ވަގުތު ސަޕޯޓްކުރާ ފޯނުތަކަކީ، ގެލަކްސީ7، ގެލަކްސީ7 އެޖް، ގެލަކްސީ އެސް6، އެސް6 އެޖް، އެސް6 އެޖް ޕްލަސް، ގެލަކްސީ ނޯޓް5، ގެލަކްސީ އޭ7(2016) އަދި ގެލަކްސީ އޭ5(2016) އެވެ.
ގެލަކްސީ ސްމާޓްފޯނަކަށް ސެމްސަންގް ފްލޯ މޮބައިލް އެޕްލިކޭޝަން އެޅުމަށް ފަހު، ގެލަކްސީ ޓެބްޕްރޯ އެސް އާ "ޕެއާ"ކޮށް ގުޅުވާލަން ޖެހެ އެވެ. އެކަމަށް ޓަކައި ބްލޫޓޫތު އަދި "އެންއެފްސީ" ވެސް ބޭނުންކުރެވިދާނެ އެވެ.
ސެމްސަންގް ފްލޯ ބޭނުންކުރެވެނީ، ގެލަކްސީ ފޯނުން، ވިންޑޯޒް ޓެބްލެޓް "އަންލޮކް"ކުރުމަށެވެ. އެ ކަމަށްޓަކައި ފޯނުގެ ސްކްރީންގައި ފިންގާޕްރިންޓް ޖަހަންޖެހެ އެވެ. ގެލަކްސީ ފޯނުގެ ޕްރޮފައިލް ސެކިޔުރިޓީ އަށް ބަދަލުގެނައުމަށްޓަކައި ފޯނުގައި ފިންގާޕްރިންޓް ރައްކާކުރަން ޖެހެ އެވެ.
ސެމްސަންގުން ބުނާ ގޮތުގައި، ސެމްސަންގް ފްލޯގެ ބޭނުންތެރިކަން ބޮޑެވެ. އެ ކުންފުނިން ވިސްނާފައި ވަނީ ވިންޑޯޒް 10 ސަޕޯޓްކުރާ ހުރިހާ ޑިވައިސްތަކެއްގައި ސެމްސަންގް ފްލޯ ބޭނުންކުރެވޭ ގޮތް ހެދުމަށެވެ. އޭޕްރީލް މަސް ނިމޭ ހިސާބުގައި ވިންޑޯޒް 10 އަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެ އަޕްޑޭޓް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. މާނަ އަކީ ސެމްސަންގް ފްލޯ ބޭނުންކުރެވޭ ފޯނުތައް ގިނަވުމެވެ. ބޭނުންތެރިކަށް އިތުރުވުމެވެ.
ސެމްސަންގް ފްލޯއިން ކުރެވެން ދެން ހުރި ކަންތައްތަކުގެ ގެރޭގައި ފޯނުގެ ނޮޓިފިކޭޝަންތައް ވިންޑޯޒް 10 ޑިވައިސްތަކުން ބަލައި ޖަވާބުދިނުން ވެސް ހިމެނެ އެވެ. ފޯނުގެ ކޮންޓެންޓްތަކާއި ކަލަންޑަރު އެކްޓިވިޓީތަައް ވެސް ވިންޑޯޒް 10 ޑިވައިސްތަކަށް "ޓްރާންސްފާ"ކުރެވޭނެ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
23 February 2017
ވަރަށް ރަނގަޅު އާޓިކަލެކެވެ. މައުލޫމާތު ގެނެސްދޭންވާނީ މިގޮތަށް، ނޭނގޭމީހާގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބޭގޮތަށެވެ. އައިޓީ އެކްސްޕާޓުންނަށް އަމާޒުކޮށްފައެއް ނޫނެވެ.