05 އެޕްރީލް 2017 - 06:33
އެޕަލް އަށް އޯލެޑް ޑިސްޕްލޭ އުފައްދައި ދިނުމަށްޓަކައި، އެލްޖީ އަދި ޝާޕުން އިންވެސްޓްކުރި އެވެ. އެ ވާހަކަތައް ޚަބަރު ސުރުޚީތަކަށް ވެސް އެރި އެވެ.
އައިފޯނުގައި އޯލެޑް ސްކްރީނެއް އަޅުވަންވެއްޖެ ކަމަށް ބުނެ ބަހުސްކުރެވެން ފެށި ތަނުން، އެޕަލް އަށް އެ މަސަކަތްކޮށްދޭނެ ކަމަށް ބެލެވުނު ކުންފުނިތަކެއްގައި ހުނިޖަހާލެވުނެވެ. ފުރަތަމަ ސެމްސަންގެވެ. އެލްޖީ އަދި ސާޕު އޮތީ އޭގެ ފަހަށެވެ.
އައިފޯނަށް 10 އަހަރު، މި އަހަރު ފުރޭއިރު، މިއީ އަލުން ފަށައިގަތުމަށް މުނާސަބު ވަގުތަކަށް ވާނެ އެވެ. އައިފޯނުގައި އޯލެޑް ސްކްރީނެއް އަޅުވަނީ އެވެ. ފިސާރި ތެދެވެ. އެ މަސައްކަތް ސެމްސަންގް ލައްވައި ކުރުވުމަށްޓަކައި، 70 މިލިއަން އޯލެޑް ޑިސްޕްލޭ އަށް އެޕަލް އިން އޯޑަރުދީފި އެވެ.
އެޕަލް އިން އެ ވަރުގެ ބިޔަ އޯޑަރެއް ސެމްސަންގަށް ދިނުމަކީ ގަބޫލުކުރަން ދަތި ކަމަކަށް ވެސް ވެދާނެ އެވެ. ސަބަބުތައް ބައިވަރެވެ. ދެތިން ކަމެއްގެ ވާހަކަ ދައްކާލާނަމެވެ؛
އެޕަލް އަދި ސެމްސަންގަކީ ވިޔަފާރީގައި ވާދަވެރިންނެވެ. ވާދަވެރިކަން ބޮޑުވެ، ހަތުރުންނަށް ވެދާނެ ކަމަށް ބިރަށް ހައްލެއް ހޯދަން އެބައި މީހުން މިހާރު ވެސް އުޅެނީ ކޯޓުގަ އެވެ. ވިޔަފާރީގައި ސުލްހަވެރި ހައްލެއް ލިބޭތޯ އެވެ.
އައިފޯނުގައި އެޅުވުމަށް ސެމްސަންގުން އުފައްދައިދިން މައިކްރޮ ޗިޕްތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ވެސް ދެކެވުނެވެ. އެކަމުގެ ސަބަބުން ދެ ކުންފުނީގެ ގުޅުމަށް ހީނަރުކަން އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، މި ފެންނަނީ މަންޒަރުން އެހެން ކުލައެކެވެ.
އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ އަކީ ސެމްސަންގް ފަރިތަ އަދި އެ ކުންފުނިން އުފައްދާ ފެންވަރުގައި، އެ ނޫން އެހެން ބަޔަކަށް އުފައްދަން ދަތި އެއްޗެކެވެ. ސިނާއަތުގައި ފުންނާބު އުސް ބަޔަކު ލައްވައި އެޕަލުން ހާޑްވެއާ އުފައްދާ ނަމަ، އެޕަލުން ކަން އެ ކުރީ ހެޔޮކޮށެވެ.
ސެމްސަންގަށް މިއީ ވިޔަފާރީގައި ދަތި އުނދަގޫ ދުވަސްތަކެވެ. މާލީ ގޮތުން އަދި ޖިސްމާނީ ގޮތުން ވެސް ނުތަނަވަސް ދުވަސްތަކެވެ. މި ދަނޑިވަޅުގައި، ސެމްސަންގާ މެދު އެޕަލުން ހަތުރުވެރި ގޮތަކަށް ދެކޭ ނަމަ 8.9 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ފުރުސަތެއް ނުދޭނެ އެވެ. އެލްޖީ އަދި ޝާޕް ވެސް އޮތީ އެވެ. އޯލެޑް ޑިސްޕްލޭ އުފައްދަންވީ އެވެ.
އައިފޯނަށް އޯލެޑް ޑިސްޕްލޭ އުފައްދައި ދިނުމަކީ ސެމްސަންގަށް ވެސް ފަޚުރުވެރި ކަމަކަށް މި ފަހަރު ވެއްޖެ އެވެ. އެޕަލުން ކޮށްދިން ހެޔޮކަމުގައި ބަދަލުގައި ސެމްސަންގުން ވެސް ހެޔޮކޮށް ހިތަން ބޭނުންވެ އެވެ. ސެމްސަންގުން ބުނީ 70 މިލިއަން އޯލެޑް ޑިސްޕްލޭ އަށް އެޕަލުން އޯޑަރު ދިން ނަމަވެސް، އެޕަލް އަށް ބޭނުންޖެހިދާނެ ކަމަށްޓަކައި 95 މިލިއަން އޯލެޑް ޑިސްޕްލޭ އުފައްދައި، ތައްޔާރަށް ބަހައްޓާނެ ކަމަށެވެ. އައިފޯނުގެ ޑިމާންޑް ބޮޑުވެ ނުދަނޑިވަޅުގައި އަދަދު އިތުރުކުރަން ޖެހިދާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދެ
05 April 2017
ހާދަ ލަހުން.. 7 އަހަރު ފަހުން.. ހހހެ
ޑޮންޑޮން
05 April 2017
އެކުވެރި ކަމަކީ ގަދަފަދަ ބާރަކެވެ
ގެލެކްސީ8
05 April 2017
ކޮބާ ހީވޭ ކަމެއްހެން.. މަ އޭރުވެސް ބުނިން.. ދެން ފެންނާނީ ގެލެކްސީ އައިފޯން 8 އެކޭ.
ކަލޯގަޔާ
05 April 2017
އޯލެޑް ޑިސްޕްލޭއަކީ ކޮބައިކަމެއް ހަމަ އެއްގޮތަކަށްވެސް ނޭގުނު؟؟؟؟؟