އެންޑްރޮއިޑް ސެކިޔުރިޓީ: އެންޑްރޮއިޑް ނޫނަސް ގޫގުލްގެ އެހެން އުފެއްދުންތަކުގައި ބަލިކަށިކަމެއް ހުރި ނަމަ އެ ކަމަށް ދައްކައި ކަށަވަރުކޮށްދިނުމުން ހެޔޮވަރު އަދަދަކުން އިނާމް ލިބޭ. ގޫގުލުން މިނާ މިންގަނޑަށް ފެތިގެން ކުރި އަށް ދިއުމަށް ފުރުސަތު ކޮންމެ މީހަކަށް ވެސް އޮތީ ހުޅުވާލާފައި
18 ޖޫން 2016 - 08:10
އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ މީހުން އަބަދު ވެސް ތިބެނީ ނުރައްކަލުގައި ކަމަށް ބުނާތީ އިވެ އެވެ. ސަބަބަކީ ގޫގުލުން އެެންޑްރޮއިޑްގެ ސެކިއުރިޓީއާ މެދު ފަރުވާކުޑަކުރުމެވެ. އެންޑްރޮއިޑް ހަރުދަނާކުރުމަށް ގޫގުލުން ހޭދަނުކުރާ ކަމަށް ތުހުމަތުކުރެ އެވެ.
ގޫގުލްގެ އުފެއްދުންތަކުގައި ބަލިކަށިކަމެއް ހުރިކަން ކަށަވަރުވެއްޖެ ނަމަ ތިޔަ ލިބުނީ ލާރިގަނޑެކެވެ. މަތީގައި އެ އޮތް އަދަދަކީ ވެސް އެ ގޮތުގައި ގޫގުލުން ހޭދަކުރި ފައިސާ އެވެ. އެ އަދަދު މިހާރު ވަނީ ބަހާ ހުސްކޮށްފަ އެވެ. އެއީ އެންޑްރޮއިޑްގައި އެވެނި މިވެނި ބަލިކަށިކަމެއް ހުރި ކަމަށް ބުނެ، ހެއްކާއި ގަރީނާއާ އެކު ދެއްކި މީހުންނަށް ބެހި އަދަދެވެ. ދެރަ ނުވާށެވެ. ގޫގުލް އެ ޕްރޮގްރާމް އަބަދުވެސް ހިންގަ އެވެ. އެއީ ފޭސްބުކުން ވެސް ކުރާ ކަމެކެވެ.
"އެންޑްރޮއިޑް ސެކިޔުރިޓީ ރިވޯޑްސް ޕްރޮގްރާމް" މިހާރު ހިންގަނީ ގޫގުލްގެ "ވަލްނެރަބިލިޓީ ރިވޯޑްސް ޕްރޮގްރާމް"ގެ ދަށުންނެވެ. އެ ގޮތުގައި ގޫގުލްގެ ކޮންމެ އުފެއްދުމަކުން ދޯހަޅިކަމެއް ދެއްކި ނަމަވެސް، ހެޔޮވަރު އަދަދެއް ލިބޭނެ އެވެ.
ގޫގުލް އަށް ކޮންމެ އަހަރަކު އެތައް ބަޔަކު ސެކިޔުރިޓީ ރިޕޯޓް ހުށަހަޅަ އެވެ. އޭގެ ތެރެއިން ފުރޭނިގެން ފައިސާއާ ހިސާބަަށް ގިނަ ބަޔަކު ދެ އެވެ. ސެކިޔުރިޓީ ރިޕޯޓް ހުށަހެޅުމަކީ އާމްދަނީ ހޯދަން ވެސް ކުރަން ރަނގަޅު މަސައްކަތެކެވެ.
ދިވެހިންގެ ހިތްވަރު ގަދަ ބައެއް ކުދިން ވެސް، ފޭސްބުކާއި ގޫގުލުން ފައިސާގެ އިނާމު ހޯދާފައި އެބަ ހުއްޓެވެ. އެެއީ އެ ކުންފުނިތަކުގެ އުފެއްދުންތަކުގައި ހުރި ބަލިކަށިކަން ދައްކައި ކަށަވަރުކޮށްދީގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy