24 ސެޕްޓެމްބަރ 2017 - 06:12
އެޗްޓީސީ ސްމާޓްފޯން ޑިވިޒަން ގޫގުލް އިން ގަންނަނީ އެވެ. އެއާ އެކު 2،000 މުވައްޒަފުން ގޫގުލް އަށް އިތުރުވާނެ އެވެ. އެއީ ގޫގުލް އަށް ޕިކްސެލް ފޯނު އުފައްދައިދިން ހާޑްވެއާ ޓީމެވެ. އެކަމަށްޓަކައި، އެޗްޓީސީ އަށް 1.1 ބިލިއަން ޑޮލަރު ދޭން ގޫގުލް އިން ވަނީ އެއްބަސްވެފަ އެވެ.
އަމިއްލަ ހާޑްވެއާ ކުންފުންޏެއް އޮތުމަކީ ގޫގުލް އިން އަބަދު ވެސް އެދޭ ކަމެކެވެ. ގޫގުލް އިން 12.5 ބިލިއަން ޑޮލަރަށް މޮޓޮރޯލާ މޯބިލިޓީ ގަތީ ވެސް އެ ނިޔަތުގަ އެވެ. އެއީ ސްމާޓްފޯން ވިޔަފާރީގައި ކުރެވުނު އަގު ބޮޑު މުއާމަލާތެކެވެ. އެހެން ނަމަވެސް، އޭގެ ދެ އަހަރު ފަހުން 2014 ގައި މޮޓޮރޯލާ މޯބިލިޓީ 2.91 ބިލިއަން ޑޮލަރަށް ލެނޮވޯ އަށް ވިއްކާލި އެވެ. އެއްވެސް ފައިދާއެއް ގޫގުލް އަށް ނުވެ، ކުރެވުނު މޮޔަ ކަމަކަށް އެކަން ވެ ނިމުނެވެ.
އެޗްޓީސީ އިން ބައެއް ގަތުން އެއީ ވެސް ގޫގުލް އަށް ހެދޭ ގޯހަކަށް ނުވުމަށް ވަފާތެރިން އެދެ އެވެ. އެޗްޓީސީގައި ތިބި ހުނަރުވެރި އިންޖިނޭރުން ބޭނުންކޮށްގެން ޕިކްސެލް ފޯނުތައް ތަރައްގީކުރުން ގޫގުލް އަށް ބޮޑު ފައިދާއަކަށް ވާނެ އެވެ.
ގޫގުލް ބޭނުންވާ ގޮތަށް އެންޑްރޮއިޑް ލައްވައި ކުޅުވުމަށްޓަކައި އަމިއްލަ ހާޑްވެއާ ޓީމެއް ވަރަށް މުހިންމެވެ. ހާޑްވެއާ އުފެއްދުމުގެ ގާބިލްކަން، އެންމެ އެދެވޭ ފެންވަރަށް، އެޕަލް އަށް ލިބިފައި ނެތް ނަމަވެސް، "އައިއޯއެސް" އަށް ހާޑްވެއާ އުފަދާ އެހެން ކުންފުންޏެއް ނެތުން އެއީ އެޕަލް އަށް އޮތް ބޮޑު ފައިދާއެކެވެ.
އެންޑްރޮއިޑް ފޯނުތައް އެކި ކުންފުނިތަކުން މާކެޓަށް ނެރުނު ނަމަވެސް، ވާދަވެރިންނަށް ނެތް ފީޗާތައް ގޫގުލް ހާޑްވެއާ އަށް ޚާއްސަކުރުމަކީ މިހާރު ގޫގުލް އަށް ކުރެވިދާނެ ކަމެެކެވެ. އެންޑްރޮއިޑްގައި ހުރި ނަމަ ހުރި ކުޅަދާނަކަމެއް ވާދަވެރިންނަށް ދައްކާލުމަށް ވެސް އަމިއްލަ ހާޑްވާ ޓީމެއް ނުލާހިކު މުހިންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy