ގޫގުލުން ޓެކްހަށް މަކަރުހަދާ ކަމަށް ބެލެވިގެން ޔޫރަޕްގެ ގައުމުތަކުން ދަނީ އެ ކުންފުންޏަށް ފާރަލަމުން. ބައެއް ގައުމުތަކުގައި ގޫގުލްގެ އޮފީހަށް ވަދެގަނެ ކޮމްޕިއުޓަރުތައް ފާސްކޮށްފައި ވެސް ވޭ
05 ޖުލައި 2016 - 08:00
ސްޕޭންގެ ވެރި ރަށް މެޑްރިޑްގައި ހުންނަ ގޫގުލްގެ އޮފީސް ފާސްކޮށްފި އެވެ. ޓެކްހަށް މަކަރުހަދާ ކަމަށް ބެލެވިގެންނެވެ. ގޫގުލް އަކީ ބިޔަ ކުންފުންޏެކެވެ. އާމްދަނީ ވެސް އެހާ ގިނައިން ލިބެ އެވެ. އެހެން ނަމަވެސް ޔޫރަޕް ގައުމުތަކުން ދަނީ ގޫގުލް އަށް ފާރަލަމުންމެވެ. ޕެރިހުގައި ހުންނަ ގޫގުލްގެ އޮފީހަށް ދާދި މިދާކަށް ދުވަހު ފުލުން، ކޮމްޕިއުޓަރު މާހިރުންތަކެއް ގޮވައިގެން ވަދެ މުޅި ތަން ވަނީ ފާސްކޮށްފަ އެވެ. އެ ވެސް ޓެކްހަށް މަކަރުހަދާ ކަމަށް ޝައްކުކުރެވިގެންނެވެ.
ގޫގުލް ނޫނަސް އެމޭޒަން ފަދަ ބިޔަ ކުންފުނިތަކަށް ފާރަލުމަކީ ޔޫރަޕްގެ ގައުމުތަކުން ކުރާ ކަމެކެވެ. އެ ކުންފުނިތަކުން އެއްވެސް ކަމެއް ނުކޮށް ތިއްބައެއް ނޫނެވެ. ޓެކްހާ ގުޅޭ ނުވަަތަ ފައިސާގެ މުއާމަލާތްތައް ވަންހަނާކުރާތީ އެވެ.
ސްޕޭންގައި ގޫގުލުން ކުރާ މަސައްކަތްތަކާ، ލިބޭ އާމްދަނީއާ ބެހޭ ތަފުސީލްތައް ރަސްމީ އިދާރާތަކަށް ސާފުކޮށްނުދޭ ކަމަށް ނޫސްތަކުން ބުނެ އެވެ. ގޫގުލްގެ އޮފީހަށް ފުލުން ވަދެ ހާވައިގަތީ ވެސް ނޫހަކުން ފަޅާއަރުވާލި މައްސަލައަކާ ގުޅިގެންނެވެ.
ގޫގުލް ފަދަ ފައިސާ އޮހޭ ކުންފުނިތަކުން ޓެކްހަށް މަކަރުހެދުމަށް އަމާޒުކުރަނީ ވެސް އެންމެ ކުޑަކޮށް ޓެކްސްނަގާ ސަރަހައްދުތަކެވެ. ވިޔަފާރި ރަނގަޅު ގައުމުތަކުން ލިބޭ އާމްދަނީ އެއީ އެހެން ގައުމަކުން ލިބުނު އެއްޗެއް ކަމަށް ވެސް ހަދަ އެވެ.
އިނގިރޭސިވިލާތުގައި އާންމުކުރި ޝަކުވާތަކާ ގުޅިގެން ރަސްމީ އިދާރާތަކުން ކުރި ތަހުގީގުގައި ގޫގުލުން 175 މިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ދައްކަން ޖެހުނެވެ. އެއީ ކުރިން ދައްކަންޖެހި، ނުދައްކާ އޮތް އަދަދެކެވެ. ގޫގުލުން އިޓަލީގައި ޓެކްހަށް މަކަރުހެދުމުގެ ސަބަބުން ސަރުކާރުން ވަނީ 200 މިލިއަން ޔޫރޯ އަށް ވުރެ ގިނަ ފައިސާ ދެއްކުމަށް ގޫގުލަށް އަމުރުކޮށްފަ އެވެ.
މަޝްހޫރު ކުންފުނިތަކުން ޓެކްހަށް މަކަރުހެދުމަށް ގެންގުޅޭ އުކުޅުތައް ދެނެގަތުމަށް އެމެރިކާއިން ވެސް ވަނީ ފޫގަޅާފަ އެވެ. އެ ކުންފުނިތަކަށް ޔޫރަޕްގައި ވެސް ފިއްތުންތައް ވަނީ ކުރިމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy