11 ނޮވެމްބަރ 2017 - 06:10
ޓްވިޓާގެ މަގުބޫލުކަން ގެއްލިގެން ދިޔަ ނުދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި 140 ކެރެކްޓާއިން 280 ކެރެކްޓާއަށް ޓްވީޓްތަކުގެ ދިގުމިން ބަދަލުކުރުމަށް ފަހު ޔޫޒާ ނޭމް ވެސް ދިގުކޮށް ޖެހޭ ގޮތަށް ހަދައިފި އެވެ.
ޓްވީޓްގެ ދިގުމަށް މިނަށް ގެނައި ބަދަލަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ޔޫޒާ ނޭމްގައި 50 ކެރެކްޓާ ހިމެނޭ ގޮތް މިހާރު ވަނީ ހަދައިފަ އެވެ. މިއީ ދިގު ނަންތައް ކިޔާ މީހުންނަށް ރަނގަޅު ބަދަލަކަށް ވާނެ އެވެ. އަދި ނަމުގައި އިމޯޖީތައް ހިމަނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އިތުރަށް ފަހިވެގެން ދާނެ އެވެ.
ޔޫޒާ ނޭމްގައި 50 ކެރެކްޓާ ޖެހުނަސް ޓްވިޓާ ހޭންޑްލްގައި ބޭނުންކުރެވޭ ކެރެކްޓާގެ އަދަދަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.
ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު ނިސްބަތުން އިތުރުވަމުން ނުދިނުމާއި އޭގެ މަގުބޫލުކަން ކުޑަވަމުން ދިއުމުގެ ސަބަބުން އެކަން ބަދަލުކުރެވޭތޯ ޓްވިޓާއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތުގައި ގެންނަނީ "ކޮސްމެޓިކް" ބަދަލުތަކެއް ކަމަށް ބުނެ ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ. ފާޑުކިޔާ މީހުން ބުނަނީ ޓްވިޓާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަ ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެގޮތުން ޓްވިޓާ އަކީ މީހުންނާ ފޮށި ފުރައްސާރަ ކުރުމުގެ މައިދާނަކަށް ބަދަލުވެގެން ދާތީ އެކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.
ޓްވިޓާ ހިންގުމުގެ ދޯދިޔާކަން އެންމެ ފަހުން ހާމަވެގެން ދިޔަ އެއް ކަމަކަށް ވެފައި ވަނީ އެތަނުގެ މުވައްޒަފަކު ވަޒީފާގެ އެންމެ ފަހު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކައުންޓް ޑިއެކްޓިވޭޓް ކޮށްލި މައްސަލަ އެވެ. ޓްރަމްޕްގެ އެކައުންޓް ޑިއެކްޓިވޭޓްވެ 11 މިނެޓް ހުއްޓެވެ. މިވަރުގެ ކަމެއް ކުރުމުގެ ބާރު އާދައިގެ އެންމެ މުވައްޒަފަކަށް ލިބުނީތީ އެކަމާ ސުވާލު އުފައްދާ މީހުން ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy