އެޕަލްގެ މުވައްޒަފަކު އުފެއްދުމަކާ ބެހޭ މައުލޫމާތު ކަސްޓަމަރަކަށް ދެނީ.
16 އެޕްރީލް 2018 - 06:31
އެޕަލްގެ އާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ލީކްކުރާ އެ ކުންފުނީގެ މުވައްޒަފުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
އެޕަލް އިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ "ކުންފުނީގެ އާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ލީކް ކުރާ މުވައްޒަފުންނަށް އެހެން އެއްވެސް ތަނަކުން ވަޒީފާއެއް ނުލިބޭ ވަރުގެ ފިޔަވަޅުތައް އަޅާނެ" ކަމަށެވެ.
"އަހަރެމެންގެ އާ އުފެއްދުންތަކުގެ މައުލޫމާތު ލީކްކޮށްގެން ހަމައެކަނި އެޕަލް އިން ވަޒީފާ ގެއްލޭނީކީ ނޫން. އެހެން ތަނަކުން އެފަދަ މީހަކަށް ވެސް ވަޒީފާއެއް ނުލިބޭ ވަރުގެ ފިޔަވަޅުތަކެއް އަޅާނަން. އެކަލަ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން ވެސް ކުށެއް،" އެޕަލް އިން ނެރުނު މެމޯގައި އެ ކުންފުނީގެ ގްލޯބަލް ސެކިއުރިޓީ އޮފިސަރު ޓޮމް މޯޔާ ވިދާޅުވި އެވެ.
އެޕަލްގެ އުފެއްދުންތަކެއްގެ މައުލޫމާތު މިދިޔަ އަހަރުގެ ތެރޭގައި ލީކްކޮށްގެން، އެ ކުންފުނީގެ 29 މުވައްޒަފެއްގެ މައްސަލަ ފަޅާއަރާފައިވާ އިރު، އޭގެ ތެރެއިން 12 މުވައްޒަފަކު ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް މުވައްޒަފުންތަކަކާ އެކު.
އެޕަލް އިން ބުނި ގޮތުގައި ކުންފުނިން ކުރިއަށް ނެރެން ހުންނަ އުފެއްދުންތަކުގެ މައުލޫމާތު ލީކް ކުރުމަކީ، ބާޒާރަށް ނެރެފައިވާ އުފެއްދުންތަކުގެ މާކެޓް ގެއްލޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ބުންޏެވެ.
އެޕަލްގެ އިންޖިނިއަރިން ހެޑް ކްރެއިގް ފެޑެރިގީ ވިދާޅުވި ގޮތުގައި އާ އުފެއްދުންތަކުގެ މައުލޫމާތު ލީކް ކުރުމުގެ މައްސަލަތަކާ ހެދި އައިފޯންގެ އާ ސޮފްޓްވެއާތައް ލޯންޗް ކުރުން ވެސް ލަސްވެދާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން ބުނާ ގޮތުގައި މައުލޫމާތުތައް ލީކް ކުރުމަކީ ކުންފުނީގެ އެތައްގެ ބުރަ މަސައްކަތް ފެނަށް ދުއްވައިލުމެވެ. އެހެންވެ އެކަން ލުއިކޮށް ނުނަގާނެ ކަމަށް ބުންޏެވެ. އަދި މުވައްޒަފުން ލައްވައި އެޕަލް އިން މިހާރު ވަނީ ނަން-ޑިސްކްލޯޝ އެގްރިމަންޓްމަންޓްގައި ސޮއި ވެސް ކުރުވަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy