05 ސެޕްޓެމްބަރ 2018 - 07:26
ޕްލޭސްޓޭޝަން 2 އުފެއްދިތާ 18 އަހަރުވެއްޖެ އެވެ. ސޮނީން ބުނަނީ މިހާރު އޭގެ ކޮންސޯލް މަރާމާތުކުރަން ބޭނުންވާ ރިޕްލޭސްމަންޓް ޕާޓްސް ވެސް ހުސްވަނީ ކަމަށެވެ. އެހެންވެ މިހާ ހިސާބުން މީގެ ކޮންސޯލް މަރާމާތުކޮށްދެވެން ނެތް ކަމަށް ސޮނީން ބުނެފި އެވެ.
ޕްލޭސްޓޭޝަން 2 ބާޒާރަށް ނެރުނީ 2000 ވަނަ އަހަރު އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ވިކުނު ޕްލޭސްޓޭޝަން ކޮންސޯލެވެ. އެކަމަކު 2012 ވަނަ އަހަރު ޕްލޭސްޓޭޝަން 3 އުފެއްދުމަށް ފަހު، ޕްލޭސްޓޭޝަން 2 އުފެއްދުން ވަނީ ހުއްޓާލައިފަ އެވެ.
ރިޕްލޭސްމަންޓް ޕާޓްސް ހުސްވާތީ، ދެން މަރާމާތުކޮށްދެވެން ނެތް ކަމަށް ބުނެ ސޮނީން ނެރުނު ބަޔާނުގައި، ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އެހެންވެ، މީގެ ކޮންސޯލް މަރާމާތުކުރަން ދެން އޮރިޖިނަލް ޕާޓްސް ވަކިން ގަންނާކަށް ނުލިބޭނެ އެވެ.
ޕްލޭސްޓޭޝަން 2 ގެ 150 މިލިއަނަށް ވުރެ ގިނަ ކޮންސޯލް ވިކިފައިވެ އެވެ. އެންމެ ފަހުގެ މޮޑެލް ޕްލޭސްޓޭޝަން 4 ގެ މިހާތަނަށް ވިކުނީ 80 މިލިއަން ޔުނިޓެވެ.
ގޭމް ކޮންސޯލް އުފެއްދުމުގައި ސޮނީއާ ވާދަވެރި މައިކްރޮސޮފްޓުން އުފައްދާ އެކްސްބޮކްސް ވަންގެ ވިކިފައި ވަނީ 40 މިލިއަން ކޮންސޯލް ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy