އައިފޯނު ވިކޭ އަދަދު ހާމަކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމަށް އެޕަލް ދެކޭ
04 ނޮވެމްބަރ 2018 - 07:29
އައިފޯނު ވިކޭ އަދަދު، ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ދާ ކަމަށް ބުނެވެ އެވެ. އެކަމަކު، އެޕަލް އަށް ލިބޭ ފައިދާ ދަށަށް ދާ ކަމަށް ބުނާތީއެއް ނުއިވެ އެވެ. އައިފޯން އަދި އައިޕެޑް ވިކޭ އަދަދު ދަށްވާ ކަމަށް ވާހަކަ ދެކެވި ދެކެވި ހުއްޓައި، އެޕަލް ވަނީ ޓްރިލިއަން ޑޮލަރު އަގުހުރި ކުންފުންޏަކަށް ވެފަ އެވެ.
އެޕަލް އިން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ އުފެއްދުންތައް ވިކޭ އަދަދު މަދު ނަމަވެސް، އަހަރު ނިމޭއިރު ކުންފުންޏަށް ނުތަކާ މިންވަރަށް ފައިދާވެ އެވެ. އެހެންކަމުން، އައިފޯނު ވިކޭ އަދަދު ހާމަކުރުމަކީ މިހާރު ކޮންމެހެން މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
އެޕަލް އިން މާލީ ތަނަވަސްކަން ހޯދަނީ ހަމައެކަނި އައިފޯނު ވިއްކައިގެނެއް ނޫނެވެ. އުފެއްދުންތަކާ ގުޅުން ހުރި ހާޑްވެއާ، ސޮފްޓްވެއާ އަދި އެހެނިހެން ޚިދުމަތްތަކުން އެޕަލް އަށް މިލިއަނުން ފައިދާ ވެ އެވެ.
ކުންފުންޏަށް މާލީ ތަނަވަސްކަން ހޯދުމަށްޓަކައި، މުޅި ކުންފުނީގެ ވިސްނުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ޓެކްނޮލޮޖީ ކުންފުނިތަކުން ކުރިން އަމަލުކުރި ވިސްނުން، ޒަމާނަށް ތަންދިނުމަށްޓަކައި ބަދަލުކުރުމަކީ ހަމައެކަނި އެޕަލް އިން ކުރާ ކަމެއް ނޫނެވެ. ސެމްސަންގަށް ބެލި ނަމަވެސް، އެ މީހުންގެ މައިގަނޑު ވިސްނުން މިހާރު ހުރީ މެދު ފަންތީގެ ފޯނުތައް ބާރުވެރިކުރުމަށެވެ.
ސްމާޓްފޯން މާކެޓް ވާވޭ ކޮޅަށް ބަރުކުރުމަށް އެ މީހުން ކުޅިބައި އަތުރާލަނީ ފަންނުވެރިކަން ދެ މޮޑެލްއަކަށް ބަހާލައިގެންނެވެ. އެ ގޮތުން "މޭޓް" އަދި "އޮނާ" ވަނީ ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލު ދެ ކޮމިއުނިޓީއެއް އުފައްދައި ބިންވަޅުނަގާފަ އެވެ.
އެލްޖީ އަދި ސޮނީ ކުރިހައި މަސައްކަތަކުން ވެސް ގުޑުގުޑުނާޅާ ވަރެއް އަދި ނުކުރެވެ އެވެ. އެޗްޓީސީ ވަނީ ބޯވަތަށްޖެހި ގޮތަށް ހަމަ އެ ގޮތުގަ އެވެ. ގޫގުލުން ވެދިންހައި އެހީތެރިކަމަކުން ވެސް އިސްއުފުލާލެވޭ ވަރު އަދި ނުވެ އެވެ.
ސްމާޓްފޯން މާކެޓްގައި ވާދަވެރިންނަށް ބަލައި އެޕަލް އިން މިސްރާބުޖަހާފައި ވަނީ ވަށްބުރު ހަމަ ނިޒާމަކުން ތަނަވަސްކަން އިތުރުކުމަށެވެ. އުފެއްދުންތައް ވިއްކާ އަދަދު އިތުރުކުރުމަކަށް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy