ޗައިނާ އަށް ޚާއްސަކޮށް އުފެއްދި ޑްރޭގަންފްލައި ސާޗް އިންޖީން އަކީ ކުރި އެކްސްޕެރިމެންޓެއް ކަމަށް ގޫގުލް ބުނޭ
07 ނޮވެމްބަރ 2018 - 07:34
ޗައިނާ މާކެޓަށް ޚާއްސަކޮށް އުފައްދަން މަސައްކަތްކުރި ސާޗް އިންޖީން އަކީ އެކްސްޕެރިމެންޓެއް ކަމަށް ގޫގުލުން ބުނެފި އެވެ. މިހެން ބުނީ މި ޕްރޮޖެކްޓާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޗައިނާ އަކީ އިންޓަނެޓް ގަވާއިދުތައް ހަރުކަށި ގައުމެކެވެ. ބޭނުން މީހަކަށް، ބޭނުން ވެބްސައިޓަކަށް ވަދެ އުޅުމަށް ހުއްދައެއް ނޯވެ އެވެ. ގޫގުލް، އެމެޒޯން އަދި ފޭސްބުކަށް ވެސް ވަނުމަށް ހުއްދައެއް ނޯވެ އެވެ. ވީޕީއެން މެދުވެރިނުކޮށް މިއިން ސައިޓަކަށް ވަދެވޭ ގޮތެއް ވެސް ނޯވެ އެވެ.
ގޫގުލް އިން "ޑްރޭގަންފްލައި" ގެ ނަމުގައި އުފައްދަން މަސައްކަތްކުރި ސާޗް އިންޖީން އަކީ ޗައިނާ ބޭނުންވާ ގޮތަށް، ޗައިނާ ސަރުކާރާ ގުޅިގެން ކުރި މަސައްކަތްތަކެވެ. ނަމަވެސް، މި ކަމުގައި އޮތް ކަންބޮޑުވުމަކީ، ޗައިނާ ބޭނުންވާ ގޮތަށް ސާޗް އިންޖީން ފުރިހަމަވާއިރު، އެ ޕްލެޓްފޯމް ބޭނުންކުރާހާ ބަޔަކު ވަކިވަކިން އެނގޭ ގޮތަށް ފަރުމާކުރެވުމެވެ.
ޑްރޭގަންފްލައި އަކީ ފާޑުކިޔުމަށް ހުށަހެޅޭނެ ޕްރޮޖެކްޓެއްކަން ގޫގުލް އަށް ކުރިން ވެސް އޮތީ ވިސްނިފަ އެވެ. ނަމަވެސް، ވިޔަފާރި ވިސްނުމަކުން ބަލާއިރު މިއީ ގޫގުލް އަށް ދޫކޮށްލެވެން އޮތް ޕްރޮޖެކްޓެއް ނޫނެވެ. ސަބަބަކީ ޗައިނާގައި އިންޓަނެޓް ބޭނުންކުރާ އާބާދީ، އޮބިއޮންނަ ވަރަށް ވުރެ ބޮޑުވުމެވެ. އެއިން ކޮންމެ މީހަކު ބަލާލައި އިޝްތިހާރަކުން ވެސް ގޫގުލް އަށް ފައިދާވުމެވެ.
ޗައިނާ އަށް ޚާއްސަކޮށް ސާޗް އިންޖީންއެއް ގޫގުލް ތެރޭގައި ޑިވެލޮޕްކުރެވެމުން ދިޔަކަން، ގޫގުލްގެ ގިނަ މުވައްޒަފުންނަކަށް ވެސް ނޭނގެ އެވެ. އެއީ އެކަން ސިއްރުކުރުމަށްޓަކައި، މޮޑިއުލްތަކަކަށް ބަހާލައިގެން، ވަކިވަކި ޑިވެލޮޕަރުން ލައްވައި މަސައްކަތްކުރެވެމުން ދިއުމުންނެވެ. މިކަމުގެ ހަގީގަތް އާންމުވުމުން ޑިވެލޮޕަރުން ވެސް ވީ ހައިރާނެވެ. އަދި އެކަހަލަ ޕްލެޓްފޯމެއް އުފައްދަން ގަބޫލުނޫން ކަމަށް ވެސް ބައެއް ޑިވެލޮޕަރުން ބުނި ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy