އައިޕެޑް ޕްރޮ ޔޫއެސްބީ-ސީ އަށް ބަދަލުކުރުމުގެ މާނަ އަކީ އައިފޯނަށް އެ ބަދަލު އައުމެއް ނޫނެވެ. އެހެން ނަމަވެސް އެއީ އެކަން ވާން އުޅޭ ކަމުގެ ނިޝާނަކަށް ވެސް ވެދާނެ
04 ޑިސެމްބަރ 2018 - 08:06
އެޕަލް ކުންފުނިން ވަކި ގޮތެއް ނިންމާފައި ނެތް ނަމަ، މިއީ އެއްވެސް މީހަކަށް ޖަވާބުދޭން އެނގޭ ސުވާލެއް ނޫނެވެ. އެހެން ނަމަވެސް، މިކަމާ ގުޅޭ ގޮތުން ވިސްނައި، ފެންނަ އެއްޗެއް ބުނަން ފުރަސަތު ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ.
އައިފޯނަށް ޔޫއެސްބީ-ސީ ތައާރުފުކުރުމުގައި އެޕަލް ބަލާނީ ފައިދާ ބޮޑު ގޮތަކަށެވެ. މާލީ ތަނަވަސްކަމަށް ވެސް ބަލާފާނެ އެވެ. ޓެކްނޮލޮޖީ ސިނާއަތު ޓައިޕް-ސީ އަށް ބަދަލުވަމުން ދާއިރު، އެޕަލްގެ އުފެއްދުންތައް މާ ބޮޑަށް ތަފާތުވުމަކީ ބޭނުންކުރާ މީހުންނަށް ބޮޑު އުނދަގުލަކަށް ވެދާނެ އެވެ. އެހެންކަމުން، ވިޔަފާރީގައި އެއް ހަމައަކުން މުއާމަލާތުކުރުމަށްޓަކައި، އައިފޯނު ޔޫއެސްބީ-ސީ އަށް ބަދަލުކޮށްފާނެ އެވެ.
އައިޕެޑް ޕްރޯ އަށް ޔޫއެސްބީ-ސީ ކަނެކްޓަރަށް ބަދަލުކުރުމުގެ މާނަ އަކީ، އައިފޯނުގައި މި މިންގަނޑު ހިމެނުމެއް ނޫނެވެ. އެކަމަކު، އައިފޯނަށް މި ބަދަލު އަތުވެދާނެ ކަމަށް ފިކުރުގައި ބާއްވަންވާނެ އެވެ. ބޭނުންކުރާ މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި، ލައިޓްނިން ކަނެކްޓަރު ދޫކޮށްލަން އެޕަލް ބިރުގަނެ އެވެ. ސަބަބަކީ، ލައިޓްނިން ކަނެކްޓަރަކީ އެޕަލް އަށް މާލީ ތަނަވަސްކަން ހޯދައިދޭ ވަސީލަތަކަށް ވުމެވެ. މިކަމުގައި ބުނަން އޮތީ، އެޕަލްގެ މުޅި މާހައުލު ޓައިޕް-ސީ އަށް ބަދަލުކުރުން، އެޕަލް އަށް ވަކި ކުޑަ ފައިދާއަކަށް ނުވާނެ ކަމަށެވެ.
އެޕަލްގެ ޑިވައިސްތަކަށް ޔޫއެސްބީ-ސީ "އެކްސެސޮރީޒް" އުފެއްދުމުގައި ވަކި ފެންވަރެއް ހުންނަންޖެހޭނެ ކަމަށް ކަނޑައަޅައި، "އެޕަލް އެޕްރޫވް" ކޮށްފައި އޮތުމުން، އެޕަލް ދެކެ ލޯބިވާ މީހުން، އެ ނޫން އެއްޗެއް ގަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެޕަލްގެ އާލާތްތަކާ މެދު މީހުން ދެކެނީ، އެޕަލުން އުފައްދައިފި ނަމަ، ފެންވަރު ރަނގަޅުވާނެ ކަމަށެވެ. ޔޫއެސްބީ-ސީ އާ މެދު ވެސް އޮތީ މި ވިސްނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy