24 ޑިސެމްބަރ 2018 - 07:11
ސެމްސަންގަށް ހީވެފައި އޮންނަނީ އެ މީހުންނަށް ވުރެ ވަކިން އަވަހަށް ބެޓެރީ ޗާޖުކޮށްދޭ ބަޔަކު ނޫޅޭ ކަމަށެވެ. ސްމާޓްފޯނުތަކުގެ ބެޓެރީ އަވަހަށް ޗާޖްކުރުމަށް އެންމެ އަވަސް އަދި ރަނގަޅު ޓެކްނޮލޮޖީ ގާއިމުކުރެވިފައި ހުންނަނީ އެ މީހުންގެ ފޯނުތަކުގައި ކަމަށެވެ.
ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން ބޮޑުވެ، ގޮވަން ކައިރިވެފައި ވާއިރު، އެސްފިޔަޖަހާލެވޭ އަވަސްމިނުގައި ބެޓެރީ ޗާޖުކުރެވޭތޯ ކުންފުނިތަކުން އަންނަނީ ދިރާސާކުރަމުންނެވެ.
ސެމްސަންގް "އެޑަޕްޓިވް ފާސްޓް ޗާޖިން" އަށް ޒަމާންތަކެއް ވެފައި ވަނިކޮށް، ގެލަކްސީ ފޯނުތަކަށް "15 ވޮޓް" ޗާޖިން ޓެކްނޮލޮޖީ އެ ކުންފުނިން ތައާރުފުކުރި އެވެ. ނަމަވެސް، މުޅި ދުނިޔެ އަށް ބޮޑު ބިރަކަށް ވެފައިވާ، ޗައިނާގެ ސްމާޓްފޯން ކުންފުނިތަކުން، ވާވޭ، ވަންޕްލަސް އަދި އޮޕޯއިން ވަނީ ފާސްޓް ޗާޖިން ޓެކްނޮލޮޖީ އަކީ އެ މީހުންނަށް ވެސް އެނގޭ އެއްޗެއްކަން ހާމަކޮށް، ދައްކާފަ އެވެ.
ވާވޭ "މޭޓް 20 ޕްރޮ" މަރުކާއާ އެކު އާންމުކުރި "ސުޕާޗާޖާ" އަށް "40 ވޮޓް" ގަދަ ބާރުގައި ބެޓެރީ ޖާޗްކުރުމުގެ ގާބިލުކަން ލިބިފައި ވެ އެވެ. ވަންޕްލަސް ދާދި ފަހުން އާންމުކުރި "ވޯޕް ޗާޖް 30" އަކީ ވެސް ބިރުގަންނަހާ އަވަހަށް ބެޓެރީ ޗާޖްކޮށްދޭ ޓެކްނޮލޮޖީއެކެވެ. އޮޕޯ ވެސް އޮތީ ފުކެއް ދޫކުރާ ގޮތަކަށް ނޫނެވެ.
ބެޓެރީ އަވަހަށް ޗާޖްކުރުމުގައި ވެސް، ވާދަވެރި ކުންފުނިތަކާ ޖެހި، ސެމްސަންގް އަށް ވަނީ ކޮޅު ބެދޭ ގޮތް ވެފަ އެވެ. އެހެންކަމުން، ގެލަކްސީ އާއިލާ އަށް އަންނަ ހުރި ފޯނުތަކުގައި "ފާސްޓް ޗާޖިން" ޓެކްނޮލޮޖީ ގާއިމުކުރުމުގައި ވާދަވެރި ތިލަފަތުން ކިރާލެވޭ ފެންވަރުގެ އުފެއްދުމެއް ފެންނާނެ ކަމަށް ބެލެވެ އެވެ.
ސެމްސަންގުން ފާސްޓް ޗާޖިން ޓެކްނޮލޮޖީ ބަދަލުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އަންނަނީ ގަދަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy