ގެލަކްސީ އެސް10 ގައި ވައިފައި 6 ޓެކްނޮލޮޖީ ގާއިމުކުރާނެ ކަމަށް ބުނެވޭ
07 ފެބުރުއަރީ 2019 - 08:21
ސެމްސަންގް ގެލަކްސީ އެސް10ގެ ބާރުގަދަކަމާ މެދު ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ. މިއޮތީ ވެސް ގެލަކްސީ އެސް10ގެ ހައިބަތާ ބެހޭ ގޮތުން ދެކެވޭ ވާހަކައެކެވެ. "ވައިފައި 6" އެންމެ ފުރަތަމަ ގާއިމުކުރާ ފޯނަކަށް ގެލަކްސީ އެސް10 ވާނެ ކަމަށް އެބަ ބުނެވެ އެވެ.
"ވައިފައި 6" އަކީ ވައިފައިގެ ކުޅެދުންތެރިކަން އަންގައިދޭ މިންގަނޑެވެ. ވައިފައިގެ ބާރުވެރިކަން ކަނޑައެޅުމުގައި، ދާދި ފަހަކާ ޖެހެންދެން ވެސް ބޭނުންކުރެވުނީ، އެވްރެޖް މީހުންނަށް ދެނެގަނެވޭ ވަރަށް ވުރެ ޓެކްނިކަލް މިންގަނޑެކެވެ. އެހެންވެ، ވައިފައި ބާރުގަދަވަމުން އައި ވަރު، ދެނެގަތުން އުނދަގޫ ކަމަކަށް ވި އެވެ. އެހެން ނަމަވެސް، ވައިފައި ޓެކްނޮލޮޖީ ތަރައްގީކުރެވޭ މިންގަޑު، އަދަދަކުން ކަންޑައެޅުމުން ހަނދާނުގައި ބަހައްޓަން ނުހަނު ފަސޭހަ އެވެ.
ގެލަކްސީ އެސް10 ގައި ވައިފައި 6 ގާއިމުކުރުމަކުން އަދި ކުރާނެ މާ ބޮޑު ކަމެއް ނެތެވެ. އެ ދުވެލީގައި ދުއްވުމަށް މެދުވެރިއެއް ގޮތުގައި ބޭނުންކުރެވޭ ރައުޓަރުތައް އަދި އެ ފެންވަރުގައި އާންމެއް ނުވެ އެވެ.
ވައިފައި 6 ސަޕޯޓްކުރާ ރައުޓަރުތައް، ނެޓްގިއާ، ޓީޕީ ލިންކް އަދި އަސުސް އިން ވަނީ އުފައްދާފަ އެވެ. އެހެން ނަމަވެސް، މާކެޓުގައި އާންމުވުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. މިހާ ބާރުގަދަ ފޯނެއް ދުނިޔެ އަށް ނެރޭއިރު، ސެމްސަންގުން ވެސް އެ ވަރު ވިސްނާނެ އެވެ. އެކަށީގެންވާ ވަގުތުގައި، އަތުޖެހޭ ހިސާބަށް ރައުޓަރުތައް އަންނާނެ ކަމަށް ބަލަމާ އެވެ.
ޒަމާނީ ވަސީލަތްތަކުގެ ބާރުގަދަ މިންވަރު ކަނޑައެޅުމުގައި ފަހަަތަށް ހިސާބު އަދަދެއް އިތުރުކުރުމުން، އެންމެ ފަހުގެ އާލާތަކީ އެންމެ މަތީ އަދަދެވެ. ގެލަކްސީ އެސް8، އެސް9 އަދި އެސް10 އަށް ނަން ދީފައި ވަނީ މި އުސޫލުންނެވެ. ވަންޕްލަސް5 އަދި ވަންޕްަސް6 ވެސް ފެތެނީ މި މޭރުމަށެވެ.
ސެމްސަންގް ގެލަކްސީ އެސް10 ގައި ވައިފައި 6 ގާއިމުކުރުމުން، އަތުން ސޮހިގެންދާހާ ހަލުއި ފޯނަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ވައިފައި ޓެކްނޮލޮޖީގައި ހިމެނޭ އެއްމެ ފަހުގެ ކުޅަދާނަކަން އެސް10 އަށް ލިބިދެވޭނެ އެވެ.
ވައިފައި 6ގެ އަސާސަކީ ހަމައެކަނި ދުވެލި ބާރުވުމެއް ނޫނެވެ. މި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ބޮޑަށް ބަލާފައި ވަނީ "ސްމާޓް ހޯމް" ޑިވައިސްތައް، އެއް ޑިވައިސް އަނެއް ޑިވައިސްއާ ގުޅި ލާމެހިގެން ކުރެވޭ މުއާމަލާތްތައް ފުލުން ދިޔަނުދިނުމެވެ. ޑިވައިސްތަކުގެ މެދުގައި ރިމޯޓްކޮށް ގާއިމުކުރެވޭ މުއާމަލާތްތައް ކަނޑަ ކަނޑައިގެން ދިޔަނުދިނުމެވެ. އެހެންކަމުން، ގެލަކްސީ އެސް10 ގައި ގާއިމުކުރެވޭ ވައިފައި 6 ޓެކްނޮލޮޖީގެ ސަބަބުން ހަރުދަނާ އާލާތަކަށް މި ފޯނު ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަސްދޮށުގޭ އަހުމަދު
07 February 2019
މި ދޫނި ރާއްޖޭގައި ތިޔަ ބުނާ ޒާތުގެ "ވައިފައި" އެބަ އޮތްތަ؟