5ޖީ ތަރައްގީކުރުމުގައި ވާވޭ އަށް ހުރި ދަތިތަކުން ސެމްސަންގް ފައިދާނަގަނީ

ގައުމުތައް 5ޖީ މޮބައިލް ނެޓްވޯކަށް ބަދަލުވާންވެފައި ވާއިރު، 5ޖީ ޓެކްނޮލޮޖީ އަށް އެންމެ ފަރިތަ ކުންފުންޏަކީ ޗައިނާގެ ވާވޭ އެވެ. އެހެން ނަމަވެސް، މުއްސަނދި ގައުމުތަކުން ވާވޭ އަށް ޖެއްސުންކުރަން ކުރާ މަސައްކަތްތަކާ ހެދި، ވާވޭ އަށް މިއީ ކުރެވިދާނެ ވިޔަފާރިއެއް ކަމަކަށް އަދި ނުފެނެ އެވެ.


ވާވޭއިން އުފައްދާ 5ޖީ އާލާތްތައް ނުގަތުމަށް، އެމެރިކާ އަދި ބައިވެރިން ގޮވާލަމުންދާ ގޮވާލުމުމަށް އާނއެކޭ ބުނެ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއު ޒިލޭންޑް ވެސް ވަނީ އެއްބަސްވެފަ އެވެ.

ވާވޭ އަށް ކުރިމަތިވެފައި އޮތް ނުތަނަވަސްކަމުން ފައިދާ ނަގައި، 5ޖީ ރޭހުން ކުރި ހޯދުމަށް ސެމްސަންގުން 22 ބިލިއަން ޑޮލަރު ހޭދަކުރަން ގަސްދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

5ޖީ މޮބައިލް މާކެޓްގައި ސެމްސަންގަށް އަދި އެހާ އިސް ދައުރެއް ނެތެވެ. އެންމެ ކުރީގައި އުޅެނީ ވާވޭ އެވެ. އެރިކްޝަނަށް ދެ ވަނަ އަދި ނޮކިއާ އަށް ތިން ވަނަ އެވެ. ސެމްސަންގް އުޅެނީ ޗައިނާގެ ޒީޓީ އަށް ވުރެ ވެސް ފަހަތުގައި، ތިން ޕަސެންޓްގަ އެވެ.

މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ވާވޭ އަތުން 5ޖީ އާލާތްތައް ނުގަނެފި ނަމަ، ދުނިޔެ އަށް 5ޖީ ތައާރުފުކުރުމަށް ނަގާ ވަގުތު ދިގުދެމިގެން ދާނެ އެވެ. 5ޖީ އަށް ކަމުދާ ހުރިހާ އާލާތްތަކެއް، އެހެން އެއްވެސް ބަޔަކަށް ވުރެ މޮޅަށް، ވާވޭ ވަނީ ތަރައްގީކޮށްފަ އެވެ.

ދުނިޔޭގެ 5ޖީ ނެޓްވޯކަށް ކަމުދާ އާލާތްތައް ދެން އެންމެ ގިނައިން އުފައްދާ އެރިކްޝަން އަދި ނޮކިޔާ އަށް ވެސް، ވާވޭ އަދި "ޒީޓީއީ"އާ ނުލައި އޮބި އޮންނަ ވަރު ނުވާނެ ކަމަށް ބުނެވެ އެވެ.

ސެމްސަންގުން 5ޖީ ނެޓްވޯކް ތަރައްގީކުރުމަށް ބޮޑު ހޭދައެއް ކުރި ނަމަވެސް، ޓެކްނޮލޮޖީ ގާއިމުކުރާ ހަމަ އަށް ދިއުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. ސެމްސަންގްގެ މި ޚަބަރާ އެކު، ސެމްސަންގް 5ޖީ އާލާތްތަކަށް ޝައުގުވެރިވާ ކަމަށް އޮރޭންޖް ފަދަ ބޮޑެތި ނެޓްވޯކްތަކުން ވަނީ ބުނެފަ އެވެ. އަދި ސައިތު ކޮރެއާއިން ވެސް ސެމްސަންގަށް ލިބޭ ތަރުހީބު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.