ނިމިގެން މި ދިޔައީ ޓެކްނޮލޮޖީގެ ދުނިޔޭގައި ލަދުވެތި ދެ ކަމެއް މެދުވެރިވި ހަފުތާއެކެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަނދައި އަޅިއަށްވެ ދެ ކުންފުންޏަކަށް ލަދުވެތިކަން އަދި އަނެއް ބަޔަކަށް މާލީ ބޮޑު ގެއްލުންތަކެއް ކުރިމަތިވީ އެވެ.

"ސްޕޭސްއެކްސް"ގެ ރޮކެޓެއް އުދުއްސާލަން އުޅެނިކޮށް ގޮވައި، އަނދާ ހުލިވި އެވެ. ސްޕޭސްއެކްސް އަކީ އެމެރިކާ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ ޖައްވަށް ސެޓެލައިޓް ގެންދިއުމެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފަޅުވެރިންނާއި ކާބޯތަކެތި އުފުލުމަކީ ވެސް އެ ކުންފުނިން ކުރާނެ ކަމަށް ބުނާ މަސައްކަތެކެވެ.

ސްޕޭސްއެކްސްގެ ރޮކެޓާ އެކު ފޭސްބުކްގެ ސެޓެލައިޓެއް ވެސް ވަނީ އަޅި އަށް ފެވަ އެވެ. އެއީ ފޭސްބުކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ސެޓެލައިޓް އުފެއްދި ކުންފުނިން ބުނި ގޮތުގައި، އަނދައިގެން އެ ދިޔައީ 200 މިލިއަން ޑޮލަރެވެ. ފޭސްބުކުން ޖައްވަށް ސެޓެލައިޓެއް ފޮނުވުމުގެ ބޭނުމަކީ، ދުނިޔޭގައި އިންޓަނެޓް ލިބެން ނެތް ސަރަހައްދުތަކަށް، އިންޓަނެޓް ފޯރުކޮށްދިނުމެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 7ގެ ބެޓެރީ ގޮވައި ހުޅުހިފައިފި އެވެ. ގެލަކްސީ ނޯޓް މާކެޓަށް ނެރެ ވިޔަފާރި ހަމަ ފެށިތަނުން އެ ވަނީ ފޯނުތައް ވިއްކުން ހުއްޓާލަން ޖެހިފަ އެވެ. އެ ވަރުގެ ބޮޑު ދެރައެއް ދުވަހަކު ވެސް ސެމްސަންގް އަށް ލިބުނުކަން އަދި ކަށަވަރެއް ނުވެ އެވެ. އައިފޯން 7 މާކެޓަށް ނެރެން ކުޑަތަން ވެފައި ވަނިކޮށް ހިނގި ހާދިސާގެ ސަބަބުން ސެމްސަންގް ވަނީ ލަދުން ބޯފަޅައިގެން ދާ ވަރު ވެފަ އެވެ.

ބެޓެރީގައި އުޅޭ ދޯހަޅިކަމަކުން ކަމަށް ބެލެވޭ މައްސަލަ ދިމާވެދާނެ ހުރިހާ ފޯނެއް ބަދަލުކޮށްދޭ ސެމްސަންގުން ވަނީ ނިންމާފަ އެވެ. ގެލަކްސީ ނޯޓް 7 ގައި ވެސް ބޭނުންކޮށްފައި ވަނީ "ލިތިއަމް-އަޔަން" ބެޓެރީ އެވެ. ސްމާޓްފޯނުތަކުގައި މިހާރު ބޭނުންކުރެވޭ މައިގަނޑު ވައްތަރަކީ އެއީ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 7ގެ ބެޓެރީ އިންނަނީ ވަކިކުރެވޭ ގޮތަކަށް ނޫނެވެ. އެހެންކަމުން ނުބައި މިންގަނޑެއްގެ ބެޓެރީއެއް ލެއްވުމުގެ ފުރުސަތު ބޭނުންކުރާ މީހުންނަކަށް ނޯންނާނެ އެވެ. ފެކްޓަރީން ދޫކޮށްލާއިރު ނޯޓް7ގައި އިންނާނީ 3500 އެމްއޭއެޗް، "ލިތިއަމް-އަޔަން" ބެޓެރީއެކެވެ.

ލިތިއަމް-އަޔަން ބެޓެރީ ގެންގުޅުމުގައި ފަރުވާތެރިވާން ޖެހެ އެވެ. އޮޅުކޮށްގެން ގެންގުޅެން އެނގިއްޖެ ނަމަ އެއީ މިހާތަނަށް ފެނިފައި އޮތް އެންމެ ރައްކާތެރި މިންގަނޑެވެ. ފޯނު ޗާޖުކުރާއިރު ބާލީސް ދަށުގައި ނުބޭއްވުމާއި، ޗާޖްކުރާއިރު ހޫނު ގަދަވެދާނެ ކަމަށް ބަލައި، ކަރުދާސް އަދި ފިލާގަނޑެއް ކަހަލަ އެއްޗެއްގެ މަތީގައި ނުބޭއްވުން ރައްކާތެރި އެވެ.

ލިތިއަމް-އަޔަން ބެޓެރީ އަކީ ޗާޖްކުރަން ވަގުތު ނަގާ އެއްޗެކެވެ. "ފާސްޓް ޗާޖިން"ކުރަން އުޅޭއިރު ފެންވަރު ދަށް ޗާޖަރު ބޭނުންކުރުމުން ދިމާވެދާނެ މައްސަލައަކަށް ޒިންމާވާންޖެހޭނީ އަމިއްލަ އަށެވެ. ރަނގަޅު މިންގަނޑަކަށް އުފައްދާފައި ހުންނަ ޗާޖަރު ނޫން ޗާޖަރެއް ބޭނުންކުރުމުން ބެޓެރީ އަދި ފޯނުގެ އުމުރު ވެސް ކުރުވުން އެކަށީގެންވެ އެވެ.

ބޭނުންކުރާ މީހުންގެ އިހުމާލުން ނޫން ގޮތަކަށް ގެލަކްސީ ނޯޓް 7ގެ ބެޓެރީ ގޮވުމުން ބެލެވެނީ އެއީ ބެޓެރީ އުފެއްދުމުގައި އުޅޭ މައްސަލައެއް ކަމަށެވެ. ލިތިއަމް-އަޔަން ބެޓެރީ އުފެއްދުމުގެ މަރުހަލާގައި ވެސް ހިނގައިދާ ނުކިއްސަރު މިންގަނޑެއްގެ ސަބަބުން ބެޓެރީގައި މައްސަލަ ދިމާވެ އެވެ. އެ ގޮތުގަައި ބެޓެރީ މާ އަވަހަށް ހޫނުވުން، ޗާޖް ނުހިފެހެއްޓުން އަދި ފުއްޕުން ފަދަ ސިފަތައް ފާޅުވުން އެކަށީގެންވެ އެވެ. ފެކްޓަރީގައި ކުރާ ޓެސްޓްތަކުން އެއިން މައްސަލައެއް ނުފެނުނު ނަމަވެސް، ފޯނު ބޭނުކުރަން ފަށައި، ދެތިން ފަހަރު ޗާޖްކުރުމުން ވެސް އެ ކަންތައްތައް ތިލަވެ އެވެ.

ބިޔަ ކުންފުނިތަކުން ޑިވައިސްތައް އުފެއްދުމުގައި ބައިތައް އުފައްދަނީ އެކި ގައުމުތަކުގަ އެވެ. އެ ގައުމުތަކުގައި ހުންނަ އެ ކުންފުނީގެ ފެކްޓަރީތަކުގަ އެވެ. ސެމްސަންގް ބައެއް ފޯނުތައް ސައުތު ކޮރެއާގައި، ބައެއް ފޯނުތައް ވިއެޓްނާމްގައި ވެސް އުފައްދަ އެވެ. މި ފަހަރު ޖެހިގެން އުޅޭ މައްސަލާގައި ގޮވާފައި ވަނީ ކޮރެއާގައި އުފައްދާފައި ހުރި ބެޓެރީ އެވެ. ޗައިނާގައި ވެސް ނޯޓް 7 އަށް ބެޓެރީ އުފައްދަ އެވެ.

ސެމްސަންގް ނޫނަސް ލިތިއަމް-އަޔަން ބެޓެރީ ބޭނުންކުރެވޭ ގޮތަށް އުފައްދާ ޑިވައިސްތަކުގައި މައްސަލަ ޖެހެ އެވެ.