ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބައެއް ފޯނުތައް ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ މައްސަލަ ކުރިމަތި ވާތީ، އޭގެ ފޯނު ސަޕްލައިކުރުން ސެމްސަންގުން ވަގުތީ ގޮތުން ހުއްޓާލައި މައްސަލަ ހުރި ފޯނުތައް ބަދަލުކޮށްދޭން ނިންމައިފި އެވެ.

އެންގެޖެޓްގައި ބުނެފައިވާ ގޮތުގައި، އިހަށް ދުވަހު ބާޒާރަށް ނެރުނު މި ފޯނުގައި މައްސަލަ އުޅެނީ ބެޓެރީގަ އެވެ. ބެޓެރި ގޮވަނީ ބެޓެރީ ޗާޖުކުރަން ބޭނުންކުރާ އެޑެޕްޓަރުގެ ސަބަބުން ނުވަތަ ސާކިޓްތަކުގެ ސަބަބުން ނޫން ކަމަށްވެ އެވެ.

މި މައްސަލަ އުޅެނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ފޯނުގައި ކަމަށް ވިޔަސް ގައުމުތަށް މިލިއަނުން ފޯނު ސަޕްލައިކުރަން ފަށާފައި ވަނިކޮށް މިކަން އެނގުމަކީ ވަރަށް ބޮޑު މައްސަލައަކަށް ސެމްސަންގަށް ވަނީ ވެފަ އެވެ. ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ޔޮންހެޕް ނިއުސް އެޖެންސީން ބުނެފައި ވަނީ ފޯނުގައި ބޭނުންކޮށްފައި ވަނީ ޗައިނާ އާއި ކޮރެއާގައި އުފައްދާފައިވާ ބެޓެރީ ކަމަށާއި މައްސަލަ އުޅެނީ ކޮރެއާގައި ހަދާފައިވާ ބެޓެރީގައި ކަމަށެވެ. ނަމަވެސް، ހުރިހާ ފޯނެއް ބަދަލުކޮށްދޭން ސެމްސަންގުން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ޕްރެސް ކޮންފަރެންސެއްގައި ސެމްސަންގުން ބުނެފައި ވަނީ ބެޓެރީ ގޮވުމުގެ 35 މައްސަލައެއް މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ބެޓެރީގެ މި މައްސަލަ އުޅެނީ "އެންމެ 24 މިލިއަން ޑިވައިސްގައި" ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ މިހާތަނަށް ވިއްކި ކޮންމެ 42،000 ފޯނަކުން 1 ފޯނު ކަމަށް ވެސް ބުނެފައިވެ އެވެ.

ސެމްސަންގުގެ ފޯނު ވިޔަފާރީގެ ރައީސް ކޯ ޑޮންގް-ޖިން ވަނީ ފޯނުތައް ބަދަލުކުރަން ޖެހުމުން ކުރިމަތިވާނެ އުނދަގޫތަކަށްޓަކައި މާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ މިއީ ރައްކާތެރިކަމަށްޓަކައި މިކަން ކޮންމެހެންވެސް ކުރަންޖެހެނީ ކަމަށެވެ.

މީގެ ކުރިން އެޕަލް އާއި ފިޓްބިޓް އާއި އެހެން ބައެއް ޓެކް ކުންފުނިތަކުން ވެސް، މައްސަލަ އުޅެތީ އެތައް ހާސް ޑިވައިސްއެއް ބަދަލުކޮށްދީފައިވެ އެވެ. އެކަމަކު ސެމްސަންގުން މިފަހަރު ބަދަލުކޮށްދޭހާ ގިނައިން މިހާތަނަށް އެއްވެސް ކުންފުންޏަކުން ކޮށްފައެއް ނުވެ އެވެ. މިއީ މޯބައިލް ފޯނު ވިޔަފާރީގެ އެންމެ ކުރީގައި އޮތް ސެމްސަންގަށް ބޮޑު ލަދަކަށް ވެފައި ވާއިރު، ވިއްކާފައިވާ މިލިއަނެއްހާ ފޯނު ބަދަލުކޮށްދޭން ވެސް ބޮޑު ޚަރަދެއް ހިނގާނެ އެވެ.