ގެލަކްސީ މަރުކާގެ ފޯނުތަކަށް ވުރެ، އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި ގަދަ

ސާވޭކުރަނީ ހާލަތު ދެނެގަންނާށެވެ. ކަމެއް ހިނގާ ގޮތް ނުވަތަ މަސައްކަތްތަކެއް ކުރި އަށް ދާ ގޮތް ބަލާށެވެ. ސްމާޓްފޯން މާކެޓްގައި، އެއް ފަޅިން އެންޑްރޮއިޑް ފޯނުތައް ކުޅޭއިރު، އަނެއް ފަޅިން ކުޅެނީ އައިފޯނުތަކެވެ. މި ދެ ބައިން ކުރެ ފޯރިގަދައީ ކޮންބައެއްގެ މެދުގައިތޯ ބެލުމަށް ޕީސީ މެގުން ކުރި ސާވޭއެއްގައި، އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި ގަދަ ކަމަށް ދެއްކި އެވެ.


ދުރުގައި ދިރިއުޅޭ ތިމާގެ މީހުންނަށް އޮންނަ ލޯބި، އެކުގައި އަދި ގާތުގައި އުޅޭ މީހުންނަށް ވުރެ ބޮޑެވެ. މަދުން ފެންނަ އެއްޗިއްސަށް އަދި މަދުމަދުން ލިބެން ހުންނަ އެއްޗިއްސަށް އޮންނަ ބޭނުންތެރިކަށް އިންސާނުންގެ ހިތުގައި ބޮޑެވެ. މިއީ ތަބީއީ ކަމެކެވެ. އިންސާނުން އުފެދުމުގައި މި ތަފާތު އަށަގެންފައި ވަނީ އެވެ.

އައިފޯނު ނެރެނީ އަހަރަކު އެއް ފަހަރެވެ. ސެމްސަންގް ގެލަކްސީ މަރުކާގެ ފޯނުތައް، ދެއިރު ކާ ބޭހެއް ފަދަ އެވެ. އަނެއްކޮޅުން އެ ފޯނުތަކުގައި ފަރަގު ކުޑަ އެވެ. ވަކި ފޯނެއްގައި ނެތް މޮޅެއް، އެހެން ފޯނެއްގައި މަދެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 9 ތައާފުރުކޮށް ގަންނަން ފުރުސަތު ހުޅުވާލައިފި އެވެ. ނޯޓް 9 އަކާ ބެހޭ ގޮތުން މީހަކު ސުވާލެއްކުރާތީ ވެސް ނުއިވެ އެވެ. މިހެން ކަންތައް ވަނީ ނޯޓް 9 ގައި ހުންނާނެ ބާރުވެރިކަން ގިނަ މީހުންނަށް އަންދާޒާކުރެވޭތީ އެވެ.

ގެލަކްސީ ނޯޓް 8 އަކީ ވެސް ބާރުގަދަ ފޯނެކެވެ. ގެލަކްސީ އެސް9 ވެސް ހަމަ އެފަދަ އެވެ. މި ދެފޯނުގެ ތަފާތަކީ ނޯޓް 8ގެ ސްޓައިލަސް އެވެ. އެހެން ނޫނީ ފަރަގު ވަރަށް ކުޑަ އެވެ. އެހެންކަމުން، މި ދެ ފޯނުން ކުރެ ފޯނެއް އިޚުތިޔާރުކުރުމުގައި ގިނަ ބަޔަކު ބަލާނީ އަގަށެވެ. އަހަރަކު ދެ ފަހަރު މި ފަދަ ބާރުގަދަ ފޯނުތައް ސެމްސަންގުން ނެރޭއިރު، ކުރި އަށް ހުރި ފޯނުތަކަށްޓަކައި ކެތްމަދުވާ ބަޔަކު ނޫޅެ އެވެ.

އައިފޯނުތަކަށް މީހުން ދޭ ސަމާލުކަން ބޮޑުވާ އެއް ސަބަބަކީ ދަމަކުން ބަޑިއެއްޖަހާހެން ފެންނަ އެއްޗަކަށް ވުމެވެ. ބާރުވެރިކަމަށް ބަލާއިރު، ގެލަކްސީ ފޯނުތަކަށް ވުރެ ވަކި މޮޅުވެގެނެއް ނޫނެވެ.