އެކި މީހުން އިންޓަނެޓް ބޭނުންކުރަނީ އެކި ބޭނުމުގަ އެވެ. އޭގެ ތެރޭގައި ވައްކަޅިން ބަލައި ފާރަވެރިވާން ޖެހޭ ދެ ބައިގަނޑެއް ހިމެނެ އެވެ. އެއީ ފައިސާ ހޯދަން އިންޓަނެޓް ހާވާ މީހުންނާއި ޝަހުވަތްތެރި ބޭނުންތަކަށް އިންޓަނެޓަށް ވަންނަ މީހުންނެވެ. ހަގީގަތުގައި ބޭއަދަބީ ހުރިހާ ހަރަކާތެއް ނިމެނީ ފައިސާއާ ހިސާބުންނެވެ.
އިންޓަނެޓާ ގުޅިފައި އަބަދު ހުންނަ ނަމަ ލެޕްޓޮޕް އަދި ޓެބްލެޓްގެ ކެމެރާ ނިވައިކޮށްފައި ބެހެއްޓުމަކީ ރަނގަޅު އާދައެކެވެ. ޚާއްސަކޮށް ނެޓްވޯކްގެ ރައްކާތެރިކަން ހުރި މިންވަރު ނޭނގޭ ނަމަ އެވެ. ކުޑަކުދިން ގެންގުޅޭ ލެޕްޓޮޕް އަދި ޓެބްލެޓާ މެދު ނުހަނު ސަމާލުވުމަކީ ބުއްދިވެރިކަމެކެވެ. އަދި އެ ގޮތަށް ކަންތައް ކުރަން ޖެހެނީ ކީއްވެކަން އެ ކުދިންނަށް ކިޔައިދިނުން ވެސް މުހިންމެވެ.
ވަގުތު ގިނަވެގެން އުޅޭ ހެކަރުން އަބަދު ވެސް އިންޓަނެޓް ސްކޭންކުރެ އެވެ. ބަލިކަށި ނެޓްވޯކެއް ފެނިއްޖެ ނަމަ ލަސްތަކެއް ނުވެ ދެމިގަނެ އެވެ. ވެބްކެމް ނުވަތަ ލެޕްޓޮޕް ކެމެރާ އަތުޖެއްސުމަށްޓައި ހެކަރުން ވަރަށް ގިނަ މަޅިޖަހަ އެވެ. އޭގެ ތެރޭގައި ގޭމް ކުޅުވުން ވެސް ހިމެނެ އެވެ. އިންޓަނެޓްގައި ނަގާ ވޯޓެއް ނުވަތަ އަރަތެއް ގޮތުގައި ވެސް އެ ކަހަލަ މަޅިތައް ހުރެ އެވެ.
ކޮމްޕިއުޓަރު ކައިރީގައި އިންނަ މީހާ އަށް ވާނުވާ ނޭނގި، "އޯކޭ"، "އޯކޭ" އަށް ފިތަމުން ދާއިރު، ހަގީގަތުގައި ކޮމްޕިއުޓަރު ލައްވައި އެ ކުރުވަނީ ވެބްކެމް އޮންކުރުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް ވެދާނެ އެވެ. އޭގެ ކުރީގައި، ވެބްކެމް ޖެހިފައި ހުރިކަން އަންގައިދޭ ލެޑް ނުވަަތަ ބޮކި ވެސް ނިއްވާލަ އެވެ.
އެހާ ހިސާބުން ހެކަރުންގެ ލޯ ކޮޓަރި ތެރެ އަށް ފޯކަސްކުރެ އެވެ. ކެމެރާ ކުރިމަތީގައި އިންނަ މީހާ އަށް ވުރެ ބޮޑަށް ފަހަތުގައި ހިނގާ ހަރަކާތްތަކަށް އަމާޒުކުރެ އެވެ. ފޮޓޯ ނަގައި ނުވަަތަ ވީޑިއޯ ކުރާނީ އެހެން މީހުންނަށް ފެންނަން ބޭނުން ނުވާ ހާލަތުގަ އެވެ. އަދި އެ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ފައިސާ ހޯދަން ހެކަރުން އަވަސްވެގަނެ އެވެ.
ވިޔަފާރި ކުންފުނިތަކަށް ވެސް ހެކަރުން ކަޅިއަޅަ އެވެ. އެ ގޮތުގައި ވެބްކެމްގެ އިތުރުން ސީސީ ޓީވީ ނެޓްވޯކަށް ވަދެގަތުން ހިމެނެ އެވެ. ފޯނާއި ކޮމްޕިއުޓަރުގެ މައިކް ޖައްސުވައި ވިޔަފާރި ބައްދަލުވުންތަކުގައި ދައްކާ ވާހަކަ ރެކޯޑްކޮށް ވާދަވެރިންނަށް ވަރަށް ބޮޑު އަގުގައި ވިއްކަ އެވެ.