އަސުސް އަށް އިންޑިޔާގައި ޒެންފޯން އަދި އެ ނަމާ ގުޅުން ހުރި ނަމެއް ވެސް ދެން ބޭނުމެއް ނުކުރެވޭނެ
12 ޖޫން 2019 - 07:30
"ޒެންފޯން" މަރުކާގެ ފޯނުތައް އިންޑިއާގައި ދެން އަސުސް އަށް ނުވިއްކޭނެ ކަމަށް، ދިއްލީ ހައިކޯޓުން ކަނޑައަޅައިފި އެވެ. ހައިކޯޓުން ކުރި އަމުރުގައި ވަނީ، "ޒެން" އަދި "ޒެންފޯން" މަރުކާގައި، ފޯނެއް، ފޯނާ ގުޅުން ބައިތަކެއް އަދި މިއިން އެއްޗަކާ ގުޅުމެއް ހުރި އެއްޗެއް ވެސް ނުވިއްކޭނެ ކަމަށެވެ.
ޓެލެކެއާ ނެޓްވޯކުން ބުނި ގޮތުގައި "ޒެން" އަދި "ޒެންމޮބައިލް" ވިޔަފާރި މަރުކާ އަކީ އެ ކުންފުނީގެ އަމިއްލަ މުދަލެކެވެ. އަސުސްއިން "ޒެން" މަރުކާ ބޭނުންކުރަން ފަށާފައި ވަނީ ޓެލެކެއާ ނެޓްވޯކުން ނަކަލުކޮށްގެންނެވެ.
އަސުސް އިން ވަނީ "ޒެންފޯން" ބޭނުންކުރަން ފެށި ގޮތް ކިޔައިދީފަ އެވެ. އަދި އެއީ ބަޔަކު ބޭނުންކުރާކަން އެނގި ތިބެ ކުރި ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ކޯޓުން ބުނެފައި ވަނީ، އަސުސްއިން އެ ނަން ބޭނުންކުރުމުގައި، ޝައުގުވެރިކަން ފުށުއަރާ ކަމަށެވެ. އަދި އަސުސްއިން އިންޑިއާގައި އެކަން ކުރަމުން ދަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށެވެ.
ސްމާޓްފޯން މާކެޓަށް ޒެންފޯން ތައާރުފުވެ މަޝްހޫރުވެފައި ވަނީ އަސުސްއާ ގުޅުވައިގެންނެވެ. ޒެންފޯންގެ ނަން ހަމަ އިވޭ ތަނުން ވެސް އެއީ އަސުސްކަން ގިނަ ބަޔަކު ދަނެ އެވެ. އަސުސް އިން އަންނަނީ ޒެންފޯންގެ ނަމުގައި ސްމާޓްފޯންތައް އުފައްދައި ދަރަޖަކުރަމުންނެވެ. އަދި ޒެންފޯނަކީ މެދު ފަންތީގެ ފޯނުތަކުގެ ތެރެއިން ހޮވައިލެވޭ މަޝްހޫރު މަރުކާއެކެވެ. އަސުސްއިން މިހާރު ނިންމާފައި ވަނީ އިންޑިއާގައި ވިއްކާ ފޯނުތަކުގެ ނަން ބަދަލުކުރާށެވެ. އެ ގޮތުގައި "ޒެންފޯން 6" އަށް ދެން ކިޔާނީ "އަސުސް 6ޒީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނު.
16 June 2019
އިންޓެރެސްޓް ގެ ދެ މާނައެއް އޮވޭ. 1. ޝައުގުވެރިކަން 2. މަސްލަހަތު ތަރުޖަމާކުރުމުގައި ވިސްނަވާ.