އޮޕޯ ފޯނެއްގެ ސެލްފީ ކެމެރާ ސްކްރީން ދަށަށް

ސްކްރީން ދަށުގައި ކެމެރާ ހަރުކުރުމަކީ ސްމާޓްފޯން މާކެޓަށް އަދި އާ ޓެކްނޮލޮޖީއެކެވެ. ނަމަވެސް، ޗައިނާގެ އޮޕޯ ކުންފުނިން އެ ހިސާބަށް ގޮސްފި އެވެ. އޮޕޯއިން ބުނި ގޮތުގައި، ކެމެރާ އަށް ޖާގަ ދިނުމަށްޓަކައި ސްކްރީނުން ތަންގަޑެއް ދެން ހުސްކުރާކަށް ނުޖެހޭނެ އެވެ.


ސްމާޓްފޯނުތަކުގެ ސްކްރީން ބޮޑުކުރުމަށް ކުންފުނިތަކުން މަސައްކަތްތަކުގައި "ނޮޗް" ޑިސްޕްލޭ ތައާރުފުކުރި އެވެ. މިއީ މި ޒަމާނަށް އެއްގޮތަކަށް ކަމުދާ ފެޝަނެއް ނޫންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ސްކްރީންތައް ބޮޑުކުރުމަށް "ޕޮޕްއަޕް" ކެމެރާ އަދި "ފްލިޕް ކެމެރާ" ފަދަ އީޖާދުތަކާ ދިމާ އަށް ކުންފުނިތަކުން ދަތުރުކުރި ނަމަވެސް، ސްކްރީން ދަށުގައި ކެމެރާ ވަޅުލުން ނޫން އީޖާދެއް، ދެމެހެއްޓެނިވި ޓެކްނޮލޮޖީއެއް ގޮތުގައި، ކުންފުނިތަކަށް ގަބޫލެއް ނުކުރެވެ އެވެ.

ސެލްފީ ކެމެރާ ސްކްރީން ދަށުގައި ވަޅުލުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި، ވާވޭ، އޮޕޯ އަދި ޝޯމީ ހިމެނެ އެވެ. މިއިން ކޮންމެ ކުންފުންޏަކުން ދަނީ، ކެމެރާ ފޮރުވުމަށްޓަކައި، އެ މީހުން ދަންނަ އުކުޅުތައް ބޭނުކުރަމުންނެވެ. އޮޕޯ އަދި ޝޯމީ ބުނި ގޮތުގައި، ސެލްފީ ކެމެރާ ޑިސްޕްލޭ ދަށަށް ލުމަށްޓައި، ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނެ އެވެ.

އޮޕޯ ފޯނުތަކުގައި "ނޮޗް ޑިސްޕްލޭ" ގާއިމުކުރި ނަމަވެސް، ހަރުދަނާ ސިފައެއް ކަމަށް ނުބެލެވޭތީ "ޕޮޕްއަޕް" ކެމެރާތައް ވެސް ވަނީ ބޭނުންކޮށްފަ އެވެ. އެހެންކަމުން، އޮޕޯ އަށް ގިނަ ތަޖުރިބާކުރެވިފައި ހުންނާނެ ކަމަށް ބެލެވެ އެވެ.

އޮޕޯއިން ބުނި ގޮތުގައި، އެ މީހުންނަށް މިހާތަނަށް ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، ސްކްރީން ދަށުގައި ކެމެރާ ވަޅުލުމަށް ވުރެ ފަސޭހަ ގޮތެއް ނެތެވެ. މިއީ ފޯނުތައް ބޭނުންކުރާ މީހުންނަށް، ފޯނުތައް ގެންގުޅެން ވެސް ފަސޭހަ ގޮތަކަށް ވާނެ އެވެ.

އާ މަރުކާގެ ފޯނުތައް އާންމު މާކެޓަށް ނެރޭނެ ވަކި ތާރީޚެއް އޮޕޯއިން އަދި ހަމައެއް ނުޖައްސަ އެވެ. ބުނެވޭ ގޮތުގައި، ކެމެރާ ފުރިހަމަކުރުމަށް އަދި ވެސް ބައެއް މަަސައްކަތް ހުރީ އެވެ.