ޕިކްސެލް މަރުކާ އަށް ނިސްބަކޮށް ގޫގުލްއިން މަސައްކަތްކުރާ ސްމާޓްގަޑިތައް އަދި މުޅިން ފައްކާނުކުރެވޭ ކަމަށް ބެލެވޭ
21 ސެޕްޓެމްބަރ 2019 - 13:13
ގޫގުލްގެ ޕިކްސެލް އަކީ ހަމައެކަނި ސްމާޓްފޯން އުފައްދާ މަރުކާއެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. ޕިކްސެލް އަށް ނިސްބަތްކުރަން އެދޭ އާލާތްތަކުގެ ގެރޭގައި ސްމާޓް ގަޑި ވެސް ހިމެނެ އެވެ. އެއީ "ޕިކްސެލް ވޮޗް" އެވެ. ގޫގުލް އަކީ އިންޓަނެޓް ސޮފްޓްވެއާ އަށް ބާރުގަދަ ކުންފުންޏެއް ނަމަވެސް، ހާޑްވެއާ މާކެޓަށް އަދި އެހާ ގާބިލުކަމެއް ނެތެވެ.
ޕިކްސެލް ސްމާޓް ގަޑި އުފެއްދުމަށް ގޫގުލް އިން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެއީ ޕިކްސެލް ފޯނުތައް އުފައްދަން ފެށި އަހަރު ވެސް މެ އެވެ.
ގޫގުލް އިން މި ފަހަރު ވެސް ޕިކްސެލް ގަޑިއެއް ނުނެރޭނެ ކަމަށް އެބަ ބުނެ އެވެ. ޕިކްސެލް 4 އާންމުކުރުމަށް އޮކްޓޯބަރު 15 އަށް ތާވަލުކޮށްފައި އޮތް ރަސްމިއްޔާތުގައި ވެސް ޕިކްސެލް ގަޑިއެއް ނުފެންނާނެ އެވެ. މިއީ ތުންތުންމަތިން ދެކެވޭ ވާހަކައެއް ނަމަވެސް، ކަންތައްތައް ވެދާނެ ގޮތް ކަމަށް ގަބޫލުކުރެވެ އެވެ.
ސްމާޓް ގަޑި އަކީ ގޫގުލް އަށް ޑިޒައިންކުރަން ދަތި އާލާތެއް ނޫނެވެ. ގަޑިތައް ހިންގަން ސޮފްޓްވެއާ އުފެއްދުމަކީ ވެސް ނިމިފައި އޮތް މަސައްކަތެކެވެ. ގޫގުލް އަށް ސްމާޓް ގަޑިތައް އުފައިދެނީ، ސައުތު ކޮރެއާގެ އެލްޖީ ކުންފުނިންނެވެ. އެހެންކަމުން ހާޑްވެއާ އުފެއްދުމަކީ ވެސް ވާން އޮތް ކަމެކެވެ.
ޕިކްސެލް ގަޑި ތައާރުފުކުރުމަށް ގޫގުލުން ފަސްޖެހޭ ސަބަބެއް ކަމަށް، މަސްރަހު ދިރާސާކުރާ މީހުން ބުނަނީ، ގޫގުލްއިން ބޭނުން ފެންވަރުގައި އަދި އެކަން ވާން ނެތީ ކަމަށެވެ. ޕިކްސެލް ގަޑިތަކެއް ކަމަށް ބަލައި މީގެ ކުރިްނ ވެސް ސްމާޓް ގަޑިތަކެއް އުފެއްދި ނަމަވެސް، އެ ނަން ކެންސަލްކޮށް އެއީ "އެލްޖީ ވޮޗް ސްޕޯޓް" އަދި "އެލްޖީ ވޮޗް ސްޓައިލް" ކަމަށް ނިންމައި ވަނީ މާކެޓަށް ނެރެފަ އެވެ.
ގޫގުލްއިން ޕިކްސެލް ގަޑިއެއް އަދި ނެރެން ބޭނުންނުވަނީ، ގަޑިތައް ހިންގަން ބޭނުންކުރާ "ވެއާ އޯއެސް" ގައި ހުރި ސިފަތައް ގަޑިތަކާ ހަމަ އަށް އަދި ނުގެނެވުން ކަމަށް ވެސް ބުނެވެ އެވެ. ޕިކްސެލް މަރުކާގެ ދަށުން ގޫގުލް އަށްނިސްބަތްކޮށް ނެރޭ އާލާތެއްގެ ސަބަބުން ގޫގުލް އަށް ބަޔަކު ފުރައްސާރަކުރަން ނޭދޭތީ ކަމަށް ވެސް ބުނެ އެވެ. އެހެން ނަމަވެސް، ޕިކްސެލް އަށް ވަފާތެރިން ގިނަވަމުން އަންނަ ނިސްބަތަށް ބަލާއިރު، ޕިކްސެލް ގަޑި އަކީ ވެސް ކައިރި ތާރީޚެއްގައި ފެނިދާނެ އާލާތެއް ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy