13 ޑިސެމްބަރ 2019 - 09:20
ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ސަމާލުކަމަށް ދަންނަވާލަމެވެ. ދުވަސްވެ މުސްކުޅި ވެފައި ހުރި ފޯނުތަކުގައި ވަޓްސްއެޕް ދެން ބޭނުމެއް ނުކުރެވޭނެ އެވެ. ވަޓްސްއެޕުން ވަނީ މިކަން އިއުލާންކޮށް އާންމުންގެ ސަމާލުކަމަށް ގޮވާލައިފަ އެވެ.
މި ތަނުގައި ދުވަސްވީ ފޯނުތައް ކަމަށް މި ބުނަނީ، އޮޕަރޭޓިން ސިސްޓަމަށް ދުވަސްވެފައި ވުމެވެ. މިސާލަކަށް އެންޑްރޮއިޑް ފޯނުތަކުގެ ތެރެއިން ދުވަސްވީ ފޯނެއް ކަމަށް މި ބަލަނީ، ސެމްސްސަންގް ގެލަކްސީ އެސް އާންމުކުރި ހިސާބުންނެވެ. އެ ދުވަސްވަރުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތެވެ.
އެޕަލް އައިފޯނަކަށް ވެސް ދުވަސްވެފައި އޮތް ނަމަ، މިސާލަކަށް އައިއޯއެސް 8 ގައި ވަޓްސްއެޕް ނުހިންގިދާނެ އެވެ. މިއިން ފޯނެއްގައި މިހާރު ވެސް ވަޓްސްއެޕް ބޭނުންކުރާ ނަމަ، ފެބްރުއަރީ 1، 2020 އަކީ ޚިދުމަތަށް ބުރޫއެރުމަށް އެންމެ ފަހު ތާރީޚު ކަމަށް ބަލާށެވެ.
ވަޓްސްއެޕް އިން ބުނާ ގޮތުގައި، ދުނިޔޭގައި، 180 ގައުމެއްގައި، އެއް ބިލިއަނަށް ވުރެ ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރެ އެވެ. ވަކި ތަރުތީބަކުން ބަލައި ބުނާ ނަމަ، ވަޓްސްއެޕް ބޭނުންކުރާ މީހުން އެންމެ ގިނައީ އިންޑިއާގަ އެވެ.
އިންޑިއާ އަކީ އާބާދީ ބޮޑު ގައުމަކަށް ވެފައި، އެވްރެޖް މީހުން ބޭނުންކުރާ ފޯނުތައް ވެސް ދަރަޖަކުރެވެނީ ފެދު ފަންތީގެ ފޯނުތަކެއް ގޮތުގަ އެވެ. އެހެންކަމުން، ދުވަސްވީ ފޯނުތަކަށް ޚިދުމަތް ހުއްޓާލައިފި ނަމަ، ވަޓްސްއެޕް ބޭނުންނުކުރެވޭ މީހުން އެންމެ ގިނަ ގައުމަކަށް އިންޑިއާ ވެދާނެ އެވެ.
ދުވަސްވެ ބާވެފައި ހުރި ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަން ނިންމާފައި ވާއިރު، ވިންޑޯޒް ފޯނުތައް ބޭނުންކުރާ މީހުން ވަކިން ސަމާލުވުމަށް ވަނީ އެދިފަ އެވެ. ވަޓްސްއެޕުން ބުނެފައިވާ ގޮތުގައި، ވިންޑޯޒް ފޯނުތަކަށް ޚިދުމަތްދިނުން މުޅިން ހުއްޓާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy