މައިކްރޮސޮފްޓްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ހިތްވަރުދެނީ
10 މާޗް 2020 - 08:58
މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭ ގޮތް މައިކްރޮސޮފްޓުން ހަމަޖައްސައިފި އެވެ. އެއީ ގައުމުތަކުގައި، ކަންބޮޑުވާ ދަރަޖަ އަށް، ކޮވިޑް-19 ފެތުރިގެންފައި ވާތީ އެވެ.
އެމެރިކާގެ އަވަށްތަކުގައި ވެސް ކޮވިޑް-19 އެބަ ފެތުރެވެ. މައިކްރޮސޮފްޓްގެ އޮފީހެއް، ވައިރަސް ފެތުރޭ އަވަށެއްގައި ހުރި ނަމަ، އެ އޮފީހެއްގެ މުވައްޒަފުންނަށް ލުއިދީ، ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގައި، މުވައްޒަފުންނާ ގުޅުންހުރި ގަވައިދުތައް ވަނީ ބަދަލުކޮށްފަ އެވެ.
މައިކްރޮސޮފްޓުން އެންމެ ފުރަތަމަ މި ގޮތަށް އަމަލުކުރަން ފެށީ ޗައިނާ އަދި ސައުތު ކޮރެއާގަ އެވެ. ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރިގަތީ ވެސް ޗައިނާގަ އެވެ. އަދި އެ އަށް ފަހު ޗައިނާގައި ހުރި މައިކްރޮސޮފްޓްގެ ބައެއް ފެކްޓަރީތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
މުވައްޒަފުންނަށް އަޅާލުމުގައި މައިކްރޮސޮފްޓުން ފަސްޖެހިފައި ވާތީ އަމާޒުވި ފާޑިކިޔުންތައް ގަބޫލުކޮށް، މައިކްރޮސޮފްޓުން ވަނީ މުހިންމު ބައެއް ހަފުލާތައް ވެސް ކެންސަލްކޮށްފަ އެވެ. މި އަހަރަށް ތާވަލްކޮށްފައި ހުރި ޕްރޮގްރާމްތަކުގެ ތެރެއިން "ބިލްޑް 2020" އަދި "އިގްނައިޓް" ކޮންފަރެންސް ބޭއްވުމާ މެދު ރަސްމީކޮށް އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، ކެންސަލްކޮށްފާނެ ކަމަށް ވެސް ބެލެވެ އެވެ.
މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ސިންގަޕޫރު އަދި އިޓަލީގައި ހުރި މައިކްރޮސޮފްޓްގެ ހުރިހާ އޮފީހެއް އަދި ވެސް ބަންދުނުކުރާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy