ޓްވިޓާގެ ވެރިޔާ އެއް ބިލިއަން ޑޮލަރު ހަދިޔާކޮށްފި

ޓްވިޓާގެ ވެރިޔާ ޖެކް ޑޯޒީގެ ބައިވެރިވުން އޮންނަ ޕޭމަންޓް ކުންފުނި ސްކެއާގައި އޮތް އޭނާގެ ހިއްސާގެ އެއް ބިލިއަން ޑޮލަރު ހައިރާތަށް ދޭން ނިންމައިފި އެވެ.


މީޑިއާތަކުން ބުނިގޮތުގައި ޑޯޒީ އެ ފައިސާ ހާއްސަކޮށްފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ހުޅުވާލާފައިވާ ރިލީފް ފަންޑްގެތަކުގެ އިތުރުން އެހީ އަށް ބޭނުންވާ އެކި ޖަމާއަތްތަކަށެވެ. އެގޮތުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނީ މިދިޔަ ހަފުތާގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއާ ހިއްސާވެގެން އުފެއްދި "އެމެރިކާ ފުޑް ފަންޑް" އަށެވެ. އެ ޖަމާއަތަށް ޑޯޒީގެ ފަރާތުން 100،000 ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ޑޯޒީ ނިންމި އިރު އެއީ އޭނާގެ މިލްކިއްޔާތުގެ 28 ޕަސަންޓެވެ. ޑޯޒީގެ ޖުމްލަ މިލްކިއްޔާތަކީ 3.3 ބިލިއަން ޑޮލަރެވެ.

މިކަމާ ބެހޭ ގޮތުން އޭނާ ބުނީ މިއީ އެހީ ދޭންވީ ވަގުތު ކަމަށާއި ކޮރޯނާވައިރަހުގެ މި ހާލަތަކީ އެކަމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ. ޑޯޒީ ބުނިގޮތުގައި އެހީދޭ ފަރާތްތައް ނަމޫނާއަކަށް ބަލައިގެން ވީހާ ވެސް ގިނަ ފަރާތްތަކުން އެހީތައް ދެމުން ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އުމުރަކީ ވަރަށް ކުރު އެއްޗެއް. އެހެންވީމާ ހިނގާ ހުރިހާ އެންމެން އެކަކު އަނެކަކަށް އެހީވަމާ." ޑޯޒީ ބުންޏެވެ.

ޓްވިޓާގެ ސީއީއޯ ޖެކް، 43، އަކީ މި ވަގުތު ޓްވިޓާގެ އިތުރުން ފަސް ބިލިއަން ޑޮލަރުގެ ރައުސުލްމާލެއް އޮތް އިތުރު ކުންފުންޏެއްގެ ހަމައެކަނި ސީއީއޯ ވެސް މެ އެވެ. އެގޮތުން މޮބައިލް ޕޭމަންޓް ކުންފުނި ސްކެއާގެ ވެސް ސީއީއޯ އަކީ ވެސް އޭނަ އެވެ.