މުޅި ދުނިޔެ ނެޓްވޯކުން ގަތާލުމަށް ފުއްޕާހަމުގައި އިންޓަނެޓް
24 އެޕްރީލް 2020 - 09:00
ދުނިޔޭގައި އިންޓަނެޓް ނުފޯރާ އާބާދީތައް ގިނަ އެވެ. މިއީ ހަމައެކަނި ގޫގުލް އަށް އެނގޭ ކަމެއް ނޫނެވެ. މަޝްހޫރު ވިޔަފާރި ކުންފުނިތަކުން އަންނަނީ މި މަސައްކަތްކުރަމުންނެވެ. އިންޓަނެޓް ނުލިބޭ އާބާދީތަކަށް އެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ގޫގުލްގެ ބެލެނިވެރި އަލްފަބެޓުން ހިންގާ ލޫން އިން ވެސް އަންނަނީ، އުސް ފަރުބަދަތަކުގެ އަހުލުވެރިންނަށް އިންޓަނެޓް ފޯރުކޮށްދޭން މަސައްކަތްކުރަމުންނެވެ. މާސިންގާ ފުއްޕާހަންތަކެއް ހަވަޔަށް ފޮނުވައި، ޖައްވުގައި ނެޓްވޯކް އެޅުމުގެ ބޭނުމަކީ، ވަސީލަތްތައް މަދު ހިސާބުތަކުގައި ދިރިއުޅޭ މީހުން އިންޓަނެޓުން ގަތައިލުމެވެ.
ލޫންގެ މަސައްކަތް މި ފަހަރު އޮތީ ކެންޔާގަ އެވެ. މައި އަވަށްތަކުން ބޭރުގައި، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވެސް ވާސިލުވެވެން ނެތް ސަރަހައްދުތަކުގައި، ދިރިއުޅޭ އާބާދީތަކަށް ޚިދުމަތްދިނުމަށް ބޭނުންވާ ހަންތައް ހުރީ އަރުވާފަ އެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ، އެއް ހަން އަނެއް ހަމާ ވަޔަލެސްކޮށް ގުޅުވައި، ބިމަށް ފޮވުވާ ސިގްނަލް ކަވަރުކުރާ ސަރަހައްދު ފުޅާކުރުމެވެ.
ދުނިޔެ އަށް އިންޓެނެޓް ފޯރުކޮށްދޭން ލޫން އިން ކުރާ މަސައްކަތަކުގެ ބޮޑު ބަޔަކީ ދިރާސާ އެވެ. ވިލާތަކަށް ވުރެ އުހުގައި، ބައެއް ހިސާބުތަކުގައި 65،000 ފޫޓަށް ވުރެ އުހުގައި، މާސިންގާ ފުއްޕާހަންތަކެއް ކޮންޓްރޯލްކުރުމަށް ވިސްނަންޖެހޭ ވިސްނުން ބޮލުން ފަތްފާބާހާ ވެ އެވެ. އެހާ އުހުގައި ޖެހޭ ވައިގެ ތަބީއަތު ދަސްކުރުމަށް، މޫސުމީ ރެކޯޑްތައް ހާވައި ތަޖުރިބާކުރުމަށް ދުވަސްތަކެއް ވަނީ ހޭދަކޮށްފަ އެވެ.
ލޫން އިން ބޭނުންކުރާ ހަންތަކަކީ ހަގީގަތުގައި ޓެލެކޮމިއުނިކޭޝަން ޓްރާންސްމިޓާތަކެކެވެ. ބިމުގައި ހުންނަ ޓެލެކޮމިއުނިކޭޝަން ޓަވަރުތައް ހުންނަނީ މި ހަންތަކާ ގުޅިފަ އެވެ. ބިމުން ފޮނުވާ ސިގްނަލްތައް ހަންތަކަށް ލިބުމުން އަނބުރާ ބިމުގެ އެހެން ދިމާއަކަށް ސިގްނަލް ފޮނުވައި ދެ އެވެ. މި ހަންތައް ބޭނުންކުރަން ޖެހެނީ ފަރުބަދަތައް ގިނަ އަދި ބިން އުފެދިފައި އޮންނަ ގޮތުން މާސްޓްތައް ކޮޅަށްޖެހެން ނުހުންނާތީ އެވެ. އަދި މާސްޓްތަކެއް ކޮޅަށް ޖެހި ނަމަވެސް ފަރުބަދަތަކުގެ ސަބަބުން ސިގްނަލް ކަނޑައިގެންދާނެތީ އެވެ.
ލޫންގެ ހަންތައް، ފުއްޕާހަންތަކެއް ގޮތުގައި ސިފަކުރި ނަމަވެސް، މިއީ ކުޅޭކުޅޭ އެއްޗިއްސެއް ނޫނެވެ. މި ހަންތައް ޑިޒައިންކޮށްފައި ވަނީ ތޫފާނީ މޫސުންތަކުގައި، އިރުގެ ގަދަފަދަ ހޫނުގައި އަދި ވައިގެ ދަގަތްފާނީ އޮއިވަރުގައި 100 އަށް ވުރެ ގިނަ ދުވަހު ދެމެހެއްޓޭ ފެންވަރަށެވެ. މިއީ 50 ފޫޓު ފުޅާ އަދި 40 ފޫޓް އުސް ހަންތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުތާ ބެއްޔާ
24 April 2020
ކުނިން ކަނޑުތައް ފުރައި ނިމުނީމާ މިހާރު ބޯމަތިން އޮތް އުޑުވެސް ފުރާލަނީއެވެ. މިހާރުވެސް ދުނިޔޭގެ ޖައްވުގައި އެތައްޓަނެއްގެ ކުނި އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެސްޓްރޮނޯޓެއްގެ އަތުން ދޫވި އިސްކުރު އަނބުރާ ކަށިގަނޑެއްވެސް ހިމެނެއެވެ.
ސާދާ ސީދިބޭ
24 April 2020
އިންސާނުންގެ ކުޅަދާނަކަމުގެ މިކަހަލަ ހަބަރުތައް ފެނިފާ ބޯގޮވާހާވަރުވޭ.