އައިއޯއެސް 13 އައިފޯންތަކަށް އައިއޯއެސް 14 ލިބިދާނެ

އެޕަލް އިން އަދި މިކަން ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު ވެސް މި ބުނުމުގައި ޔަގީންކަން ބޮޑެވެ. އައިއޯއެސް 13 އިން ހިންގާ ހުރިހާ އައިފޯނަކަށް އައިއޯއެސް 14 ލިބޭނެ ކަމަށް ވެ އެވެ. ނަމަވެސް، މިކަން މުޅިން ކަށަވަރު ވާނީ އެޕަލް އިން ބުނުމުންނެވެ.


އެޕަލް އިން ކޮންމެ އަހަރަކު ބާއްވާ "ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް" އަކީ މިކަހަލަ ވާހަތައް ރަސްމީކޮށް އިއުލާންކުރާ ހަފުލާ އެވެ. މި އަހަރު، ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް ބާއްވަން ހަމަޖައްސާފައި ވަނީ މި މަހު، ޖޫން 22 ގަ އެވެ. ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ކޮންފަރެންސް ބާއްވާނީ މުޅިން ތަފާތު ގޮތަކަށެވެ. އޮންލައިންކޮށެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ވަކިއަޅަމުން ދާތީ އާންމުނަށް ވަނީ ގޭބަންދުގައި ތިބެން ޖެހިފަ އެވެ. ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ސައްލާކޮށް އުޅުން މަނާވެފައި ވާތީ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް އޮންލައިން ނޫން ގޮތަކަށް ބޭއްވޭކަށް ނެތެވެ.

އައިއޯއެސް 13 އިން ހިންގާ ހުރިހާ އައިފޯނަކަށް އައިއޯއެސް 14 ލިބުން ބޮޑު އުފަލަކަށް ވާނެ އެވެ. އިންތިޒާރުގައި ތިބި ވަފާތެރިންނަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއޯއެސް 14ގެ ރީތިކަން ފެންނާނެ އެވެ. އައިފޯން 6 އިން ފެށިގެން "އައިފޯން އެސްއީ (2020) އާ ހަމަ އަށް އައިއޯއެސް 14 ލިބޭނެ ކަމަށް، އިތުބާރު ހުރި ކަމަށް ބުނާ މީހަކާ ހަވާލީދީ އިންޓަނެޓް ޚަބަރުތައް އެބަ ބުނެ އެވެ. ބަލަން ތިބެމާ ދޯ އެވެ.