ވައިބާ އިން ފޭސްބުކް ބޮއިކޮޓްކުރަނީ

ވައިބާ އިން ފޭސްބުކާ ދުރަށް ޖެހި، އެއާ ގުޅުން ހުރި ޚިދުމަތްތައް، ވައިބާ ނެޓްވޯކްގައި ބޭނުންކުރުން ހުއްޓާލައިފި އެވެ. އަދި ވިޔަފާރި އުސޫލުން ފޭސްބުކް ނެޓްވޯކް ގައި އިސްތިހާރުކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. އެހެންކަމުން، ފޭސްބުކް، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ ފޭސްބުކަށް ނިސްބަތްކުރެވޭ ސޯޝަލް އެޕްލިކޭޝަންތައް މެދުވެރިކޮށް ވައިބާ ބޭނުންކުރާ މީހުންނަށް ލިބުނު ފަސޭހަތައް އުނިވެގެން ދާނެ އެވެ.


ވައިބާ އިން ފޭސްބުކް ބޮއިކޮޓްކުރަނީ، ނަސޭހަތްތެރިވުމުން ވެސް، އަނިޔާވެރިކަމަށް އަދި ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ލިޔުންތައް ފޭސްބުކް ނެޓްވޯކުން މަދު ނުކުރާތީ އެވެ. އަދި ނަފުރަތުކުރުމާއި ތަފާތުކުރުމަކީ ފޭސްބުކަށް މާލީ ތަނަވަސްކަން ލިބޭ ވަސީލަތަކަށް ވާތީ އެވެ.

ފޭސްބުކްގެ އަޚުލާގަށް ބަދަލު ނައުމަކީ ދުނިޔެ ހިތާމަކުރާ ކަމެކެވެ. މި ސަބަބާ ހެދި ފޭސްބުކް ދޫކޮށްލަން ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ. މި ގޮވާލުމަށް ބާރުދިނުމުގެ ގޮތުން، މަޝްހޫރު ވިޔަފާރިވެރިންނާއި ފަންނުވެރިން އަންނަނީ ފޭސްބުކް ދޫކޮށްލަމުންނެވެ. އަދި ވިޔަފާރީގައި ދުނިޔެ އަށް މަޝްހޫރު މަރުކާތަކުން ވެސް ފޭސްބުކާ މެދު އަންނަނީ ވިސްނަމުންނެވެ.

ފޭސްބުކް ހިންގަން ތިބި މީހުންނަށް އެއްޗެއް ވިސްނައިދިނުމަށް، ފޭސްބުކަށް ދޭ އިސްތިހާރުތައް ހުއްޓާލަން ވެސް ދަނީ ގޮވާލަމުންނެވެ. އަދި ކުރި އަށް އޮތް ޖުލައި މަހު ފޭސްބުކްގެ އާމްދަނީ އަށް ބަދަލު އަންނަވަރު ކުރުމަށްޓަކައި، މި ގޮވާލުމުގައި ގިނަ ބަޔަކު ބައިވެރިވާން އެދޭ ލިޔުންތައް އިންޓަނެޓްގައި ދަނީ އާންމުކުރަމުންނެވެ.

ވައިބާ އިން ފޭސްބުކާ ދުރަށް ޖެހުނު ނަމަވެސް އަދި އައިސްކްރީމް ބްރޭންޑްތަކުން ފޭސްބުކް ދޫކޮށްލި ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި، ފޭސްބްގެ އާމްދަނީ އަށް ބޮޑު ބަދަލެއް ނާންނާނެ އެވެ. ވިޔަފާރި ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ފޭސްބުކަށް ލޮޅުންއަރާ ވަރުގެ ހަރަކާތެއް ހިންގުމަކީ ވިޔަފާރި ކުންފުނިތަކަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އެއީ ފޭސްބުކަށް ގެއްލުންވާއިރު އެ ކުންފުނިތަކަށް ވެސް ބޮޑެތި ގެއްލުންވާނެތީ އެވެ.