އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ

އެޕަލް އިން ދެން ނެރޭ އައިފޯނާ އެކު ޗާޖަރެއް ނުލިބޭނެ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. މި ފޯނަށް އިންތިޒާރުކުރަނިކޮށް ބޭއްވި އިވެންޓުގައި ފޯނެއްގެ ވާހަކަ ނުވެސް ދައްކަ އެވެ. މުޅި އިވެންޓް ހާއްސަވީ ގަޑިއަށެވެ. ގަޑީގެ ތަފްސީލުގެ ތެރެއިން އެއާ އެކު ޕަވަ އެޑަޕްޓަރު ނުލިބޭނެ ވާހަކަ ވެސް އިއުލާނުކުރި އެވެ.


އެޕަލް އިން އަމަލުކުރި އާންމު އުސޫލަކީ، އެޕަލް ގަޑިތަކާ އެކު، ފޮށިތެރޭގައި 5 ވޮޓް ޔޫއެސްބީ ޕަވާ އެޑަޕްޓަރެއް، ޗާޖަރާ އެކު ހިމެނުމެވެ. ޗާޖަރު ގުޅަން ވަކިން އެޑަޕްޓަރެއް ބޭނުން ނަމަ އެޕަލް ސްޓޯރުން 19 ޑޮލަރަށް ގަންނާށެވެ. އެކަމަކު އެޕަލް ގަޑި ގެންގުޅޭ މީހުންގެ އަތުގައި މިހާރުވެސް އެޑަޕްޓަރެއް އޮންނާނެކަން ޔަގީނެވެ.

ސީރީޒް 6ގެ ގަޑިތަކާ އެކު އެޕަލް އިން އެޑަޕްޓަރެއް ނުދިނެއް ކަމަކު މެގްނެޓިކް ޗާޖިން ކޭބަލް އޮންނާނެ އެވެ. އެއީ ބޭނުން ނަމަ ލެޕްޓޮޕަށް ވެސް ގުޅާލައިގެން ޗާޖުކޮށްލުމަށެވެ.

އެކަމަކު އެޕަލް ގަޑީގެ އެންމެ އަގުބޮޑު ދެ ވައްތަރު ކަމަށްވާ ޓައިޓޭނިއަމް އެޕަލް ވޮޗް އެޑިޝަން އާއި އެޕަލް ވޮޗް އޭމިސްއާ އެކު އެޑަޕްޓަރު ލިބޭނެ އެވެ.

ސްމާޓްފޯން މާކެޓަށް ނެރޭ ކޮންމެ ފޯނަކާ އެކު ނުވަތަ ކޮންމެ ސްމާޓް ޑިވައިސްއަކާ އެކު އެޑަޕްޓަރެއް ހިމެނުމަކީ ބުއްދި ގަބޫކުރާ ކަމެއް ނޫން ކަމަށް ޔޫރަޕުން އެޕަލް އަށް އެންގި އެވެ. ސްމާޓް ޑިވައިސްތައް އުފައްދާ ހުރިހާ ކުންފުނިތަކަށް ވެސް ވަނީ އަންގައިފަ އެވެ.

ޔޫރަޕުން ބުނީ ޗާޖަރުތައް ގިނަވުން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށެވެ. ދުވަސްވެފައި ހުރި ޗާޖަރުތައް ނައްތާލުމުގައި ތިމާވެއްޓަށް ކަމުދާ ޓެކްނޮލޮޖީތައް ބޭނުންކުރަން ޖެހިފައި ވާ ކަމަށެވެ. އެހެން ނޫނަސް، ކޮންމެ ޑިވައިސްއަކާ އެކު ޗާޖަރެއް ވިއްކުމަކީ ބޭކާރު ގޮތުގައި ކަސްޓަމަރުން އަތުން އަތުލާ ފައިސާ ކަމަށެވެ. މި ކަމަށް ހައްލެއް ނުހޯދައިފި ނަމަ އެއީ އައިފޯނު ނަމަވެސް، ޔޫރަޕްގައި ނުވިއްކޭނެ ކަމަށެވެ.