ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
17 މާޗް 2020 - 13:54
ޖެނީވާ (މާޗް 17) - ކޮވިޑް-19 އަށް ކުޑަކޮށް ވެސް ޝައްކުވާ ނަމަ ޓެސްޓްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ގޮވާލައްވައިފި އެވެ.
"ކަނުބަނދެގެން ތިބެ އަލިފާން ނިއްވާނުލެވޭނެ،" ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވި އެވެ. "މިދިޔަ ހަފުތާގައި ވަނީ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައި."
ޗައިނާގައި ބަލި ކޮންޓްރޯލްކުރި އިރު ރޯގާ އެންމެ ބޮޑަށް މިހާރު ފެތުރެމުން ދަނީ އިޓަލީ، ސްޕޭން، ޖަރުމަން، އީރާން އަދި ފްރާންސްގަ އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތަކަށް ޓެޑްރޯސް ވަނީ ތައުރީފް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ފިހާރަތަކާއި ސިނަމާތައް ބަންދުކުރުން ހިމެނެ އެވެ.
ޓެޑްރޯސް ވިދާޅުވީ ބަލިޖެހިފައި ތިބީ ކޮން ބައެއްކަން ނޭނގި ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެކަމަށް އޮތް ހައްލަކީ ކުޑަކޮށް ވެސް ޝައްކެއްވާ ނަމަ އެ މީހަކު ޓެސްޓްކޮށް އެކަހެރިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ ޑަބްލިއުއެޗްއޯ އިން މި އެދެނީ ޓެސްޓް، ޓެސްޓް، ޓެސްޓް ކުރަނ. ޝައްކުވާ ކޮންމެ ކޭހެއް ޓެސްޓް ކުރަން،" ޓެޑްރޯސް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން އެކަނިވެސް 120 ގައުމަށް 1.5 މިލިއަން ޓެސްޓް ކިޓް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 183،247 އަށް އަރައިފަ އެވެ. އެ ބަލީގައި މަރުވެފައި ވަނީ 7،177 މީހުންނެވެ. ބަލިން ވަނީ 79،905 މީހުން ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
17 March 2020
ޝައްކުވީމަ ގޭގަ މަޑުކުރަން މިތަނުން އަންގަނީ.
ހިތްޝައްކު
17 March 2020
ރާއްޖޭގައި ޓެސްޓްކުރަންޖެހެނީ ބަލިވީމަ، ޝައްކުވިޔަސް ނުޖެހެޔޯކުރަން
ބާބާ
17 March 2020
ރާއްޖޭގަ އަހަރުމެންގެ ކަންބޮޑުވުމަކީ ދުވާލަކު ކިތައް މީހުން ޓެސްޓް ކުރެވޭކަން ނޭގޭތީ. ޝައްކުވާ މީހުން އަވަހަށް ޓެސްޓު ނުކުރެވޭނަމަ ބަލި އެހެން ގިނަބަޔަކަށް އެރުމުގެ ފުރުސަތު އޮންނާނެ. ބަލިޖެހޭ މީހުންގެ 20 ޕަސެންޓް ހާލު ބޮޑުވެ ހޮސްޕިޓަލުގަ އެޑުމިޓް ކުރަންޖެހޭ އިރު، ރާއްޖޭގެ އާބާދީގެ 10 ޕަސެންޓަށް ބަލިޖެހުނަސް އެއި 14،000 މަތި، އެތަނުން ކިތައް ހާސް މީހުންނަށް ވެންޓިލޭޓާރ ބޭނުންވާނެ، މިހާރު އަދި ރެޑީވަނީ 220 ވެންޓިލޭޓަރުގެ ޚިދުމަތައް.