ފަލަސްތީނުގެ ސީނިއާ އޮފިޝަލް ސައީބު އަރަކާތު. --ފޮޓޯ:އޭއެފްޕީ
17 ޑިސެމްބަރ 2016 - 11:59
ގުދުސް (ޑިސެމްބަރު 17) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ މެދުއިރުމަތީގެ ސުލްހަ އަށް އޮތް އުއްމީދު ނެތިގެންދާނެ ކަމެއް ކަމަށް ފަލަސްތީނުގެ އިސް އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ.
ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ސައިބު އަރަކާތު ވިދާޅުވީ ގުދުސް އަކީ ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގައި އެންމެ ފަހުން މަޝްވަރާ ކުރަން ޖެހޭ ބައި ކަމަށެވެ. އަދި ގުދުސްއާ މެދު މިހާރު ގޮތެއް ނިންމުމަކީ ސުލްހަ ހަލާކުކޮށްލުން ކަމަށް ވިދާޅުވި އެވެ.
ސައިބު އަރަކާތު މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވަނީ ހަރުކަށި ޚިޔާލުގެ ބޭފުޅެއް ކަމަށްވާ ޑޭވިޑް ފްރީޑްމަން އިޒްރޭލުގެ ސަފީރު ކަމަށް ހަމަޖައްސައިފަ އެވެ. އޭނާ އަކީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދީންނަށް ގެ އަޅައިދިނުމަށް ތާއީދު ކުރައްވާ ފަރާތެކެވެ. އަދި އޭނާ ވަނީ ގުދުސްގައި އެމެރިކާގެ އެމްބަސީ ގާއިމްކޮށް އެ ތަނުގައި މަސައްކަތް ކުރަން އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ސަފީރަކަށް ފްރީޑްމަން ހަމަޖެއްސުމުން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލް ސަރުކާރުގެ ކަނާތު ފިޔައިގެ މެންބަރުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
އަރަކާތު ވަނީ އެމެރިކާ އެމްބަސީ ބަދަލު ކުރުމާއި ޔަހުދީންނަށް ގެ އެޅުން އެމެރިކާ އިން ކުށްވެރިކުރަމުން އައި ސިޔާސަތު ބަދަލު ކުރުމަކީ ނުރަނގަޅު ނަތީޖާ ނުކުމެދާނެ ކަމެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ތެލް އަވީވުގައި ގާއިމްކޮށްފައި ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް އިޒްރޭލުން ވެރިވެގަތީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
17 December 2016
ޢިންޝާﷲ ޔަހޫދީންގެ ރޭވުން ނާކާމިޔާބު ކުރައްވާންދޭވެ. ޢާމީން
އުދުހޭ
17 December 2016
އިސްރާއީލުން ހިންގިޔަސް ހަގީގީ ގާތިލުންނަކީ އެމެރިކާނުންކަން މީގެން މި އެނގެނީ.