މިހާރު ބަލާ ސަރަހައްދުން އެމްޗް370 ފެނުން ދުރު: ތަޖްރިބާކާރުން

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 20) - ގެއްލިފައިވާ އެމްއެޗް370 ހޯދަން ކަނޑު އަޑިން މިހާރު ބަލަމުންދާ ސަރަހައްދުން އެ ބޯޓު ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ތަޖްރިބާކާރުން ބުނެފި އެވެ.


ބޯޓު ހޯދަން ދެކުނު އިންޑިއާ ކަނޑުގެ އަޑި ބަލާތާ ދެ އަހަރުވެއްޖެ އެވެ. ތަޖްރިބާކާރުން ބުނަނީ ބޯޓު ހޯދަން ބަލާ ސަރަހައްދު އިންޑިއާ ކަނޑުގެ އުތުރަށް ބޮޑަށް ޖައްސަން ޖެހޭ ކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޮސްޓްރޭލިއާ އިން ބުނެފައި ވަނީ މުއްދަތު އިތުރު ކުރުން އެކަށީގެން ނުވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑަރެން ޗެސްޓާ ވިދާޅުވީ ބޯޓު އޮތް ތަނާ ބެހޭ މައުލޫމާތެއް ނުލިބިއްޖެ ނަމަ އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ފަހުން ބޯޓު ހޯދުން ކުރިއަށް ގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތް ކުރަނީ އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާ ގުޅިގެންނެވެ. ބޯޓު ހޯދާ ޓީމުގެ ފަހުގެ ރިޕޯޓް ބުނާ ގޮތުގައި މިހާރު ބަލާ ސަރަހައްދުން ބޯޓާ ބެހޭ އެއްވެސް ނިޝާނެއް ފެނުމަކީ ނާދިރު ކަމެއް ކަމަށެވެ.

ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބޯޓު ހޯދުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ހުއްޓާލަން ވަނީ ނިންމާފައި.

ބޯޓު ހޯދުމަށް ބަލަމުންދަނީ އިންޑިއާ ކަނޑުގެ ދެކުނުން ކަނޑު އަޑިން 120،000 އަކަ ކިލޯ މީޓަރު (46،332 އަކަ މޭލު) ގެ ސަރަހައްދެކެވެ. ތަޖްރިބާކާރުން ބުނަނީ މިހާރު ބަލާ ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލައިފި ނަމަ ބޯޓު ފެނިދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ލިބެން ހުރި ހެކިތަކަށް ބަލާ ބޯޓު ވެއްޓިފައި އޮވެދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަރަހައްދަކީ އެއީ އެވެ.

ކުއާލަ ލަމްޕޫރުން ފުރައިގެން 239 މީހުންނާ އެކު ބެއިޖިން އަށް ދަތުރުކުރި ބޯޓު ގެއްލުނީ މާޗު، 2014 ގަ އެވެ. ގެއްލިފައިވާ އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތި ވަނީ އެފްރިކާގެ ބައެއް ގައުމުތަކުން ފެނިފަ އެވެ.