ރުމޭނިއާގެ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓްކުރި ޝައިދާހު. --ފޮޓޯ:އޭޕީއޭ
28 ޑިސެމްބަރ 2016 - 09:25
ބުކަރެސްޓް (ޑިސެމްބަރު 28) - ރުމޭނިއާގެ ފުރަތަމަ މުސްލިމް ބޮޑު ވަޒީރުގެ މަގާމަށް ނޮމިނޭޓްކުރި ސެވިލް ޝައިދާހު އެ ގައުމުގެ ރައީސް ކްލައުސް ޔޮހަނިސް ގަބޫލެއް ނުކުރެއްވި އެވެ.
ރައީސް ޔޮހަނިސް ގަބޫލް ކުރެއްވި ނަމަ ޝައިދާހު ވެގެންދާނީ ރުމޭނިއާގެ ފުރަތަމަ އަންހެން އަދި ފުރަތަމަ މުސްލިމް ބޮޑު ވަޒީރަށެވެ. ބޮޑު ވަޒީރުގެ މަގާމަށް ޝައިދާހު ގަބޫލް ނުކުރެއްވި ސަބަބެއް ރައީސް ޔޮހަނިސް ހާމަކުރައްވައިފައެއް ނުވެ އެވެ.
ނަމަވެސް ސިޔާސީ ތަޖްރިބާ ނެތް ކަމަށް ބުނެ ޝައިދާހަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެއް ފަހަރެއްގައި ރީޖަނަލް ވަޒީރުކަން ކުރުން ފިޔަވައި އިތުރު މަގާމެއް އޭނާ ފުރުއްވައިފައެއް ނުވެ އެވެ. ތަޖްރިބާކާރުން ބުނަނީ ޝައިދާހަށް ބޮޑު ވަޒީރުކަން ޔަގީން ނުވުމުގެ އެއް ސަބަބަކީ އެކަމަނާ ސީރިއާ މީހަކާ ކައިވެނި ކުރައްވައިގެން އުޅުއްވާތީ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ސަލާމަތީ ގޮތުން ނުރައްކަލެކެވެ.
ޕީއެސްޑީގެ ލީޑަރު ލިވިއު ޑްރެގްނިއާއާ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓްކުރި ޝައިދާހުއާ ގާތް ގުޅުންތަކެއް އޮތް ކަމަށް ތުހުމަތުކޮށްފައިވޭ. --ފޮޓޯ:އޭޕީއޭ
ބޮޑު ވަޒީރު ކަމަށް ޝައިދާހު ނޮމިނޭޓް ކުރީ ސޯޝަލް ޑިމޮކްރެޓިކްސް (ޕީއެސްޑީ) ޕާޓީންނެވެ. އެ ޕާޓީގެ ލީޑަރު ލިވިއު ޑްރެގްނިއާ ވިދާޅުވެފައި ވަނީ ރައީސް ޖޮހަނިސް މަގާމުން ދުރުކުރުމަށް ވިސްނާނެ ކަމަށެވެ. އަދި ބޮޑު ވަޒީރު ކަމަށް ޝައިދާހު ގަބޫލް ނުކުރެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް އުޅުއްވަނީ ސިޔާސީ ހަމަނުޖެހުންގަނޑެއް ފަށަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޓީވީން ދެއްވި ބަޔާނެއްގައި ރައީސް ޖޮހަނިސް ވިދާޅުވީ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓް ކުރި ބޭފުޅާގެ ރަނގަޅާއި ނުބައި ދިރާސާކޮށްފައިވާ ކަމަށާއި އަދި ބޮޑު ވަޒީރުކަމަށް އެކަމަނާ ގަބޫލް ނުކުރަން ނިންމާފައިވާ ކަމަށެވެ. ބޮޑު ވަޒީރު ކަމަށް އެހެން ނަމެއް ހުށަހެޅުމަށް ރައީސް ވަނީ ޕީއެސްޑީ އަށް ގޮވާލައްވައިފަ އެވެ.
މި މަހު ކުރީކޮޅު ބޭއްވި އިންތިޚާބު ޕީއެސްޑީން ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު ޑްރެގްނިއާ އަށް ބޮޑު ވަޒީރު ކަމަށް ވަޑައިނުގެންނެވުނީ ކުރީގެ އިންތިޚާބެއްގައި މަކަރު ހަދާފައިވާތީ ދެ އަހަރު ދުވަހުގެ ސަސްޕެންޑެޑް ހުކުމެއް އައިސްފައިވާތީ އެވެ. ޝައިދާހަކީ ޑްރެގްނިއާގެ ވަރަށް އަރިސް ބޭކަނބަލެކެވެ. އަދި ބޮޑު ވަޒީރުކަން ލިބިވަޑައިގެންނެވި ނަމަވެސް ޝައިދާހު ވަނީ ޑްރެގްނިއާގެ ޕަޕެޓަކަށް ކަމަށް އަޑު އަރާފައިވެ އެވެ.
ރުމޭނިއާގައި އާ އިންތިޚާބެއް ބާއްވަން ޖެހުނީ ނޮވެމްބަރު، 2015 ގައި ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އާއްމުންގެ ރުޅިވެރިކަން އުފެދުމުން ކުރީގެ ބޮޑު ވަޒީރު ވިކްޓާ ޕޮންޓާ އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުގެ ދަރި
28 December 2016
ކިހިނެއްތޯ މުސްލިމަކަވަނީ ނަންތޯ ތިއަންހެންމީހާގެ ބޭރުފުށުން މުސްލިމެއްގެ ސިފައެއް ނުޖަހާ ވަގުތުވެސް އެއޗެއްލިޔާއިރު ވިސްނާލުން އެދެން
އަލިބެގެއަލީ
28 December 2016
މުސްލިމެއްކަމަށްވަނީ ބޭރުފުށުން މުސްލިމެއްގެ ސިފަޖެހިގެން އުޅުނީމަތޯ. ހަހަހަހަހަހަހާ