ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަވަހާރަވުމާ ގުޅިގެން ޗެންނާއީގެ ރަޖާޖީ ހޯލުގައި ބޭއްވި މޫނު ދައްކާލުމުގައި އިންޑިއާގެ ބައެއް ސަޕޯޓަރުންނާއި މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
29 ޑިސެމްބަރ 2016 - 15:14
ޗެންނާއީ (ޑިސެމްބަރު 29) - ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަޔަލަލިތާގެ މަރާ ގުޅިގެން މެޑްރާސްގެ ހައި ކޯޓުން ސުވާލުތަކެއް އުފައްދައިފި އެވެ.
"ޖަޔަލަލިތާގެ މަރާ ގުޅިގެން މީޑިއާ އިން ވެސް ވަނީ ވަރަށް ގިނަ ޝައްކުތައް އުފައްދާފައި. އަޅުގަނޑު އަމިއްލަ އަށް ވިސްނާ އިރު ވެސް ޖަޔަލަލިތާގެ މަރާ މެދު ގިނަ ސުވާލުތައް އުފެދޭ،" ފަނޑިޔާރު ވައިދިޔަލިންގަމް ވިދާޅުވި އެވެ. "އެކަމަނާ އެޑްމިޓްކުރި އިރު ރަނގަޅު ޑައިޓުގައިވާކަން އެނގޭ. އެކަމަނާ އަވަހާރަވުމުން ވެސް ތެދު ހާމަކުރަން ޖެހޭ."
މެޑްރާސްގެ ހައިކޯޓުން މައްސަލަ ބަލަމުންދަނީ ޖަޔަލަލިތާގެ މަރާ ގުޅިގެން ޝައްކުތަކެއް އުފެދޭތީ އެކަން ތަހުގީގު ކުރަން އަމުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ކޯޓުން ވަނީ ޖަޔަލަލިތާގެ ހެލްތު ރިޕޯޓް ފޮނުވަން އަންގައިފަ އެވެ. އަދި ޖަޔަލަލިތާގެ ގަބުރު ކޮނެގެން ނުނެގެންވީ ކީއްވެތޯ ވެސް ކޯޓުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ޑިސެމްބަރު 5 ވަނަ ދުވަހު ޖަޔަލަލިތާ އަވަހާރަވީ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ ދެ ހަފުތާ ފަހުންނެވެ. ޓަމިލް ނާޑޫގައި ހަތަރު ފަހަރަށް ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ ޖަޔަލަލިތާ ވަޅުލާފައި ވަނީ ޗެންނާއީގެ މެރީނާ ބީޗުގަ އެވެ. ދެކުނު އިންޑިއާގައި "އައްމާ" ގެ ނަމުން މަޝްހޫރު ޖަޔަލަލިތާ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެޑްމިޓްކުރި ފަހުން އާއްމުންނަށް ފެނިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ގަވަރުނަރު ސީ ވިދިޔަސަގަރު ރާއޯ ވެސް ޖަޔަލަލިތާއާ ބައްދަލު ކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުމުގެ ދެ ދުވަސްކުރިން ވެސް އެކަމަނާގެ ޕާޓީ، އޭއައިއޭޑީއެމްކޭ އިން ބުނެފައި ވަނީ ޖަޔަލަލިތާގެ ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy